ޕެންޝަން އޮފީސް

ޕެންޝަން އޮފީހުގެ ޗެއާޕާސަން ކަމަށް އިނާޒް

ޕެންޝަން އޮފީހުގެ ޗެއާޕާސަން ކަމުގެ މަގާމަށް ކުރީގެ މިނިސްޓަރު ޑރ އަހުމަދު އިނާޒް އައްޔަން ކުރައްވައިފި އެވެ.

އެކަން އެ އޮފީހުން ވަނީ ޔަގީން ކޮށްދީފައެވެ. އަދި އައު ޗެއާޕާސަން އަށް މަރުހަބާ ކިޔާ އެ އޮފީހުގެ ރަސްމީ ޓްވިޓާ އެކައުންޓުން ވަނީ ޓްވީޓެއް ކޮށްފައެވެ.

އިނާޒް، އެ މަގާމަށް ހަމަޖެއްސެވީ ކުރީން އެ މަގާމުގައި ހުންނެވި އާތިފާ އަލީގެ ބަދަލުގައެވެ. އެކަމަނާގެ ތިން އަހަރުގެ ދައުރު އިއްޔެ ވަނީ ހަމަވެފައެވެ.

އިނާޒްއަކީ ރައީސް ނަޝީދުގެ ސަރުކާރުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ.

ޕެންޝަން އޮފީހުގެ ބޯޑުގައި ޖުމްލަ އަށް މެންބަރުން ހިމެނެ އެވެ.

ޕެންޝަން އޮފީހުގެ ބޯޑަށް މި އަހަރު ވަނީ ދެ ބޭފުޅަކު އައްޔަން ކުރައްވާފައެވެ. ފެބްރުއަރީ 13 ވަނަ ދުވަހު ޕްރައިވެޓް ސެކްޓަރު ތަމްސީލުކުރައްވާ މެންބަރުންގެ ގޮތުގައި ބޯޑަށް އައްޔަންކުރެއްވި ދެ ބޭފުޅުންނަކީ އޮޕްޓިމޯ އެލްއެލްޕީގެ މެނޭޖިން ޕާޓްނަރު އަބްދުލް މަޖީދު އަލީ އާއި މޯޓެޒާ ކެޕިޓަލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޣާލީ މުރުތަލާ އެވެ.

މީގެ އިތުރުން އޮފީހުގެ ސީއީއޯ މަގާމުގައި ހުންނެވި އިނގިރޭސިވިލާތުގެ ޖޯން ގްރިންޑަލް ވަނީ އޮކްޓޫބަރު 12، 2021 ގައި މަގާމުން ވަކި ކުރައްވާފައެވެ. އޭނާ ވަކިކުރީ ޕެންޝަން އޮފީހުގެ ބޯޑުން ނިންމައިގެންނެވެ. އޭނާ ވަކިކުރީ ސުލޫކީ މައްސަލައަކާއި ގުޅިގެން ކަމަށް ޕެންޝަން އޮފީހުން އޭރު ބުންޏެވެ. އެ މައްސަލަ އޮތީ ޓްރައިބިއުނަލްގައެވެ.