އެންމެ ހަ މަހަށް ފަހު ރެއާލް މެޑްރިޑުގެ ކޯޗުކަމުން ރަފާ ބެނީޓޭޒް ވަކިކޮށްފި ކަމަށް ދުނިޔޭގެ މީޑިޔާތަކުން ބުނަން ފަށައިފި އެވެ.
އޭނާގެ ބަދަލުގައި ޓީމާ ހަވާލުވުން އެންމެ ގާތީ ރެއާލްގެ ޔޫތު ޓީމުގެ ކޯޗު ޒައިނުއްދީން ޒިދާން އެވެ.
ބެނީޓޭޒް މަގާމުން ވަކިކުރި ވާހަކަ އާއްމުވެފައިވަނީ މިވަނީ ވެލެންސިއާއާއެކު ރޭ ކުޅުނު މެޗު 2-2އިން އެއްވަރުވެ ތާވަލުގެ ތިން ވަނަ އަށް ރެއާލް ވެއްޓުނު މެޗަށްފަހު އެވެ.
މި މެޗަށް ފަހު ކުލަބުގެ ބޯޑުގެ ކުއްލި ބައްދަލުވުމަކަށް ރެއާލްގެ ރައީސް ޕްލޮރެންޓީނޯ ޕެރޭޒް ވަނީ ގޮވާލައިފަ އެވެ. އަދި ލިވަޕޫލާއި ޗެލްސީ އަދި އިންޓަމިލާނާއި ވެލެންސިއާގެ ކުރީގެ ކޯޗު ރެއާލްގެ ކޯޗުކަމުން ވަކިކުރަން ނިންމީ ބޯޑު ބައްދަލުވުމުގައި ކަމަށް ވެސް ސްޕޭނުގެ ނޫސްތަކުން ބުނެ އެވެ. ބޯޑު ބައްދަލުވުމަށް މިރޭ ރެއާލްއިން ނޫސްވެރިންގެ ބައްދަލުވުމެއް ވެސް ބާއްވަން ވަނީ ނިންމާފަ އެވެ. ބޮޑަށް ބެލެވިފައިވަނީ މިއީ ބެނީޓޭޒް މަގާމުން ވަކިކޮށް، މި ސީޒަނުގެ ނިޔަލަށް ޒިދާންއާ ކޯޗުކަން ހަވާލުކުރިކަން އިއުލާނުކުރަން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއް ކަމަށެވެ.
އިޓަލީގެ ނަޕޯލީގެ ކޯޗުކަމުގައި ހުރެފައި މިދިޔަ ސީޒަނަށް ފަހު ރެއާލް މެޑްރިޑާ ހަވާލުވި ސްޕޭނުގެ ކޯޗު މަގާމުން ވަކިކުރީ އޭނާއާ މެދު ޓީމުގެ ސީނިއާ ކުޅުންތެރިންގެ މެދުގައި ބޮޑު ހިތްހަމަނުޖެހުމެއް ވެސް އުފެދިފައިވަނިކޮށެވެ. އޭގެ ތެރޭގައި އެންމެ އިސްކޮށްހުރި ކުޅުންތެރިއަކީ ދުނިޔޭގެ މޮޅު ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.
ރެއާލް މި ވަގުތު އޮތީ ސްޕެނިޝް ލީގުގެ ތިން ވަނާގަ އެވެ. 37 ޕޮއިންޓް ލިބިފައިވާއިރު މިއީ ވާދަވެރި ބާސެލޯނާ އަށްވުރެ އެއް މެޗު އިތުރަށް ކުޅެގެން ލިބިފައިވާ އަދަދެކެވެ. އަނެއްކޮޅުން ސަސްޕެންޑްވެފައިވާ ކުޅުންތެރިއަކު ލައްވައި ކުޅުވައިގެން ސްޕެނިޝް ކަޕުން ރެއާލް ވަނީ ވަކިކޮށްފަ އެވެ.