މޯލްޑިވްސް ޕޮލިސް ސާވިސް

ދީނަށް ފުރައްސާރަ ކުރި މީހާ ފުރީ ހުއްޓުވަން އުޅެނިކޮށް

މާތްﷲ އާއި އުންމަތުގެ ނަބިއްޔާ صلى الله عليه وسلم އަށް ފުރައްސާރަކޮށް ޓްވީޓްތަކެއް ކުރި މީހާ ފުރައިގެން ދިޔައީ އޭނާގެ މައްސަލަ ބަލާ އަޅަން ޖެހޭ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަނިކޮށް ކަަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.

ޓްވިޓާ އެކައުންޓެއް ހަަދައިގެން ދިވެއްސަކު ގެންދިޔައީ މާތްﷲ އާއި އުންމަތުގެ ނަބިއްޔާ صلى الله عليه وسلم އަށް ފުރައްސާރަކޮށް ޓްވީޓްތަކެއް ކުރަމުންނެވެ. އެކަން ކުރަމުން ދިޔަ މީހާވެސް އާންމުންގެ ބަޔަކު ވަނީ ފަޅާ އަރުވާލާފައެވެ. އެމީހާ ވަނީ ކީރިތި ގުރުއާނަށްވެސް ފުރައްސާރަކޮށް ޓްވީޓް ކޮށްފައެވެ.

އެއީ އައްޑޫ ސިޓީއަށް ނިސްބަތްވާ ހުސައިން ޝައިހާން ކިޔާ މީހެކެވެ. އޭނާ ވަޒީފާ އަދާކުރަމުންދިޔަ ތަނާއި އޭނާގެ ހަރަކާތްތައް ހުރި ގޮތްވެސް އާންމުން ވަނީ އާންމުކޮށްފައެވެ. އެކަމާއި ގުޅޭގޮތުން ތަކުރާރުކޮށް ސުވާލު ކުރުމުން ފުލުހުން އޭރު ބުނީ އުންމަތުގެ ނަބިއްޔާ صلى الله عليه وسلم އަށް ފުރައްސާރަކޮށް ޓްވީޓް ކުރި އެކައުންޓް ޑީއެކްޓިވޭޓް ކޮށްފައިވާ ކަން އެނގިފައިވާ ކަމަށާ އެކަން ބަލަމުންދާ ކަމަށެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލްވުމުގައި އެކަމާއި ގުޅޭގޮތުން ސުވާލު ކުރުމުން އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ރިޔާޒު ވިދާޅުވީ އޭނާ ފުރައިގެން ދިޔަައީ މައްސަލައާ ގުޅިގެން ކުރަން ޖެހޭ ކަންކަން ކުރަމުން ދަނިކޮށް ކަަމަށެވެ. އޭނާ ފުރުން މަނާކޮށް ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ނުހޯދުނު ސަބަބު ސާފުކޮށްދޭން ރިޔާޒު ވަނީ އެއީ ބަޔަކަށް އާދައިގެ ކަމެއް ކަމަށް ހީވިނަމަވެސް އެކަމަށް ވަގުތު ބޭނުންވާ ކަމެއް ކަމަށް ވިދާޅުވެފައެވެ. އަދި ވިދާޅުވީ އޭނާ ފުރައިގެން ދިޔައީ މައްސަލަ ބަލަމުން ދަނިކޮށް ކަމަށާ އޭނާ ފުރައިގެން ދިޔަނަމަވެސް މައްސަލައިގެ ތަހުގީގު ހިނގާނެ ކަމަށެވެ. އަދި އެ މައްސަލަ މިހާ ހިސާބުން ނުނިމޭނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

"މައްސަލައިގެ ތުހުމަތުވާ ފަރާތުގެ މައްޗަށް އޮތް ތުހުމަތަކުންވެސް ބަރީއަވެގެން ނުވޭ. ގާނޫނު އަރާ ހަމަކުރާނެ. އަދި އެ ފަރާތް ހޯދުމަށްޓަކައި ކުރަން ޖެހޭ މަަސައްކަތްވެސް އަޅުގަނޑުމެން ކުރާނަން،" ރިޔާޒު ވިދާޅުވިއެވެ.

މާތްﷲ އާއި އުންމަތުގެ ނަބިއްޔާ صلى الله عليه وسلم އަށް ފުރައްސާރަ ކުރުމުގެ އަމަލުތައް ހިންގުން ވަނީ އިތުރުވެފައެވެ. އެފަދަ މައްސަލަތަކުގައި ފިޔަވަޅު އެޅުމުގައި ކަމާބެހޭ އިދާރާތައް ފެއިލްވެފައިވާ ކަމަށް ގިނަ ބަޔަކު ދެކެއެވެ. އެކަމާއި ގުޅިގެން އެފަދަ ކަންކަން ހިންގާ ހަރުކަށި ލާދީނީ މީހުންނަށް ފުރުސަތު ފަހިވާ ކަމަށް ދެކޭ މީހުން ގިނަ އެވެ.