ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަދި މަޝްހޫރު ގާނޫނީ ވަކީލް ނާޒިމް އަބްދުއްސައްތާރުގެ ޕާސްޕޯޓު ހިފަހައްޓައިފި އެވެ.
ފުލުހުން މިއަދު ބުނީ ކޯޓު އަމުރެއްގެ ދަށުން ރޭ ނާޒިމްގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމަށެވެ. ނާޒިމްގެ ޕާސްޕޯޓު ހިފަހައްޓާފައި މިވަނީ އޭނާގެ މައްޗަށް އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތު އުފުލާ އެކަމުގެ ތަހުގީގު ހިނގަމުން ދަނިކޮށެވެ.
އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯގައި ފެންނަނީ ނާޒިމް ކަން ޔަގީންވާ ކަމަށް ސޯޝަލް މީޑިއާގައި އެތައް ބަޔަކު ބުނަމުން ދިޔަ ނަމަވެސް އޭނާގެ ޓްވިޓާ އެކައުންޓް ޑީއެކްޓިވޭޓް ކުރުމުގެ ކުރިން، ކުރެއްވި ޓްވީޓެއްގައި ނާޒިމް ވަނީ ވީޑިއޯގައި ފެންނަނީ އޭނާ ނޫން ކަމަށް ވިދާޅުވެ ތުހުމަތަށް އިންކާރު ކުރައްވާފަ އެވެ.
ވީޑިއޯ އިއްޔެ އާންމުވެ ސަރުކާރަށް ފާޑުކިޔުން އަމާޒުވުމުން ރޭގެ ވަގުތެއްގައި ނާޒިމު ފުލުހަށް ހާޒިރުކޮށް ވީޑިއޯއާ ގުޅޭގޮތުން ސުވާލުކޮށްފައިވެ އެވެ. ނަމަވެސް ނާޒިމްގެ މައްސަލައާއި ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން އަދި ހިއްސާކޮށްފައެއް ނުވެ އެވެ. އެކަމަކު ގިނަ އަދަދެއްގެ މީހުން ހިމެނޭ ގޮތަށް ބްލެކްމެއިލް ކުރުމުގެ މައްސަލައެއް އެ ހިދުމަތަށް ހުށަހެޅުމާ ގުޅިގެން އެ މައްސަލައިގެ ތަހުގީގު ހިނގަމުންދާ ކަމަށް ބުނެފައިވެ އެވެ.
ނާޒިމް ކަމަށް ބެލެވޭ މީހަކާ އެކު އެއްޖިންސުން ގުޅުން ހިންގަމުން ދަނީ ބިދޭސީއެއް ކަމަށާއި އޭނާއާ އެކު ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހަރަކާތްތެރިވާ އިސް އެހެން ބައެއް ބޭފުޅުންވެސް އެއްޖިންސުން ގުޅުން ހިންގާފައިވާ ކަމަށް ސޯޝަލް މީޑިއާގައި ބައެއް މީހުން ބުނެފައިވެ އެވެ.