އިއްޔެ މެންދުރު ފަހު މާލޭގައި ހިނގި އެކްސިޑެންޓަކާއި ގުޅޭގޮތުން ދިވެހި ފުލުހުންގެ ހިދުމަތުން މީޑިއާތަކަށް މައުލޫމާތު ދިނުމުގައި ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލާފައިވާތީ އެކަމާ އެކްސިޑެންޓްގައި އަނިޔާވި ދެ މީހުންގެ އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އިއްޔެގެ އެކްސިޑެންޓާއި ގުޅޭގޮތުން ރޭ 10:01 ގައި ދިވެހި ފުލުހުންގެ ހިދުމަތުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ބްރިޖް ލައިޓް ކައިރިން އެމްޓީސީސީގެ ބަހަކުން ސައިކަލެއްގައި ޖެހި އެކްސިޑެންޓް ވެފައިވާ ކަމަށެވެ. އެކްސިޑެންޓް ހިނގީ މެންދުރު ފަހު 3:14 އެހާކަން ހާއިރު ކަމަށްވެސް ބުންޏެވެ.
އެކްސިޑެންޓްވީއިރު ސައިކަލް ގައި އިނީ 53 އަހަރުގެ އަންހެނެއް ކަމަށާ އެ މީހާ ވެއްޓި އަނިޔާވެފައިވާ ކަމަށެވެ. ފުލުހުން ބުނި ގޮތުގައި އަންހެން މީހާގެ ފައިން ހަން މަށައިގެން ދިޔައީ އެވެ. އިތުރު އަނިޔާއެއް ލިބުނު ކަމަކަށް ނުބުނެއެވެ.
ނަމަވެސް އެކްސިޑެންޓާއި ގުޅޭގޮތުން އާއިލާއިން ދިން މައުލޫމާތާއި ފުލުހުން އާންމު ކުރި މައުލޫމާތުތަކުގައި ބޮޑެތި ފުށުއެރުންތަކެއް ހުއްޓެވެ. އެއްވެސް މައުލޫމާތެއް ދިމައެއް ނުވެއެވެ. އެކްސިޑެންޓް ވީ ވަގުތާއި ކަން ހިނގާ ދިޔަގޮތްވެސް މުޅީން ތަފާތެވެ.
އާއިލާއިން އަވަސްއާ ވާހަކަ ދެއްކަމުން ބުނި ގޮތުގައި އެކްސިޑެންޓް ހިނގީވެސް މެންދުރު 12:15 އެހާކަންހާއިރު އެވެ. މިއީ ފުލުހުން ބުނާ ވަގުތާ މުޅިން ތަފާތު ގަޑިއެކެވެ. އަދި އެކްސިޑެންޓް ހިނގީ މާލެ، ބްރިޖް ލައިޓް ކައިރިން ކަމަށް ފުލުހުން ބުނި ނަމަވެސް އެކްސިޑެންޓް ވީ ބޮޑުތަކުރުފާނު މަގުން "ގާސިމް އިބްރާހިމް ކެމްޕަސް" ވިލާ ކޮލެޖް ކުރިމަތިން ކަހަލަ ގޮތަކަށެވެ.
އަދި އެކްސިޑެންޓްވީއިރު ސައިކަލްގައި ދެ މީހުން ތިއްބެވެ. އެއީ ދެ އަންހެނުންނެވެ. ސައިކަލް ދުއްވަން އިން އަންހެން މީހާ އާއި އޭނާގެ ފަހަތުގައި އިން މަންމަ އެވެ. އެ މައުލޫމާތެއްވެސް ފުލުހުން ނުދެއެވެ. ފުލުހުން ބުނީ ސައިކަލްގައި އިނީ އަންހެނެއް ކަމަށެވެ. އޭނާގެ އުމުރަކީ 53 އަހަރު ކަމަށެވެ.
ނަމަވެސް ސައިކަލް ތިބީ އުމުރުން 35 އަހަރުގެ އަންހެނަކާއި 66 އަހަރުގެ އަންހެކެވެ. ދެ މީހުންނަށްވެސް އަނިޔާވި އެވެ. ސައިކަލް ދުއްވަން އިން އަންހެން މީހާގެ ކަނާތް މަށައިގެން ދިޔައެވެ. އަދި ފަހަތުގައި އިން އޭނާގެ މަންމައަށް ވަރަށް ބޮޑަށް އަނިޔާވި އެވެ. އަތުގެ ދެ ތަނަކުން ވަނީ ބިންދައިގެން ގޮސްފައެވެ. މިވަގުތު އަންހެން މީހާއަށް ޓްރީޓޮޕް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާއިރު އަތް ބިނދުމާއި ގުޅިގެން ކުރަން ޖެހޭ އޮޕަރޭޝަން މިހާރު ދަނީ ކުރަމުންނެވެ.
"އެންމެ ފުރަތަމަ އެމްޓީސީސީގެ ޑަބަލް ޑެކް އެ ބަސް ޖެހުނީ މާމައިގެ ގައިގައި. ނަމަވެސް އެކްސިޑެންޓު ވުމުންވެސް ބަސް ނުހުއްޓާ 100 ވަރަކަށް ފޫޓަށް ދިޔަ ކަމަށް ދައްތަ ބުނޭ. ބަސް ހުއްޓީ އެވަގުތު އެ ސަރަހައްދުގައި އޮތް ކާރަކުން ވަަރަށް ބޮޑަށް ބަރުގޮނު އެޅުމުން. އަދި ހުއްޓާފަވެސް ބަހުގެ ޑްރައިވަރު ވަނީ އެހާ ގިނަ ބަޔަކު ގޮވައިގެން ދާއިރު އެހެން ކުއްލިއަކަށް ނުހުއްޓޭނެ ކަމަށް ބުނެފައި،" އެކްސިޑެންޓާއި ގުޅޭގޮތުން އާއިލާއިން ބުންޏެވެ.
އެކްސިޑެންޓާއި ގުޅިގެން ސައިކަލަށްވެސް ވަނީ ވަރަށް ބޮޑަށް ގެއްލުން ވެފައެވެ. ނަމަވެސް އާއިލާގެ އޮތީ އެކްސިޑެންޓާއި ގުޅިގެން މިހާ ބޮޑަށް އޮޅުވާލައިގެން މައުލޫމާތުތަކެއް އާންމު ކުރުމުގެ ކަންބޮޑުވުމެވެ. އެކްސިޑެންޓްވީ ވަގުތާއި ތަނާއިވެސް އޮޅިފައިވުމެވެ. އަދި އެކްސިޑެންޓާއި ގުޅިގެން ދޮށީ އުމުރުގެ މީހަކަށް އެވަރުގެ އަނިޔާއެއްވީއިރު ހަމައެކަނި ވީ ކަމަކީ "ފައިން ހަން މަށައިގެން ދިޔައީ" ކަމަށް ބުނުމެވެ. ހަގީގަތުގައި އެއްވެސް މީހެއްގެ ފައިން ހަން މަށައިގެންވެސް ނުދެއެވެ.
އެކެއްގެ ކަނާއަތުން ހަން މެށިފައި ހުއްޓެވެ. ފަހަތުގައި އިން ދޮށީ އުމުރުގެ އަންހެން މީހާގެ އަތުގެ ދެ ތަނަކުން ބިނދުނީއެވެ. އެ މީހުންގެ އުމުރުވެސް ފުލުހުންނަށް އޮޅުނީއެވެ. ސައިކަލްގައި ދެ މީހުން ތިބި ކަމަށްވެސް ނޭންގުނީ އެވެ. އެއިން އެއްވެސް ކަމެއް ސާފުނުކޮށް މީޑިއާތަކަށް މުޅީން އެހެން މައުލޫމާތުތަކެއް ދިނީ އެވެ.
އާއިލާގެ މި ވާހަކަތަކާއި ގުޅިގެން ފުލުހުންނާއި ތަކުރާރުކޮށް ސުވާލު ކުުރުމުންވެސް އަދި ޖަވާބެއް ނުދެއެވެ. މިއީ މިފަދަ ހާދިސާއަކާއި ގުޅިގެން ފުލުހުން މިފަދަ ގޮތަކަށް މައުލޫމާތު ދިން ފުރަތަމަ ފަހަރެވެ. ބައެއް ފަހަރު ދޭ މައުލޫމާތުތަކުގައި ބައެއް ފަހަރު އޮޅުން ހުރި ނަމަވެސް ހާދިސާއެއްގެ ހުރިހާ މަައުލޫމާތެއް މިފަދަ ގޮތަކަށް އޮޅިފައެއް ނުހުރެއެވެ.
އެކްސިޑެންޓްވީއިރު ސައިކަލް ދުއްވަމުން ދިޔައީ ކަނޑައަޅާފައިވާ ބާރު މިނުގައެވެ. އަދި ސައިކަލަށް ހާއްސަ ލައިނުންނެވެ.
އާއިލާއިން ބުނި ގޮތުގައި އެކްސިޑެންޓްގެ ފަހުން ހޮސްޕިޓަލްގައި ތިއްބާ އެމްޓީސީސީގެ ދެ މުވައްޒިފަކަށް އެ މީހުން ކައިރިއަށް ޒިޔާރަތް ކުރި ކަމަށާ އަދި ކަމެއް ބޭނުންނަމަ އަންގާލަ ދިނުމަށް އެދުނު ކަމަށެވެ. އަދި އެކްސިޑެންޓާއި ގުޅިގެން މާފަށް އެދުނު ކަމަށެވެ.
މި ފަދަ ގޮތަކަށް މައުލޫމާތު ފެތުރޭތީ މިއަދު މެންދުރުން ފެށިގެން ސުވާލު ކުރުމުންވެސް ޖަވާބެއް ނުދީ ތިބުމަށް ފަހު ފުލުހުން ދެންމެ ވަނީ ކުރީން މައުލޫމާތު ދިނީ އެހެން އެކްސިޑެންޓަކާއި ގުޅޭގޮތުން ކަމަށް ބުނެފައެވެ. ފުލުހުން ބުނީ ބަހުން ޖެހިގެން އިއްޔެ ދެ އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ.