( 16 ޖޫން 2022 އާ ގުޅޭ )
"ފައިން... އައިލް ގެޓް ޓު ދި ޕޮއިންޓް. އައިރިކް... އައިރިކް އިސާކް. އެ ނަން މިވަގުތުން ފެށިގެން ނޯޓުކުރޭ. ހުރިހާކަމެއް ހަނދާންނެތުނަސް އެ ނަން ހަނދާންނައްތާލައިގެން ނުވާނެ. މާޔަލް ކުރިކަމެއްކުރީ އޭނާއަށް. އެއަށްފަހު އެއީ ނުވާކަމަކަށް ހަދައިގެން ތިހުންނަނީ. އެކަމުގެ ސަބަބުން މި ޢާއިލާ ތަޙައްމުލުކުރަމުން އަންނަ ހިތާމަ އެނގޭތަ؟. އުފަލުގައި އުޅޭ ހަމައެކަނި މީހަކީ ތީ. އަހަރެންގެ ދޮންބެ... އޭނާއަކީ ކުރީން އަހަރެމެން ފަދަ މީހެއް. އޭނާގެ ލޯ އަނދިރިކޮށްލި މީހަކީ... ތީ." އައިތަން ބުންޏެވެ.
ވައަތް ފަރާތުގައި ހުރި ގޮނޑީގައި އިން އައިތަންއަށް މާޔަލްގެ ނަޒަރު އަމާޒުކޮށްލައިގެން އިނެވެ. ބަސްހުއްޓިފައި ކަހަލައެވެ. އެ ދެ ލޮލުގައިވި ކަންބޮޑުވުން އައިތަންއަށް ބުނެދިނީ އޭނާ ދެއްކި ވާހަކައާ މެދު މާޔަލް ވިސްނާކަމެވެ.
"ތި ދެމީހުންނާ ކުރީން އަހަރެން ބައްދަލުވިތަ؟. އަހަރެން ކުޑަކޮށް ވެސް ހަނދާނެއްނުވޭ. ހިތާއި ސިކުނޑި ވެސް ބުނަނީ މުޅީން އަލަށޭ އަހަރެމެން ދިމާވީ. ހުރިހާކަމެއް ގަސްދުގައި ހަނދާންނައްތާލީއެއްނޫން. އަދި އަހަންނަކީ މީހަކަށް ގަސްދުގައި އެހާބޮޑު ދެރައެއް ދޭހާ ރަހުމެއްނެތް މީހެއްނޫން. ހަމަ ތެދެއް މިބުނީ... އައިތަން ތިހެން ބުންޏަސް އަހަރެންގެ ހަނދާނަކަށް އެ ހާދިސާއެއް ނާދޭ. ރޭގަނޑުކަން އެކްސިޑެންޓްވީ އެނގުނީ މަންމަމެން ކިޔާދިނީމަ. އެންމެ ކުޑަމިނުން އެރޭ އަހަރެން ކާރަށް އެރީ ކީއްވެކަމެއް ވެސް ނޭނގޭ. ކޮންތާކަށްދާންކަމެއް ނޫނީ ކާކާއެކީ ކަމެއް...." ކުއްލިއަކަށް މާޔަލް ވާހަކަ ހުއްޓާލިއެވެ. އޭނާއަށް ހިންދިރުވާލެވުނެވެ. ދައްކަމުންދިޔަ ވާހަކައިގެ ތެރެއިން އޭނާގެ ސަމާލުކަން ކަމަކަށް ދެވުނެވެ.
"އެރޭ... އެރޭ އަހަންނާއެކު ކާރުގައި އިނީ އައިރިކްތަ؟." ނިކަން ސީރިއަސްކަމާއެކު މާޔަލް އަހާލިއެވެ. އައިތަންގެ ދެބުމަ އިހުނަށްވުރެ ކައިރިވެލިއެވެ.
"އެކަމަކު... އަހަރެން... އައިރިކް..." އައިތަންގެ މޫނުން ފާޅުވި އަސަރުތަކާއެކު އަމިއްލަ ހިތާ މާޔަލްއަށް ވާހަކަދެއްކުނެވެ. އައިރިކްއަކީ ކާކު ހެއްޔެވެ. އޭނާއާއި އައިރިކްއަކީ ރައްޓެހިން ހެއްޔެވެ. ޔަގީނުން ވެސް އެއަށްވުރެ ގާތް ގުޅުމެއް އެ ދެމެދުގައި ނޯންނާނެއެވެ. މާޔަލްގެ ލޯބިވެރިއެއް އެބަހުއްޓެވެ. އޭނާއަކީ އެ ލޯތްބަށް ބޭވަފާތެރިވާނޭ މީހެއްނޫނެވެ. އެތައްހާސް ސުވާލަކުން މާޔަލްގެ ސިކުނޑިއަށް ބަރުވެލައިފިއެވެ. މާޔަލްގެ ސުވާލަށް އައިތަން ރައްދު ނުދިނީތީ އޭނާއަށް ގޮވާލިއެވެ.
"އެކްސިޑެންވީ ދެ ކާރު. ދެ ކާރުގައި ތިބީ ތި ދެ މީހުން." އައިތަން ބުންޏެވެ. އޭނާގެ ކޮންމެ ހަރަކާތަކުން މާޔަލް ކުށްވެރިކުރާ ފަދައެވެ. ހަމައެއާއެކު އޭނާގެ ޟަމީރު އެކަމާ ދެކޮޅު ހަދައެވެ. ރާއްޖެއަކީ ސީޓްބެލްޓް އަޅައިގެން ކާރުދުއްވާ ގައުމެއްނޫނެވެ. އެއީ މަޖުބޫރުކަމެއް ވެސް ނޫނެވެ. އެކްސިޑެންޓުގައި ދެ ޒުވާނުން ވެސް އެހާ ބޮޑު އަނިޔާއެއްވީ އެހެންވެއެވެ. ނަމަވެސް އެކަންކަން އައިތަންއަށް މުހިންމެނޫނެވެ. އޭނާ ބޭނުންވަނީ މާޔަލްގެ ބޮލުގައި ހުރިހާކަމެއްގެ ޒިންމާ އަޅުވާށެވެ. ހުރިހާ ކުށެއްކުރި މީހަކީ މާޔަލްކަން އިޙްސާސްކޮށްދޭށެވެ.
ފުންނޭވާއެއް މާޔަލްއަށް ދޫކޮށްލެވުނެވެ. އައިތަންގެ ބުނުމުން އޭނާއާއި އައިރިކްއާ ދެމެދު ގުޅުމެއްނެތްކަން މާޔަލްއަށް ޤަބޫލުކުރެވުނެވެ. އެހެންނަމަވެސް އޭނާގެ ހިތުގައި އައިރިކްއާ މެދު ހަމްދަރުދީވެއެވެ. ހިނގައިދިޔަ ކަންތަކުގެ ބޮޑުމިން އަންދާޒާކުރާން މާޔަލް ނުކުޅެދުނެވެ. އައިތަންއަކަށް ވެސް އެރޭ ކަންތައްވީގޮތް ކިޔާދޭކަށް ނޭނގުނެވެ. ބަލަންވާވަރަށް ނުބައި ދުއްވަންޖެހޭ މިންގަނޑަށްވުރެ ބާރު ދުވެލީގައި އައި މީހަކީ މާޔަލްކަން އޭނާ ބުންޏެވެ. އެވާހަކަތައް ޤަބޫލުކުރާން މާޔަލްއަށް ދަތިވިއެވެ. އޭނާއަކީ އެހާ ފަރުވާކުޑަ މީހެއްނޫނެވެ. ނަމަވެސް އައިތަންގެ ނިންމުންތަކާ މާޔަލް ޖަދަލެއް ނުކުރިއެވެ. ތަކުރާރުކޮށް އައިރިކްގެ ދެ ލޯ އަނދިރިކޮށްލީ މާޔަލްއޭ އައިތަން ބުނާތީ އެކަމާ އޭނާ ދެރަވިއެވެ.
"މިކަމުގެ ބަދަލު ދޭނީ ކިހިނެއް؟." އައިތަން އެންމެ ފަހުން ބުނެލިއެވެ.
"ބަދަލޭ!... ކިހިނެއް!... ލޮލުގެ ބަދަލުގައި ލޮލެއްތަ؟. ހަގީގީ ގެއްލުމުގެ ބަދަލު އޭރުން ވެސް ދެވޭނެހެން ހިޔެއްނުވޭ. އައިތަން އަހަރެންގެ ކިބައިން ބޭނުންވަނީ ކޮންކަމެއް؟." މާޔަލް ބުންޏެވެ.
"ދޮންބެގެ ލޮލަށް ފެންނަންދެން މާޔަލްގެ ހުރިހާ އުފަލެއް ގުރުބާންކުރޭ." އެއްވެސް އަސަރެއްނެތް ރާގެއްގައި އައިތަން ބުނެލިއެވެ.
"ވަޓް!... ކިހާ ހަމަނުޖެހޭވާހަކައެއްކަން އެނގޭތަ ތިބުނީ." ހައިރާންކަން ލިބިގެންދިޔަ މާޔަލްއަށް ބުނެވުނެވެ.
އައިތަން ހިމޭންވީއެވެ. އޭނާ މާޔަލްގެ ކިބައިން ބޭނުންވަނީ ކޮންކަހަލަ ބަދަލެއްކަމެއް ބުނާކަށް ނޭނގުނެވެ. އެހާ ދުރަށް ވިސްނާފަ ނެތީއެވެ. މާޔަލް ގޮވައިގެން އޭނާ އައީ އައިރިކްގެ ހާލު ބުނެދޭށެވެ. އެކްސިޑެންޓްގެ ސަބަބުން ބޭބެގެ ދިރިއުޅުމުގެ ހަމަގެއްލިފައިވާކަން ބުނެދޭށެވެ. މާޔަލްގެ މޫނުމަތިން ފެންނަ ހިނިތުންވުން ގެއްލުވާލައި އެއީ ކުށްވެރިއެއްކަން އިޙްސާސް ކޮށްދިނުމަށެވެ.
ސައި ތަބަށް ހިފައިގެން ފަޒްނާ އަންނަތަން ފެނި އައިތަންގެ ނަފްސު ހަމައަކަށް އަޅުވާލިއެވެ. ސޯފާތަކުގެ މެދުގައި ހުރި ކޮފީމޭޒުމަތީ ފަޒްނާ އައިސް ތަބަށް ބަހައްޓާލިއެވެ. އެމީހުންނަށް އެއްޗެއް ބޭނުންވާނޭ އައިތަން ނުބުންޏަސް ފަޒްނާއަށް ފެނުނު ހިސާބުން މިހެންވާނޭކަން އައިތަން ލަފާކުރިއެވެ. ސޯފާގައި ދެ ޒުވާނުން ތިބިގޮތުން މުހިންމު ވާހަކައެއް ދެމެދުގައި ދެކެވެނީކަން ފަޒްނާ ދެނެގަތެވެ. އައިތަން ކޮޓަރިއަށް ވައްދަން ގޮވައިގެން އައި އަންހެންކުއްޖެކޭ ކުރީން ހީވި ނަމަވެސް އެ ޚިޔާލު ފަޒްނާގެ ސިކުނޑިން ބޭރުވެއްޖެއެވެ. ގާތް ގުޅުމަކަށް އިޝާރާތްކުރާ ފަދަ އެއްވެސް ހަރަކާތެއް އެ ދެ ޒުވާނުންގެ ފަރާތުން ފާހަގަނުވީއެވެ. ބަހެއްނުކިޔާ އެތަނުން ދިއުމުގެ ކުރީން މާޔަލްއާ ފަޒްނާ ބަދަލުކޮށްލީ ހިނިތުންވުމެކެވެ.
"ސައިބޯންވީނު." އައިތަން ބުންޏެވެ.
"ރުޅިއައިސްފަ އިނދެތަ؟." މާޔަލް އަހާލިއެވެ.
"އަހަރެން ފަހުން މާޔަލްއަށް ގުޅާނަން. ބަދަލުގައި ބޭނުންވަނީ ކޮންކަމެއްކަން ބުނާނަން. ރަޙުމު ހުރިއްޔާ އޭރުން އެނގޭނެ." އައިތަން ބުންޏެވެ.
"އަހަންނަށް ބަދަލު ނުދެވިޖެއްޔާ... ދެން..." މާޔަލް ބުންޏެވެ.
"ނުދެވޭވަރު އެއްޗަކަށް ނޭދޭނަން. ފަހުން ވާހަކަދައްކަމާ... ކޮފީތަ، ސައިތަ." އައިތަން ވާހަކަ ކުރުކޮށްލާފައި ސަޔަށް އިންސާފުކުރާން އެދުނެވެ.
ރިންގުވާންފެށި ފޯނާއެކު މާޔަލް ނިކަން އަވަހަށް ކައިރީގަ ބާއްވާލާފަ އޮތް އަތްދަބަސް ނެގިއެވެ. އޭގެ ތެރެއިން ފޯނު ނަގާ ބަލާލިއެވެ. އޭނާއަށް ގުޅަނީ އިވާންއެވެ. އަވަސް ނަޒަރެއް އައިތަންއާ މާޔަލް ބަދަލުކޮށްލިއެވެ. އެ ކޯލަށް ޖަވާބުދޭން އައިތަންގެ ހުއްދައަކަށް މާޔަލް އަހާލިއެވެ. އައިތަން ބޯޖަހާލުމުން މާޔަލް ސޯފާއިން ތެދުވީއެވެ. ފޯނު ކަންފަތުގައި ޖައްސާލައިގެން ހުރެ މާޔަލް އައިސް މަޑުކޮށްލީ ބެލްކަނީގެ ރެއިލިންގް ކައިރީއެވެ.
"ބޭރުގަ މިއުޅެނީ." މާޔަލް ބުންޏެވެ.
"ދާން ކީއްވެ ނުގުޅީ. ކޮންތާކު ތިއިނީ." އިވާން އަހާލިއެވެ.
"ފްރެންޑެއްގެ ގޭގަ. އޭނާއާއެކީ އައީ. ގެއަށް ދެވުނީމަ ގުޅާނަން." މާޔަލް ބުންޏެވެ.
"ކޮންފްރެންޑެއް؟." އިވާން އޮޅުންފިލުވަން ބޭނުންވިއެވެ.
"އިވާން ނުދަންނާނެ. އޯކޭ... އިހަށް ބާއްވަނީ. ގެއަށް ދެވުނީމަ ގުޅާނަން އިނގޭ." މާޔަލްގެ އަޑުގައި އަވަސްއަރުވާލުން ވިއެވެ.
"ނިމުނީމަ ގުޅާ. ބަލާ ދާނަން." އިވާން ބުންޏެވެ.
މާޔަލް ނޫނެކޭ ބުނަން އުޅެފައި ނުބުންޏެވެ. ކޯލު ކަނޑާލީއެވެ. ސޯފާގައި އިން އައިތަންއާ ދިމާއަށް މާޔަލް ބަލާލިއެވެ. އޭނާ އައިތަންއާއެކު އެ ގޭގައި ކުރަނީ ކީއްކަން އެއްވެސް މީހަކަށް އެނގުން މުހިންމުކަމުގައި މާޔަލް ނުދެކެއެވެ. އެކްސިޑެންޓްއާ ގުޅުމެއްވާ ކަމެއްގައި މާޔަލް ބައިވެރިވާކަން އޭނާގެ ޢާއިލާއަށް އެނގިއްޖެއްޔާ އެމީހުންގެ ޢަމަލްތައް ހުންނާނޭ ގޮތް މާޔަލްއަށް ދެނެގަންނަން އެނގެއެވެ. އޭނާގެ ވަށައިގެންވީ އެންމެންގެ ފަރާތުން އިވެމުން އައީ ހަގީގަތުގެ އެއްބައިކަން މާޔަލްއަށް އެނގިއްޖެއެވެ.
"އައިލް ޑްރޮޕް ޔޫ ހޯމް. ސައިބޮއެގެން ނައްޓާލަންވީ." މާޔަލް އައިސް ސޯފާގައި އިށީނުމުން އައިތަން ބުންޏެވެ. އެއްބަސްވުމުގެ ގޮތުން މާޔަލް ހަމައެކަނި ބޯޖަހާލިއެވެ.
* * * * *
"މިރޭ ވެސް ބޭރަށް ދަނީތަ؟. އެސައިންމެންޓްތައް ނިމުނީތަ؟." ކޮޓަރިން މަލަކް ނުކުތުމާއެކު އޭނާ ހުރި ގޮތް ފެނި އާމާލް އަހާލިއެވެ.
"ޔެސް މަންމާ... ހަވީރު ކޮޓަރިއަށް ވަނީ ނިންމާފަ. މާދަން މޯނިންގަ ސަބްމިޓްކުރާނަން. މިހާރު މިދަނީ އެންމެންވެގެން ސްޓްރެސް ފިލުވާލަން. ގަދައަށް ކާލަންވެގެން... މަންމައަށް މީރު ކާއެއްޗެއް ގެނެސްދޭންތަ." މަލަކް އައިސް ފައިވަން ކަބަޑު ހުޅުވައިގެން ހުރެ ވާހަކަދެއްކިއެވެ.
"ތިހެން ބުނާނެ. ތިވަރަށް ތަންތަނުން ކާއިރު މަންމަމަތިން ހަނދާނެއް ނުހުރޭ." އާމާލް ރުއްސަން އުޅެނީކަން އެނގި ބުނެލިއެވެ.
"އަސްލު ކައިގެން ހިނގާލަން ގޮސްފަ ގެއަށް އަންނަނީ. ކާއެއްޗެހި ހިފައިގެން ކިހިނެއް ހިނގަން ދާނީ. އެހެންވެއޭ ނުގެނެވެނީ. މަންމަމަތިން ހަނދާންނުވާތީއެއްނޫން." މަލަކް ބުންޏެވެ.
"ތިގޮސްފަ ލަސްނުވެ އަންނާތި. ބަލައިގެން އުޅޭތި." އާމާލް ބުންޏެވެ. އޭނާ ބަލަން ހުއްޓާ މަލަކް ގެއިން ނުކުމެއްޖެއެވެ.
ސައިކަލުގައި އައި މަލަކް މަޑުކޮށްގެން އިނީ އުޅަނދުތައް ދިއުމަށް ފެހިބޮކި ދިއްލެންދެނެވެ. މާލެއާ ހަމައަށް އާދެވިފައި އިނުމުން އޭނާ ބޮލުގައިވި ހެލްމެޓް ނެގިއެވެ. ދެން އެއް އަތުން އިސްތަށިގަނޑު ރީތިކޮށްލިއެވެ. އެވަގުތު ޖެހިގެން އިން ސައިކަލުގައި އިން މީހާ މަލްއޭ ގޮވާލިއެވެ. އޭނާއަށް ވެސް ކައިރީގަ އިނީ މަލަކްކަން ވަކިކުރާން އެނގުނީ ހެލްމެޓް ނެގީމައެވެ. ކާކުތޯ މަލަކް ބަލާލިއެވެ. ނަމަވެސް އޭނާގެ ހެލްމެޓްގެ ތެރެއިން ފެންނަނީ ދެ ލޮލެވެ. ކާކުކަން ދެނެގަންނަން މަލަކްއަށް ދަތިވެ ހައިރާންކަން އެކުލެވޭ ބެލުމަކުން ބަލަން އިނދެވުނީއެވެ. އެ ޒުވާނާ އަތް އުފުލާލީ ހެލްމެޓް ނަގާށެވެ. އެވަގުތު ފެހިބޮކި ދިއްލި މަޑުކޮށްގެން ތިބި އުޅަނދުތައް ދުއްވަންފެށިއެވެ. މަލަކް ވެސް ކާކުކަން ނޭނގުމުން ކުރިޔަށް ދުއްވާލީއެވެ.
"މަލް..." އެ ޒުވާނާ އައިސް މަލަކްގެ ސައިކަލާ އަރާ ހަމަކުރަމުން އަނެއްކާ ވެސް ގޮވާލިއެވެ.
"ދަ..ދައް..ޔާން." މަލަކްއަށް ލިބުނު ސިހުން އޭނާގެ ހަރަކާތްތަކަށް އައި ބަދަލުން ވެސް ފެނުނެވެ. ސައިކަލުގެ ހަމަނުގެއްލުނީ ކިރިޔާއެވެ.
"ނުވެއްޓެއްޗޭ..." މަލަކްއަށް ވީގޮތް ފެނި ދައްޔާން ބުނެލިއެވެ. އެ ތުންފަތަށް ވެރިކޮށްލި ހިނިތުންވުން ފެނުމާއެކު މަލަކްގެ ހިތް އަވަސްވެގެން އައެވެ. ރަކިގޮތަކަށް މަލަކްގެ ނަޒަރު ވަކިކޮށްލައި މަގުމައްޗަށް ހުއްޓާލިއެވެ.
"ކިހިނެއްތަ؟. ކޮންތާކަށް ތިދަނީ؟. ގެއަށްތަ؟." ދައްޔާން ވާހަކަދެއްކިއެވެ.
"ރަނގަޅު... ގެއަކަށްނޫން." މަލަކް ބުންޏެވެ. އޭނާ ފެނުމުން ދައްޔާން ވާހަކަދައްކާނޭ ކަމަކަށް މަލަކް ހިޔެއް ނުކުރެއެވެ. ރޭތަކެއް ކުރީން ރެސްޓޯރެންޓެއްގެ ތެރެއިން ދައްޔާން ފެނުނުއިރު އެ މޫނުމަތިން ފެނުނު ސީރިއަސްކަމެއް މިހާރު ނެތެވެ. އެރޭ ވެސް ދައްޔާނަށް އެ ތަނުގައި މަލަކް އިންކަން އެނގުނުނަމަ މިހާރު އެ ވާހަކަދައްކާ ގޮތަށް ކައިރިއަށް އައިސް ހާލު އޮޅުންފިލުވާނެބާއޭ މަލަކްގެ ހިތާ ސުވާލުކޮށްލެވުނެވެ.
"މިހެން އަޅަނީ." ޖުމާ މެންގެއަށްކަން އެންމެ ފުރަތަމަ ދާންޖެހެނީ އެނގޭތީ އެ ގެއަށް ދާން އޮތް މަގަށް އެޅުމުގެ ކުރީން މަލަކް ބުނެލިއެވެ. އެއްވެސް އެއްޗެކޭ ނުބުނެ އޭނާއާއެކު ދައްޔާނު ވެސް އެ މަގަށް ލަނބާލީއެވެ. އޭނާ މަލަކްއާ ވަކިވީ ޖުމާމެންގޭ ދޮށުންނެވެ.
ޖުމާ ނަގައިގެން މަލަކް އައީ މަރިޔަމް އުޅޭ ގޭދޮށަށެވެ. ތިންއެކުވެރީން ހިނގައިގަތީ އެ ގޭ ދޮށުންނެވެ. މަލަކްގެ ސައިކަލު ބެހެއްޓީ މަރިޔަމްމެން ގޭ މަގުގައެވެ. މާލެއިން ބައްދަލުކުރާނަމަ އެ ތިން ރަޙުމަތްތެރީން ކަންތައްކުރަނީ އެފަދައިންނެވެ. އެންމެ ފުރަތަމަ ޚަބަރަކަށް އެކުވެރީންގެ މެދުގައި ހޫނުވެގެން ދިޔައީ ދައްޔާނެވެ. އެ ސުރުޚީއަށް މަލަކް އަލިއަޅުވާލުމާއެކު ޖުމާއާއި މަރިޔަމްގެ ޝައުގު އެކަމަށް ހުއްޓިއްޖެއެވެ.
"މަވެސް ހިޔެއްނުކުރަން އޭނާ ވާހަކަދައްކާނޭ. އަދިވެސް ހިތުގަ އޮތީ ކަންނޭގެ." މަލަކްގެ ވާހަކަ އަޑު އަހާފައި މަރިޔަމް ބުންޏެވެ.
"ހަމައެކަނި ފެނިގެން ވާހަކަދައްކާލީ ނޫންކަމެއް ނޭނގެއެއްނު. ފަހުން ބައްދަލުވާނެތޯއެއް ނާހާ... ފޯނު ނަންބަރު ދޭކަށް ނުބުނޭ. އަނެއްކާ އެއްކަލަ ރޭގަ... ތި މީހުން ވެސް ދުށީމެންނު. އޭނާގެ ގާލްފްރެންޑް ކަންނޭނގެއެއްނު އެއީ." މަލަކްއަށް ބުނެވުނެވެ.
"އެހާ ރުޅިއައިނަމަ ފެނިގެން ނާންނާނެ. ވާހަކައެއް ވެސް ނުދައްކާނެ. ނޫންތަ މަރީ." ޖުމާ ބުންޏެވެ.
"ތެދެއް. މަލްދެކެ ފޫހިވެފަ ހުރިނަމަ އެގޮތަށް އޭނާ ނައީސް. މަލް ބުނެބަލަ... މިހާރު އޭނާ ސަޅިއެއްނޫންތަ. އަދިވެސް ހިތްކިޔާކަހަލަ ގޮތެއް ނުވޭތަ. އަހަރެން ހިތަށް އަރާ މަށަށް ލިބޭނެނަމައޭ." މަރިޔަމް ފާޅުކޮށްލި ޚިޔާލާއެކު މަލަކް ހީނލިއެވެ. އޭނާއަށް ވެސް ދައްޔާނު މިހާރު ފެނުމުން ކުރީން ނުވި އެތައް ގޮތެއް ވާންފަށައިފިކަން އެނގެއެވެ. ރީތިކަމަކީ އެހާވެސް ބާރުގަދަ ހަތިޔާރަކީ ހެއްޔެވެ. ފުރިހަމަކަމުގެ ފަހަތުން ދެވުމަކީ މަލަކްގެ ބަލިފައެވެ. ވީއިރު ދައްޔާނު ފެންނަލެއް ފިރެހެންވަންތައިރު އޭނާގެ ހިތައް ގޮތެއް ނުވެއެއް ނުހުންނާނެ ނޫން ހެއްޔެވެ. އެކަން އެކުވެރީންގެ ކުރިމަތީ ހާމަކުރާން އަދި އަވަހީއެވެ. ދައްޔާނާއި ދެމެދުގައި މާޒީއެއް އެބައޮތެވެ. އެ މާޒީގެ ސަބަބުން ދައްޔާނާމެދު ޚިޔާލުކުރާން މަލަކް ފަސްޖެހެނީއެވެ. އެހެންނަމަވެސް ކުޑަވަގުތުކޮޅަކަށް ވިޔަސް މިއަދު ދެމީހުން ބައްދަލުވެ ވާހަކަދެއްކުނު ގޮތުން މަލަކްގެ ހިތަށް ބަޔާންކުރާން ނޭނގޭހާ އުފާވެރިކަން އިޙްސާސް ވެއްޖެއެވެ.
* * * * *
ކޮޓަރިން ނުކުންނަން ބޭނުންނުވެފައި މާޔަލް އޮތީ އެނދުގައެވެ. ލޯ ކުރިމަތިން ފެންނަނީ އައިރިކްއެވެ. ކާރުން ފައިބައިގެން ވާރޭގެތެރެއަށް ނުކުމެ ހުއްޓިލި މަންޒަރެވެ. މަރުވާން ބޭނުންވަނީތޯ މާޔަލް އަހާލީ ނޭނގުމުގައި ހުރެއެވެ. ނަމަވެސް މިހާރު އެހެން ބުނެވުނީތީ މާޔަލްގެ ހިތަށްވަނީ ފުން އަސަރުތަކެއް ކޮށްފައެވެ. މަޑުމަޑުން ދެ ލޮލުގައި ދެއަތްތިލަ ގެނެސް އޮބާލިއެވެ.
"އަހަރެން ނުފެންނަ މީހަކަށްވީނަމަ... އައި ކާންޓް އީވަން އިމޭޖިން." ލޮލުގައި އަތް އަޅައިގެން އޮވެ މާޔަލް ބުނެލިއެވެ.
"އަހަންނަށް ކޮށްދެވޭނީ ކޮންކަމެއް. އަހަރެންގެ އުފާވެރިކަން ގުރުބާންކުރާށޭ އައިތަން އެބުނީ ކޮންމާނައެއްގައި. ކީއްވެ މަންމަމެން އައިރިކްގެ ވާހަކަ ނުދައްކަންވީ. ހުރިހާކަމެއް މެދުވެރީ އަހަރެންގެ ސަބަބުންކަން އެބައެނގޭ... ކުށެއްނުކުރާކަމަށް އަހަރެންވާނީ ކިހިނެއް. އައިތަންއަށްވުރެ ބޮޑަށް އައިރިކް އަހަންނަށް ނަފުރަތުކުރާނެކަން ޔަގީން. އެހެންވެ ކަންނޭނގެ އައިތަން ނުބުނީ އަހަރެން މީ ކާކުކަން. އަޅެ ކީއްވެތަ އަހަރެން ހަނދާންނުވާންވީ."
އައިތަންގެ ކުރިމަތީ ވިސްނާ ފިކުރުކުރާނޭ ވަގުތު ނުލިބުނަސް ގެއަށް އާދެވުމާއެކު މާޔަލްއަށް އެ ނޫން ފިކުރެއް ނުކުރެވުނެވެ. ހުރިހާ ހިއްސެއް ފުރިހަމައަށް ހުރެފައި ކުއްލިއަކަށް ލޮލުގެ ފެނުން ގެއްލުނީމާ އިންސާނާ މާޔޫސްވާނޭވަރު އޭނާ ތަސައްވުރު ކުރެވޭތޯ އުޅުނެވެ. ނަމަވެސް އެ އިޙްސާސް އެނގޭނީ އެކަން ތަޙައްމުލުކުރާން ޖެހުނީމާކަން އެނގުނެވެ. އެހުންނަނީ އަންދާޒާކުރެވޭނޭ ފަދަ ކަންކަމެއް ނޫނެވެ.
"އަހަންނަށް ކޮށްދެވޭނީ ކޮންކަމެއް؟. އައިތަންއަށް ޤަބޫލުނުކުރެވޭއިރު އައިރިކް މާބޮޑަށް އަހަރެން ކުށްވެރިކުރާނެ. އެކަމަކު އޭނާއަށް ވެވެން އޮތް ގޮތަކުން އެހީވާން އަހަރެންގެ ހިތް ހަމްދަރުދީވޭ. އިންސާނިއްޔަތައް ޓަކައި ވެސް އޭނާ އުފުލާ ވޭން ކުޑަކޮށްދެވެން އޮތިއްޔާ އެކަން ކޮށްދޭ ހިތްވޭ. ހުރަސްތަކާއެކު ދިރިއުޅުން ކުރިޔަށް ގެންދާން ދަތިވީ ނަމަވެސް އެއީ ނުވާނެ ކަމެއްނޫން. އެކަމަކު މާޔޫސްވެ ދިރިއުޅުންމަތިން ފޫހިވެފައިވާ މީހަކަށް ކެތްތެރިވުން ވާނީ އިތުރު ވޭނަކަށް... ކީއްވެ މިހެން މިވީ. އަހަރެން ދުވަހަކުވެސް މީހަކަށް ދެރައެއްނުދެން. އެފަދަ ވިސްނުމެއް ވެސް ނުގެންގުޅޭން. ދެން ކީއްވެ އައިރިކްއަށް އަހަރެންގެ ފަރާތުން އެފަދަ ދެރައެއް އެ ލިބުނީ. އަހަރެންގެ މަންމަ ރުއިވަރު ދުށީން... އޭނާގެ މަންމަ އަދި ކިހާ ރޯނެ. އަހަރެންގެ ޒަޚަމްތައް ފަސޭހަވަމުން އަންނައިރު އޭނާ އެވަނީ ނުކުޅެދޭ މީހަކަށް ވެފައި." މާޔަލްގެ ލޮލަށް ކަރުނަ ޖަމާވާންފެށިއެވެ.
މަންމަމެން ދެއްކި ވާހަކަތަކާއި އައިތަން ދެއްކި ވާހަކަ އެއްގޮތަކަށް ވެސް ދިމައެއް ނުވެއެވެ. މަގުމަތީގެ ޤަވާޢިދުތަކާއި ޚިލާފުވުމަކީ މާޔަލް ނުކުރާނޭ ކަމެއްކަން އަމިއްލަ ނަފްސަށް ޔަގީންވެއެވެ. ވީއިރު އޭނާ އެހާ ބާރު ދުވެއްޔެއްގައި އެރޭ ކާރު ދުއްވަން ޖެހުނީ ކޮންސަބަބަކާ ހުރެ ހެއްޔެވެ. ރޮވެމުންދިޔަ މާޔަލް ލޯ މަތިން އަތް ނަގައި ބޮލުގައި ދެއަތުން ހިފަހައްޓާލިއެވެ. އަމިއްލަ ސިކުނޑީގެ ގާތު ހަނދާންކޮށްބަލާށޭ އޭނާ ބުނަން ފެށިއެވެ. އޭނާ ބާރަށް ދުއްވުމުގެ ސަބަބުން މީހެއްގެ ލޯ އަނދިރިވެފައިކަން ހުރީ މާޔަލް ބުނެލީ ކުށްވެރިކަމާއެކުއެވެ. އޭނާގެ ސިކުނޑިއަށް އެކަން ވިސްނި ހަނދާންތައް އިޔާދަވުމަށް އެދިގެންނެވެ.
* * * * *
އެއް އަރިއަކަށް އޮވެއޮވެ ވަރުބަލި ވެގެން އަނެއް ފަރާތަށް އައިރިކް އެނބުރިލިއެވެ. އޭނާގެ ސިކުނޑީގައި ކުރެހިފައިވީ އަންހެންކުއްޖެއްގެ ސޫރައެވެ. ނަމަވެސް އެއީ ފަނޑު ކުރެހުމެކެވެ. އެއާ ޚިލާފަށް އޭނާގެ ނޭފަތުގައި ހަރުލި ވަހަކީ ހަނދާނުގައި ބިންވަޅުނެގިފައިވި ނަފްސަށް ތަފާތު ހިމޭންކަމެއް ވެރިކުރުވާ ޚާއްޞަ ވަހެކެވެ.
"ދެން ފެނުނަސް ނޭނގޭނެ." އުއްޑުން ޖެހިލުމާއެކު ވައަތް ގެނެސް ނިތްކުރީ މަތީ ބާއްވާލަމުން އައިރިކް ބުނެލިއެވެ. (ނުނިމޭ)