ރާއްޖޭގެ މަސްވެރިކަމުގެ ދާއިތާ ކުރިއަރުވާ ތަރައްގީކުރުމަށް ޖަޕާން ސަރުކާރުގެ އެހީގައި ހާއްސަ މަޝްރޫއެއް ފަށައިފި އެވެ.
މިމަޝްރޫއަކީ މަސްވެރިކަމުގެ ދާއިރާއަށް އަމާޒުކޮށް ސަރުކާރުގެ ނޫ އިގްތިސާދުގެ ސިޔާސަތުތައް ފުޅާކުރުމުގެ މަގުސަދުގައި ޖަޕާނު ސަރުކާރުގެ ހިލޭ އެހީގައި އަދި ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ)ގެ ފަންނީ އެހީތެރިކަމާއެކު ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި މިމަޝްރޫއު އިފްތިތާހުކުރުމުގެ ރަސްމިއްޔާތާއި މި މަޝްރޫއުގެ ފުރަތަމަ ޖޮއިންޓް ކޯޑިނޭޝަން ކޮމިޓީގެ ފުރަތަމަ ބައްދަލުވުން މިއަދު ވަނީ ބާއްވާފަ އެވެ.
މަޝްރޫއު އިފްތިތާހް ކުރުމުގެ ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނާއި ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ޓަކެއުޝީ މިޑޯރީ ބައިވެރިވެވަޑައިގެންނެވި އެވެ.
މިމަޝްރޫއުގައި މައިގަނޑު ތިން ދާއިރާއަކުން މަސައްކަތްކުރުމަށް ހަމަޖެހިފައިވެ އެވެ. މިގޮތުން ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި ކުރެވޭ މަސްވެރިކަމުގެ ވިޔަފާރީގެ ވާދަވެރިކަން އިތުރުކުރުމާއި، ރާއްޖޭގައި ކުރެވޭ އެންވެރިކަމުގައި އެން ވަތުގައި އެން މަރުވާ ނިސްބަތް މަދުކުރުމާއި، މަސް ކައްކާ ހިއްކުމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުން ހިމެނެ އެވެ.
ކަނޑު މަހުގެ މަސްވެރިކަމުގައި ބާނާ މަހުގެ ކޮލިޓީ ރަނގަޅުކުރުމުގެ ގޮތުން ދޯނީގައި ކުރަންޖެހޭ މަސައްކަތްތަކާއި ގުޅޭގޮތުން ފަޅުވެރިން ތަމްރީނުކުރުމާއި، އެންވެރިކަމުގައި އެން ގެންގުޅެންޖެހޭ ގޮތާއި ބެހޭ ގޮތުން މަސްވެރިންނަށް ތަމްރީނު ދިނުމާއި، ކޮވިޑް-19އާ ގުޅިގެން ދިވެހިރާއްޖޭގެ އިގްތިސޯދަށް އަދި ވަކިން ހާއްސަކޮށް މަސް ކައްކާ ހިއްކުމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ކުރިމަތިވި ގޮންޖެހުންތަކަށް ހައްލު ހޯދުމަކީ ވެސް މިމަޝްރޫއުގެ މުހިއްމު ބައެކެވެ.
މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރު ހުސައިން ވިދާޅުވީ ދިވެހިރާއްޖެ އާއި ޖަޕާނުގެ މެދުގައި ތާރީހީ ޒަމާންވީ ގުޅުމެއް ކަމަށެވެ. މިގޮތުން ރާއްޖެއަށް 2004 ވަނަ އަހަރު އެރި ސުނާމީގައި ޖަޕާނު ސަރުކާރުން ރާއްޖެއަށް ވެދީފައިވާ އެހީ ފާހަގަކޮށް، އެ ދަތިކަމުގެ ތެރޭގައި މަސްވެރިންނަށް ހާއްސަކޮށް ޖަޕާން ސަރުކާރުން ވެދީފައިވާ އެހީތަކަށް ޝުކުރު އަދާކުރެއްވި އެވެ.
މީގެ އިތުރުން ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ މިއަދު މިއޮތް ހިސާބަށް ކުރިއެރުވުމުގައި ޖަޕާނު ސަރުކާރުން ކޮށްދީފައިވާ އަދި މިހާރުވެސް ކުރަމުންދާ ގިނަގުނަ މަސައްކަތްތައް ފާހަގަކުރައްވައި، މިނިސްޓަރު ވަނީ އެ އެހީތެރިކަމަށްވެސް ޝުކުރު އަދާކުރައްވާފަ އެވެ.
މި މަޝްރޫއު އިފްތިތާހު ކުރުމުގެ ޖަލްސާއަށްފަހު މި މަޝްރޫއުގެ ފުރަތަމަ ޖޮއިންޓް ކޯޑިނޭޝަން ކޮމިޓީ ބައްދަލުވުންވެސް ވަނީ ބޭއްވިފަ އެވެ.