މީރާ މުހައްމަދު މާޖިދު

"ލޯތްބަކީ" ލަވަ އެއީ "ރީތިކަން" ގެ ކޮޕީއެއް ނޫން: މީރާގެ މެނޭޖަރު

ޒުވާނުންގެ ހިތްތައް އަތުލާފައިވާ މީރާ މުހައްމަދު މާޖިދުގެ އަމިއްލަ ލަވައެއް ކަމަށްވާ "ލޯތްބަކީ" މީގެކުރިން ނެރުނު މޫޝާންގެ "ރީތިކަން" ލަވައިގެ ކޮޕީއެއް ކަމަށް ބުނެ އަޑުތައް މިވަނީ ފެތުރިފައެވެ. "ރީތިކަން" ލަވައިގެ މަންޒަރުތަކާ "ލޯތްބަކީ" ލަވައިގެ މަންޒަރުތައް އެއްގޮތް ކަމަށް ބުނެ އެއީ ކޮޕީ ލަވައެއް ކަމަށް ބައެއް މީހުން ދަނީ ބުނަމުންނެވެ.

މިކަމަށް މީރާގެ މެނޭޖަރު ވަނީ ރައްދު ދީފައެވެ. މީރާގެ މެނޭޖަރު "އަވަސް"އަށް މައުލޫމާތު ދެމުން ބުނީ، "ލޯތްބަކީ" ލަވައަކީ އެއްވެސް ލަވައެއްގެ ކޮޕީއެއް ނޫން ކަމަށާއި "ލޯތްބަކީ" އޮރިޖިނަލް ލަވައެއް ކަމަށެވެ.

"އެއްވެސް އެއްޗެއް ކޮޕީ ކޮށްފައެއް ނީންނާނެ އެ ލަވައިގައި، ކޮޕީ ކޮށްފައޭ އެ ކިޔަނީ މީރާގެ ލަވައިގެ ކޮންސެޕްޓް އިން ގޮތުން މޫޝާންގެ ލަވައިގެ ބައެއް މަންޒަރުތަކާ އެއްގޮތްވަނީ، އެއީ ފެނިފައި ގެއްލޭތީ،" މެނާޖަރު ބުންޏެވެ. "މިސާލަކަށް 2004 ވަނަ އަހަރު ނިކުތް ފިލްމެއް ހަމްތުމްއަކީ އެ ފިލްމްގެ ތީމް ލަވައިގައި ވެސް އެގޮތަށް ފެނިފަ ގެއްލޭ ހަމައެގޮތަށް ޔޭ ޖަވާނީހޭ ދީވާނީގައި އިންނަ ސުބްހާނަﷲ ލަވައިގައި ވެސް އެގޮތަށް ފެނިފަ ގެއްލޭ، އެކަމަކު އޭރުން ނުބުނެވޭނެ ދޯ އެއީ ކޮޕީކޮށްފައިން ލަވައެކޭ،"

މެނޭޖަރު ބުނީ ކޮންސެޕްޓް އެއްގޮތް ވަނީ ކަމަށާއި ދެ ލަވަ އަޅާކިޔާލި ނަމަވެސް، ކޮޕީކޮށްފައޭ ނުބުނެވޭނެ ކަމަށެވެ.

"ލޯތްބަކީ" މީރާގެ ފުރަތަމަ އަމިއްލަ ލަވައެވެ. މީރާއަކީ ކަވާ ލަވަ ކިޔައިގެން ގިނަ ޒުވާނުންތަކެއް ހިތްތައް އަތުލާފައިވާ ލަވަކިޔުންތެރިއެކެެވެ. މީރާގެ ފުރަތަމަ އަމިއްލަ ލަވައަށް ޒުވާނުންގެ ބޮޑު ތަރުހީބެއް ދަނީ ލިބެމުންނެވެ. އާ އަހަރުގެ މުނާސަބަތުގައި ފޭނުންނަށް މީރާ ދިން ހަދިޔާއާއެކު ލަވަ ކޮޕީކޮށްފައިވާ ކަމުގެ ތުހުމަތުތަކެއް ބައެއް މީހުން ކޮށްފައިވީ ނަމަވެސް މީރާއަށް ތައުރީފުގެ ބަސްތައް އޮއްސަމުންދާ މީހުންނެއް ވެސް މަދެއް ނޫނެވެ.

މީރާގެ މި އާ ލަވަ ރިލީޒްކުރިތާ ދެދުވަހުގެ ތެރޭ ޔޫޓިއުބްގައި 33،000 މީހުން ވަނީ ލަވަ ބަލާފައެވެ. މިއީ ރާއްޖެއާ އަޅާބަލާއިރު ބޮޑު ތަރުހީބެކެވެ. މީރާގެ އާ ލަވައެއް ނެރުމަކީ އޭނާ ކުރަމުން ދިޔަ އުއްމީދެކެވެ. މިއަދު އެ އުއްމީދު ހަގީގަތަކަށް ވެފައިވާއިރު މީރާގެ ދެން އޮތް އަމާޒަކީ އަމިއްލަ އަލްބަމެއް ނެރުމެވެ.