މޯލްޑިވްސް ޕޮލިސް ސާވިސް

ނާޒިމް، ރަސޫލާއަށް ފުރައްސާކުރި މައްސަލަ ބަލަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަދި މަޝްހޫރު ގާނޫނީ ވަކީލް ނާޒިމް އަބްދުއްސައްތާރު، ކީރިތި ރަސޫލާއަށް ފުރައްސާރަކުރި މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އެ މައްސަލައަކީ 2012 ވަނަ އަހަރު ނާޒިމް ކޮށްފައިވާ ޓްވީޓަކާއި ގުޅިގެން ފުލުހުން ތަހުގީގުކުރަމުން އަންނަ މައްސަލައެކެވެ. އެ އަހަރުގެ ޖެނުއަރީ ދެވަނަ ދުވަހު ކޮށްފައިވާ އެ ޓްވީޓް ޑިލީޓްކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގަ އެވެ.

އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ދީނީ އެކި ޖަމިއްޔާތައް އެކުވެގެން އުފައްދާފައިވާ ރައްޔިތުންގެ އިއްތިހާދުންނެވެ.

އެ ޖަމިއްޔާއިން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަށް ފޮނުވާފައިވާ ސިޓީއެއްްގައި ބުނެފައިވަނީ ޓްވިޓާ އިން ޓްވީޓް ޑިލީޓްކޮށްލި ނަމަވެސް އެ ޓްވީޓްތައް އަލުން ހޯދޭނެ ގޮތްތައް ފުލުހުން ފަދަ ޕްރޮފެޝަނަލް ގައުމީ މުއައްސަސާތަކުގައި ހުންނާނެ ކަމަށެވެ.

"ނާޒިމް ސައްތާރު މާތް ނަބިއްޔާ މުހައްމަދު ﷺ އަށް ފުރައްސާރަކުރި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން،" އެކަމާ ގުޅިގެން ފުލުހުން މިއަދު ފޮނުވި މެސެޖުގައި ބަޔާންކޮށްފައިވެ އެވެ.

ނާޒިމްގެ މާ ކުރީގެ ޓްވީޓެއް އާންމުވެގެން އުޅެނީ އޭނާ ކަމަށް ބެލެވޭ މީހަކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް އާންމުވުމާ ގުޅިގެންނެވެ. އެ މައްސަލަ ވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އަދި ކޯޓު އަމުރެއްގެ ދަށުން ނާޒިމްގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓާފަ އެވެ.

ދީނަށާއި މާތް ނަބިއްޔާއަށް ފުރައްސާރަކުރި ގިނަ މައްސަލަތަކެއް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އޭގެ ތެރެއިން ބައެއް މީހުންނަށް ކަމާ ގުޅުންހުރި އިދާރާތަކުން ހިމާޔަތް ދެމުން އަންނަ ކަމަށާއި އަދި ސަރުކާރުގެ ބައެއް އިސްވެރިންގެ އެހީތެރިކަމާ އެކު އެފަދަ ބައެއް މީހުން ރާއްޖެ ދޫކޮށް ފުރާފައިވާ ކަމަށްވެސް ބައެއް މީހުން އަންނަނީ ބުނަމުންނެވެ.