އައްޑޫ ސިޓީ

އައްޑޫ މާރާމާރީ: އިތުރު ދެ މީހަކު ހައްޔަރު

ސ. ފޭދޫގައި ހިންގި މާރާމާރީއާ ގުޅުން ހުރި ކަމަށް ތުހުމަތު ކުރެވިގެން އިތުރު ދެ މީހަކު ހައްޔަރު ކޮށްފި އެވެ.

ތޫނު އެއްޗަކުން ހަމަލާދީ މާރާމާރީ ހިންގުމުން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ފޭދޫގެ 21 އަހަރުގެ ޒުވާނާ މަރުވީ މިމަހުގެ ދެވަނަ ދުވަހު އެވެ. މަރުވެފައިވަނީ ފޭދޫ ސޮލިޑް މުހައްމަދު ޒަޔާން މޫސާ އެވެ.

ޒަޔާންގެ މަރާއި ގުޅިގެން ހިންގާ އޮޕަރޭޝަންގެ އެންމެ ފަހުގެ ތަފްސީލު ދެމުން ފުލުހުން މިރޭ ބުނީ މައްސަލައިގެ ތުހުމަތަށް އިތުރު ދެ މީހުން 24 އަހަރުގެ މީހަކާއި 28 އަހަރުގެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަަަށެވެ، މި މައްސަލައާ ގުޅިގެން މި މަހުގެ 18 ވަނަ ދުވަހުވެސް އިތުރު ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ އުމުރުން 18 އަހަރު ދެ މީހުންނާއި 22 އަހަރުގެ މީހަކާއި 24 އަހަރުގެ މީހެކެވެ. އެ ހަތަރު މީހުންވެސް ހައްޔަރު ކުރީ ކޯޓް އަމުރެއްގެ ދަށުންނެވެ.

ފުލުހުން ބުނީ އެ މީހުންގެ ބަންދާއި މެދު ގޮތް ނިންމަން ކޯޓަށް ހާޒިރު ކުރުމުން 18 އަހަރުން ދަށުގެ އެކަކާއި 22 އަހަރުގެ މީހާއަށް 15 ދުވަހުގެ ބަންދެއް ދީފައިވާ ކަމަށެވެ. އަދި 24 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފައިވާ ކަމަށެވެ.

ނަމަވެސް ދެން ހައްޔަރު ކުރި 18 އަހަރުގެ ޒުވާނާ ވަނީ ކޯޓުން ދޫކޮށްލާފައެވެ. އޭނާ ދޫކޮށްލި ސަބަބެއް ފުލުހުން ނުބުނެއެވެ.

ޒަޔާންގެ މަރާއި ގުޅިގެން ފުރަތަމަ ހައްޔަރު ކުރީ ކުޑަ ދެ ފިރިހެން ކުދީންނެވެ. ދެން ހައްޔަރު ކުރީ ފޭދޫގެ އަމާންކަން ނަގާލަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ތިން މީހުންނެވެ. ކޯޓުން އެ ތިން މީހުން ވަނީ ދޫކޮށްލާފައެވެ. އެ މީހުންނަކީ މަރުގެ ތުހުމަތުވާ ކުދީން ހައްޔަރު ކުރަން އުޅުމުން އަމާންކަން ނަގާލަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުންނެވެ. އެއީ 18 އަހަރުގެ ދެ މީހަކާއި 29 އަހަރުގެ މީހެކެވެ.