އަބްދުﷲ ޝާހިދު

ޑޮމިނިކަން ރިޕަބްލިކްގެ އެންމެ މަތީ ނިޝާނުގެ އިއްޒަތް ޝާހިދަށް

ޑޮމިނިކަން ރިޕަބްލިކްގެ އެންމެ މަތީ ނިޝާނުގެ ޢިއްޒަތް އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު (ނޢޢވ) އަށް އަރުވައިފި އެވެ.

މި ނިޝާންގެ އިއްޒަތް މިނިސްޓަރ ޝާހިދަށް އަރުވާފައިވަނީ ޑޮމިނިކަން ރިޕަބްލިކްގެ ވެރިރަށް ސަންޓޮޑޮމިންގޯގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއް ގައެވެ.

‎މިނިސްޓަރު ޝާހިދަށް އަރުވާފައިވަނީ "ދަ ޑުއާޓޭ، ސަންޗޭޒް، އެންޑް މެލާ އޯޑާ އޮފް މެރިޓް" ގްރޭންޑް ކްރޮސް ސިލްވާ ޕެލޭޓެވެ. މި ނިޝާންގެ އިއްޒަތަކީ 1931 ވަނަ އަހަރުން ފެށިގެން އެ ގައުމުން ދެމުން އަންނަ އިއްޒަތެކެވެ.

މި ނިޝާންގެ އިއްޒަތް ނިސްބަތް ވަނީ އެ ގައުމު އުފެދުމުގެ ބާނީން ކަމުގައިވާ ޚުއާން ޕަބްލޯ ޑުއާރްޓޭ އާއި ފްރެންސިސްކޯ ޑެލް ރޮސާރިއޯ ސާންޗޭޒް އާއި ރަމޯން މަތިއަސް މެއްޔާ ކަސްޓިއްޔޯ އަށެވެ. މި އިއްޒަތް އެ ގައުމުން އަރުވަނީ އެ ގައުމަށް ހާއްސަ ގައުމީ ހިދުމަތް ކޮށްދެއްވާފައިވާ ފަރާތްތަކަށާއި ބައިނަލްއަގްވާމީ ދާއިރާގައި ފާހަގަކޮށްލެވޭ ހިދުމަތް ތަކެއް ކުރައްވާފައިވާ އިއްޒަތްތެރިން ނަށެވެ.

ޑޮމިނިކަން ރިޕްބްލިކުން މިނިސްޓަރު ޝާހިދަށް މި ޝަރަފް ދެއްވާފައިވަނީ އެމަނިކުފާނުގެ "އދ ގެ އުންމީދުގެ ރިޔާސަތު"ގެ ތެރެއިން ކޮވިޑް ހާލަތުން ދުނިޔެ އަރައިގަތުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި ދުނިޔެ އަލުން އާރާސްތު ކުރުމަށާއި ތިމާވެށީގެ މައްސަލަތަކަށް ހައްލު ހޯދުމަށާއި އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަށާއި އދ. އިތުރަށް ހަރުދަނާ ކުރުމަށްޓަކައި އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ފާހަގަކުރައްވައި އަގު ވަޒަން ކުރެއްވުމުގެ ގޮތުންނެވެ.

މިނިސްޓަރު ޝާހިދު ޑޮމިނިކަން ރިޕަބްލިކަށް ވަޑައިގެންނެވީ ޖޫން މަހުގެ 16 ވަނަ ދުވަހުއެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އެ ގައުމުގެ ރައީސް ލުއިސް އަބިނަދެ އާ ބައްދަލުކުރައްވައި އެ ގައުމާއި އދ.ގެ އާންމު މަޖިލީހާ ދެމެދު އޮތް ގުޅުން ހަރުދަނާ ކުރުމާއި ކޮވިޑްގެ ޙާލަތުން އަރައިގަތުމުގައި އެ ގައުމުން ހޯދާފައިވާ ކާމިޔާބީއާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

އަދި ފޮރިން މިނިސްޓަރު ރޮބާޓޯ އަލްވަރޭޒް އާއެކު ދެމެހެއްޓެނިވި ތަރައްގީ ހާސިލްކުރުމަށާއި ތިމާވެއްޓަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ. މީގެ އިތުރުން މި ދަތުރުފުޅުގައި ޑޮމިނިކަން ރިޕަބްލިކްގެ ހޯގާ ޑެލް ނިޏޯ އަށް ޒިޔާރަތް ކުރައްވައި ދެމެހެއްޓެނިވި ޓުއަރިޒަމް ތަރައްގީ ކުރުމަށްޓަކައި އެ ގައުމުން ކުރަމުންދާ މަސައްކަތްތައް ބައްލަވާލެއްވުމަށް ވަނީ ހަމަޖެހިފައެވެ.