ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަދި މަޝްހޫރު ގާނޫނީ ވަކީލް ނާޒިމް އަބްދުއްސައްތާރު، ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރެއްވި ކަމަށް ދެކެވޭ ވާހަކަތަކަށް އޭނާ އިންކާރު ކުރައްވައިފި އެވެ.
ދެހާސްބާރަ ވަނަ އަހަރު ނާޒިމް ރަސޫލާއަށް ފުރައްސާރަ ކުރައްވާ ކުރެއްވި ޓްވީޓެއްގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް މިއަދު ފުލުހުން ވަނީ ބުނެފަ އެވެ.
އެކަމާ ގުޅިގެން ނާޒިމް މިއަދު މީޑިއާތަކަށް ފޮނުއްވި މެސެޖަކު ވިދާޅުވެފައިވަނީ އެފަދަ އަމަލެއް ދުވަހަކު ވެސް ކުރައްވާފައި ނުވާނެ ކަމަށެވެ. ސޯޝަލް މީޑިއާގައި އޭނާ ކުރައްވާ ޕޯސްޓްތަކުން އެކަން އެނގެން ހުންނާނެ ކަމުގައިވެސް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ ކީރިތި ރަސޫލާއަށް އޭނާ ފުރައްސާރަ ކުރައްވާފައި ނުވާނެކަން އޭނާ ދެނެވަޑައިގަންނަވާ މީހުންނަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އަދި މިއީ ގަސްދުގައި ބަޔަކު ރާވައިގެން އޭނާ ބަދުނާމު ކުރަން ކުރާ ކަމެއް ކަމުގައިވެސް ވިދާޅުވެފައިވެ އެވެ.
ރަސޫލާ އަށް ނާޒިމު ފުރައްސާރަ ކުރައްވާފައިވާ ކަމަށް ބުނާ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ދީނީ އެކި ޖަމިއްޔާތައް އެކުވެގެން އުފައްދާފައިވާ ރައްޔިތުންގެ އިއްތިހާދުންނެވެ. އެ ޓްވީޓް މިހާރު ޑިލީޓްކޮށްލާފައިވާ ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފަ އެވެ.
ނާޒިމްގެ މާކުރީގެ ޓްވީޓެއް އާންމުވެގެން އުޅެނީ އޭނާ ކަމަށް ބެލެވޭ މީހަކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް އާންމުވުމާ ގުޅިގެންނެވެ. އެ މައްސަލަ ވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އަދި ކޯޓު އަމުރެއްގެ ދަށުން ނާޒިމްގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓާފަ އެވެ.