ހުރިހާ އަތޮޅެއްވެސް ހިމެނޭ ގޮތަށް މުޅި އަހަރަށް ބަހާލައިގެން މެދުކެނޑުމެއްނެތި ދީނީ އެކި ޕްރޮގުރާމުތައް ކުރިއަށް ގެންދިއުމަށް އެންމެހާ ފަރާތްތައް ގުޅިގެން މަސައްކަތްތައް ރާވާލުމަށް ނައިބް ރައީސް ފައިސަލް ނަސީމް އެދިވަޑައިގެންފި އެވެ.
އެމަނިކުފާނު މިކަމަށް އެދިވަޑައިގަތީ ހިޖުރައިން 1443 ވަނަ އަހަރުގެ ރަމަޟާން މަހުގެ ޕްރޮގްރާމްތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކާ ބައްދަލުކުރެއްވުމަށްޓަކައި މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ހާއްސަ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނައިބް ރައީސް ވިދާޅުވީ ރައްޔިތުންގެ މެދުގައި ދީނީ ކަންކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް އިތުރު މަސައްކަތްތައް ކުރަންޖެހިފައިވާ ކަމަށެވެ. މިގޮތުން ކުރިއަށްގެންދާ ޕްރޮގްރާމްތަކަކީ މެދުނުކެނޑި ރައްޔިތުންގެ ޝައުގުވެރިކަން އުފެދޭ ގޮތަށް ބައްޓަންކުރެވިގެން އަތޮޅުތައްވެސް ހިމެނޭހެން ކުރިއަށް ގެންދެވޭ ޕްރޮގްރާމްތަކަކަށް ހެއްދެވުމަށްވެސް އެދިވަޑައިގެންނެވި އެވެ.
ނައިބް ރައީސް ވިދާޅުވީ ކޮންމެ އަހަރަކުވެސް ރޯދަ މަހަށް ހާއްސަކޮށް، ދިވެހި ރައްޔިތުންގެ މެދުގައި ދީނީ ރޫހު އާލާކޮށް ދިރުވުމަށްޓަކައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ރާވާ އިންތިޒާމުކުރާ ގިނަ ޕްރޮގްރާމްތަކެއް އާންމުންނާއި ހަމައަށް ގެނެސްދެވޭ ކަމަށެވެ. އެގޮތުން ހިންގޭ ޕްރޮގްރާމްތަކުގައި ދީނީ އިލްމުވެރިންގެ އިތުރުން އެކިއެކި ހެޔޮއެދޭ ފަރާތްތަކާއި ކުންފުނިތަކުގެ އެހީތެރިކަމާއި އެއްބާރުލުން ލިބެމުންދާ ކަންވެސް ފާހަގަކުރެއްވެވި އެވެ. އަދި ދީނީ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދޭ އެންމެހާ ފަރާތްތަކަށް ނައިބް ރައީސް ވަނީ ޝުކުރުވެސް އަދާކުރައްވާފަ އެވެ.
ނައިބް ރައީސްގެ ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ އިސްނެންގެވުމުގެ މަތިން އެހެން އަހަރުތަކާއި ހިލާފަށް މިދިޔަ ރޯދަ މަހު އަތޮޅުތެރޭގައި އިހްޔާ ޕްރޮގްރާމްތަކެއް ރޭވިގެން ކުރިއަށް ގެންގޮސްފައިވާ ކަންވެސް ފާހަގަކުރެއްވެވި އެވެ.