މޯލްޑިވްސް ޕޮލިސް ސާވިސް

ހަމަނުޖެހުން ހިންގި ބައެއް އާލަތްތައް ނެރުނީ ޕީޕީއެމް އޮފީހުން: ޕޮލިސް

ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ރަސްމީ ދަނޑުގައި ހަރަކާތެެއް ކުރިއަށް ދަނިކޮށް އެތަނަށް ވަދެ ހަމަނުޖެހުން ހިންގި މީހުންގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާ ފިޔަވަޅު އަޅާނެ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.

ފުލުހުންގެ ހިދުމަތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއަދުގެ ހާދިސާ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ކަމަށެވެ.

އަދި މި އަމަލު ހިންގުމުގައި ބައިވެރިވި މީހުންގެ މައްސަލަ ތަހުގީގުކޮށް ގާނޫނީ ފިޔަވަޅު އެޅުމަށް ކުރަން ޖެހޭ މަސައްކަތް ފުލުހުންގެ ހުރިހާ ގުނަންތަކުން ގުޅިގެން ކުރިއަށް ގެންދާ ކަމަށެވެ. ފުލުހުން ބުނީ މިހާތަނަށް ލިބިފައިވާ މައުލޫމާތުން ހަމަނުޖެހުން ހިންގި މީހުން ބޭނުން ކުރި ބައެއް އާލަތްތައް ނެރެފައިވަނީ އިދިކޮޅު ޕާޓީގެ އޮފީހުން ކަމަަށް އެނގިފައިވާ ކަމަަށެވެ.

ފުލުހުންގެ ބަޔާނުގައި މިއަދު ހާދިސާ ހިނގަން މެދުވެރިވީ ސަބަބު ބަލާ ފުލުހުންގެ ހިދުމަތުން ރެސްޕޮންޑް ކުރި ގޮތުގެ އިންޓަނަލް ރިވިއުއެއް ކުރާނެ ކަމަަށް ބުންޏެވެ.