ކްރިމިނަލް ކޯޓް

ދަރިފުޅު މަރާލި ޝާހިދާ 17 އަހަރަށް ޖަލަށް

އުމުރުން ހަތަރު އަހަރުގެ ދަރިފުޅު މަރައިލިކަން ސާބިތުވެފައިވާ ށ. ފުނަދޫ ދިނަށަ، އާމިނަތު ޝާހިދާ 17 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މީގެ ހަ އަހަރު ކުރިން ކުޑަކުއްޖާ މަރާލައިފައި ވަނީ ވަޅިއަކުން އެތައް ފަހަރަކު ކުއްޖާއަށް ހަމަލާދިނުމުންނެވެ. އޭރު ފުލުހުން ބުނެފައި ވަނީ ކުޑަކުއްޖާގެ ކަރުގެ ތިން ތަނަކަށާއި، ކޮނޑުހުޅާ ދިމާލުން ހަތަރު ތަނަކަށް އަދި ކަނާތުގެ ދެ ތަނަކަށާއި އަދި ދަތްދޮޅިއަށް ހަމަލާ ދީފައިވާ ކަމަށެވެ.

ދަރިފުޅު މަރައިލި މައްސަލައިގައި ދައުލަތުން ޝާހިދާގެ މައްޗަށް އުފުލީ އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ. މި މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެންނެވެ.

މި މައްސަލައިގައި ހުށަހަޅާފައިވާ ހެކި ގަރީނާއަށް ބަލާއިރު ޝާހިދާގެ މައްޗަށް ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުވާ ކަމަށް މިދިޔަ މަހުގެ 22 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ.

ކްރިމިނަލް ކޯޓުން ޝާހިދާގެ މައްޗަށް މިދިޔަ ބުރާސްފަތި ދުވަހު އިއްވި ހުކުމުގައި ބުނެފައި ވަނީ ދަރިފުޅަށް ހަމަލާ ދެވުނީ ނަފްސާނީ ބައްޔެއްގެ ސަބަބުން ކަމަށް ޝާހިދާ ކޯޓުގައި ބުނެފައިވާ ކަމަށެވެ. އެކަމަކު އެފަދަ ކަމެއް މެދުވެރިވެދާނެ ފަދަ ސަބަބެއް އޭނާގެ ކިބައިގައި ފެންނަން ނެތްކަން މައްސަލަ އާއިއެކު ހުށަހަޅާފައިވާ ރިޕޯޓުތަކުންނާއި، ހެކިންގެ ހެކިބަހަށް ބެލުމުން އެނގެން އޮތް ކަމަށެވެ.

އަދި ޝާހިދާ އެ އަމަލު ހިންގާފައި ވަނީ އަނިޔާވެރި ގޮތެއްގައި ކުއްޖާއަށް އެއްވެސް ފަރުވާލެއް ބެހެއްޓުމެއްނެތި ވަޅިއަކުން ކަން އެނގެން އޮތް ކަމަށެވެ.

އެހެންކަމުން އޭނާގެ މައްޗަށް 17 އަހަރާއި ހަ މަސް ދުވަހުގެ ޖަލުހުކުމެއް އިއްވައި، ކުއްޖާގެ މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ 12 މަސްތެރޭ ދެއްކުމަށް ވަނީ ހުކުމްކޮށްފަ އެވެ.

މިހާތަނަށް ޝާހިދާ ޖަލުގައި ހުރި މުއްދަތު އުނިކުރުމުން ތަންފީޒު ކުރަން ޖެހޭނީ 11 އަހަރާއި ދެ މަސް ދުވަހުގެ ޖަލު ހުކުމެކެވެ.