ބޮލީވުޑް

އަމީތާބުގެ "ޑޮން"ގެ ޓިކެޓް ކިއު މޭލަކަށް އޮތް

އަމީތާބު ބައްޗަންގެ ރަން ޒަމާނުގައި އޭނާގެ ކޮންމެ ފިލްމަކަށް ބެލުންތެރިން ބޮޑު ތަރުހީބެއް ދެމުން ދިޔަ އެވެ. އެއް އަހަރެއް ތެރޭ އޭނާގެ ފަސް ފިލްމެއް ބްލޮކްބަސްޓާއަށް ވެފައި ވުމަކީ އަމީތާބުގެ މަގްބޫލުކަން ބެލުންތެރިންގެ މެދުގައި އޮތް ވަރުގެ މިސާލެކެވެ.


އަމީތާބު ދާދިފަހުން އޭނާގެ މި ރަން ޒަމާން ހަނދާންކޮށްފައިވެ އެވެ. އަމީތާބު ލިޔެފައިވާ ގޮތުގައި އޭނާގެ "ޑޮން" ރިލީޒްކުރަން އުޅުނު ދުވަސްވަރު އެޑްވާންސް ބުކިން ހައްދަން ސިނަމާއެއްގެ ބޭރުގައި ދަމާލި ކިއު މޭލަކަށް ވުރެ ދުރަށް އޮތެވެ.

އަދި މީގެ 44 އަހަރު ކުރިން 1978ގައި ރިލީޒްކުރި އޭނާގެ ފަސް ފިލްމެއް ބްލޮކްބަސްޓާގެ ދަރަޖަ ހޯދި އެވެ. އެއީ "ޑޮން" އާއި "ގަސްމޭ ވާދޭ"، "ޓްރިޝުލް"، "މުގައްދަރް ކާ ސިކަންދަރް" އަދި "ގަންގާ ކީ ސައުގަންދް" އެވެ.

"ބައެއް ފިލްމުތައް 50 ހަފުތާ ވަންދެން ސިނަމާތަކުގައި ކާމިޔާބު ޝޯތައް ދައްކާފައިވޭ. އެއީ ކޮންފަދަ ޒަމާނެއް،" އަމީތާބު ލިޔެފައިވެ އެވެ.

އަމީތާބު މި ވަގުތު ހުރީ "ޕްރޮޖެކްޓް ކޭ" ކިޔާ ފިލްމެއްގެ ޝޫޓިންގް އަށް ހައިދަރުއާބާދުގަ އެވެ. ޕްރަބާސް އާއި ދީޕިކާ ޕަދުކޯންއާ އެކު އޭނާ ކުޅޭ މި ފިލްމުގެ ޝޫޓިންގް މިވަގުތަށް އޮތީ މެދުކަނޑާލާފަ އެވެ. އެއީ ފިލްމު ސެޓުގައި ހުއްޓާ ދީޕިކާ ބަލިވެގެން ހޮސްޕިޓަލަށް ގެންދަން ޖެހުމުން އޭނާއަށް ކުޑަ ދުވަސްކޮޅަކަށް އަރާމުކުރަން ވަގުތު ދިނުމުގެ ގޮތުންނެވެ.