ޓްވިޓާ

ޝިއުނާގެ ޓްވިޓާ އެކައުންޓް ސަސްޕެންޑްކޮށްފި

Feb 4, 2023

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަން "ލޭއޮހޮރުވުމަކުން" ބަދަލުކުރަންވެއްޖެ ކަމަށް ވިދާޅުވެ މާލެ ސިޓީ ކައުންސިލްގެ ތަރުޖަމާން މަރިޔަމް ޝިއުނާ ޓްވީޓް ކުރެއްވުމާ ގުޅިގެން އޭނާގެ ޓުވިޓާ އެކައުންޓު ސަސްޕެންޑުކޮށްފި އެވެ.

ޝިއުނާގެ ޓްވިޓާ އެކައުންޓް ސަސްޕެންޑްކޮށްފައި ވަނީ މިއަދު އިރުއޮއްސެނިކޮށެވެ.

ޝިއުނާ މިދިޔަ ހުކުރު ދުވަހު ކުރެއްވި ޓްވީޓްގެ މައްސަލަ ހޫނުވުމުން އޭނާ ފަހުން އެ ޓްވީޓް ފޮހެލި އެވެ. އަދި ފަހުން ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވީ "ކުރިން ބުނި އެތި ކެންސަލް" ކަމަށެވެ.

ކުރިން ކުރެއްވި ޓްވީޓް ފޮހެލީ ބައެއް މީހުންނަށް އެ ޓްވީޓްގައި އޮތް އެއްޗެއްގެ މާނަ ނުބައިކޮށް ނެގިގެން އުޅޭތީއާއި އަދި ބައެއް މީޑިއާތަކުން ގުޅަމުންދާތީ ކަމަށްވެސް ޝިއުނާ ވިދާޅުވި އެވެ.

"ހަރުކަށިކޮށް ނެގުނުނަމަ މައާފް. އެއްވެސް ހާލެއްގައި ހަރުކަށި އަމަލެއް ހިންގާ ވާހަކައެއް ނޫން [ކުރިން ކުރި ޓްވީޓްގައި ބުނެފައި އެ އޮތީ]. ގައުމަށްޓަކައި ގުރުބާންވުން ވެސް އޮވޭ،" ޝިއުނާ ވިދާޅުވި އެވެ.

މައްސަލަ ބޮޑުވެގެން އުޅޭ ޓްވީޓްގައި ޝިއުނާ ލިޔުއްވާފައިވަނީ "ބަޔަކު ވަރަށް ހަރުކަށިކަމާ އެކު ނުކުމެ މި ވެރިކަން ނިންމަން ވެއްޖެ،" ކަމަށެވެ. އޭގެފަހުން ރައީސް ސޯލިހަށް އިޝާރާތްކުރައްވާ ޝިއުނާ ލިޔުއްވާފައިވަނީ ކޮންމެ ދުވަހަކު އެތައް މުސްލިމުންގެ މައްޗަށް އަނިޔާވެރިވަމުންދާ ރައީސް ސޯލިހް ހަމަބިމަށް ތިރިކުރަން ވެއްޖެ ކަމަށެވެ.

"ޓްވީޓްކުރަން ތިބެގެން ވާކަށް ނެތް. ލޭއޮހޮރުވުމަކުން ވެސް ބަދަލުކުރަންވެއްޖެ." ޓްވީޓްގައި ބުނެފައިވެ އެވެ.

ޝިއުނާ ކުރެއްވި ފަދަ ޓްވީޓްތަކުގެ މައްސަލަ މީގެކުރިން ފުލުހުން ބަލައި ތަހުގީގުކޮށްފައިވެ އެވެ. އަދި އެފަދަ ހަރުކަށި ޓްވީޓްތަކުގެ މައްސަލައިގައި ބައެއް މީހުންނަށް ދައުވާވެސް ކޮށްފައިވެ އެވެ. އަދި ޝިއުނާ ކުރެއްވި ޓްވީޓްގެ މައްސަލަވެސް ބަލަމުންދާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.