މޯލްޑިވްސް ޕޮލިސް ސާވިސް

ދީނަށް ފުރައްސާރަކުރި މައްސަލަ ސަމާލު ކަމަށް އަތުވެއްޖެ: ފުލުސް

މާތްﷲ އާއި އުންމަތުގެ ނަބިއްޔާ صلى الله عليه وسلم އަށް ފުރައްސާރަކޮށް ޓްވީޓްތަކެއް ކުރަމުންދާ މައްސަލަ ސަމާލު ކަމަށް އައިސްފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު ބުނެފި އެވެ.

ޓްވިޓާ އެކައުންޓެއް ހަަދައިގެން ދިވެއްސަކު ގެންދަނީ މާތްﷲ އާއި އުންމަތުގެ ނަބިއްޔާ صلى الله عليه وسلم އަށް ފުރައްސާރަކޮށް ޓްވީޓްތަކެއް ކުރަމުންނެވެ. އެކަން ކުރަމުން ދިޔަ މީހާވެސް އާންމުންގެ ބަޔަކު ވަނީ ފަޅާ އަރުވާލާފައެވެ. އެމީހާ ވަނީ ކީރިތި ގުރުއާނަށްވެސް ފުރައްސާރަކޮށް ޓްވީޓް ކޮށްފައެވެ.

އެކަމާއި ގުޅޭގޮތުން ސުވާލު ކުރުމުން ފުލުހުން ބުނީ އެފަދަ މައްސަލައެއް އެ މުއައްސަސާގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ބުންޏެވެ.

ފުލުުހުން ބުނީ މާތްﷲ އާއި އުންމަތުގެ ނަބިއްޔާ صلى الله عليه وسلم އަށް ފުރައްސާރަކޮށް ޓްވީޓް ކުރި އެކައުންޓް މިހާރު ޑީއެކްޓިވޭޓް ކޮށްފައިވާ ކަން އެނގިފައިވާ ކަމަށެވެ.

އާންމުން ފަޅާ އަރުވާލި މީހާ ހައްޔަރު ކޮށްފައިވޭތޯ ސުވާލު ކުރުމުން އެ ސުވާލަށް ޖަވާބެއް ނުދެއެވެ.

މާތްﷲ އާއި އުންމަތުގެ ނަބިއްޔާ صلى الله عليه وسلم އަށް ފުރައްސާރަ ކުރުމުގެ އަމަލުތައް ހިންގުން ވަނީ އިތުރުވެފައެވެ. އެފަދަ މައްސަލަތަކުގައި ފިޔަވަޅު އެޅުމުގައި ކަމާބެހޭ އިދާރާތައް ފެއިލްވެފައިވާ ކަމަށް ގިނަ ބަޔަކު ދެކެއެވެ. އެކަމާއި ގުޅިގެން އެފަދަ ކަންކަން ހިންގާ ހަރުކަށި ލާދީނީ މީހުންނަށް ފުރުސަތު ފަހިވާ ކަމަށް ދެކޭ މީހުން ގިނަ އެވެ.