ޓްވިޓާ

"ހަސަން ކުރުސީ" ޓްވިޓާ އެކައުންޓް ސަސްޕެންޑްކޮށްފި

ޓްވިޓާގައި "ހަސަން ކުރުސީ" ގެ ނަމުގައި ހިންގާ އެކައުންޓް ސަސްޕެންޑްކޮށްފި އެވެ.

އެކައުންޓް ސަސްޕެންޑްކުރީ ޓްވިޓާގެ އުސޫލުތަކާއި ހިލާފުވެފައިވާތީ ކަމަށް ޓްވިޓާއިން ވަނީ ބުނެފަ އެވެ.

"ހަސަން ކުރުސީ" ގެ ނަމުގައި ހިންގި ޓްވިޓާ އެކައުންޓް ސަސްޕެންޑްކޮށްފައިވާއިރު އެ އެކައުންޓް ހިންގާ މީހެއް ހޯދަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފުލުހުންނަށްވެސް ހުށަހެޅި އެވެ. އެ އެކައުންޓް ހިންގަނީ ކާކުކަން ހޯދަން ފުލުހުން ވަނީ ކްރިމިނަލް ކޯޓުން އަމުރެއްވެސް ހޯދާފަ އެވެ.

ހަސަން ކުރުސީގެ ނަމުގައި ހިންގާ ޓްވިޓާ އެކައުންޓަކީ ރައީސް ނަޝީދު ހިންގާ އެކައުންޓެއް ކަމަށް އެތައް ބަޔަކު އެމަނިކުފާނަށް ކުރާ ތުހުމަތާ ގުޅިގެން އެ އެކައުންޓްގެ ވެރިފަރާތް ހޯދުމަށް ރައީސް ނަޝީދު، ފުލުހުންނަށް މައްސަލަ ހުށަހެޅުއްވީ މިދިޔަ އޭޕްރީލް 17 ވަނަ ދުވަހު އެވެ.

އެ އެކައުންޓުން ގެންދަނީ އެތައް ބަޔަކާ ޒާތީ ގޮތުން ދިމާކޮށް ދައުލަތުގެ މުހިއްމު ބައެއް ސިއްރު މައުލޫމާތުވެސް ހާމަކުރަމުންނެވެ.