އެމްޓީސީސީ

ބްރިޖު ނިމުމުން އިސްކަން ދޭނީ ފެރީތައް އަތޮޅުތަކަށް ފުޅާކުރަން: އެމްޓީސީސީ

މާލެއާ ހުޅުމާލެ ދެމެދު އަޅާ "މޯލްޑިވްސް ޗައިނާ ފްރެންޑްޝިޕް ބްރިޖު" ގާއިމް ކުރުމުން މުޅި ރާއްޖެއަށް ފެރީގެ ހިދުމަތް ފުޅާ ކުރާނެ ކަމަށާއި އަތޮޅުތަކު ތެރޭގައި ދޭ ފެރީގެ ހިދުމަތް އިތުރަށް ހަރުދަނާވާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ޗައިނާ ފްރެންޑްޝިޕް ބަރިޖާއި ގުޅިގެން އެމްޓީސީސީ އިން ދޭ ފެރީގެ ހިދުމަތަކަށް އަންނާނެ ބަދަލުތަކާއި ގުޅޭ ގޮތުން "އަވަސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހަލީމް ވިދާޅުވީ އަތޮޅުތަކުގެ އެހެން ރައްތަކުގައި މިހާރު ފެރީގެ ހިދުމަތް ދެމުން އަންނަނީ އެކަށީގެންވާ ފެންވަރަކަށް ނޫން ކަމަށާއި އޭގެ މައިގަނޑު ސަބަބަކަށް ވަނީ އެރަށްރަށުގައި ދަތުރު ކުރާ ފެރީތައް މަދުވުމުން ކަމަށެވެ.

ހަލީމް ވިދާޅުވީ މާލެއާ ހުޅުމާލެ ދެމެދު ބްރިޖު އެޅުމުގެ ސަބަބުން އެދެ ރަށް ދެމެދު ކަނޑުމަތިން ދަތުރު ކުރާ މީހުންގެ އަދަދު މަދުވާނެ ކަމަށާއި އެހެން ކަމުން މާލެ ހުޅުމާލެ ދެމެދު ދަތުރު ކުރުމަށް އެހާ ގިނަ ފެރީތަކެއް ބޭނުމެއް ނުވާނެ ކަމަށް ވެސް ހަލީމް ވިދާޅުވި އެވެ.

"އެހެންވީމަ ބްރިޖު އައުމަށް ފަހު މިދާއިރާގައި ފެރީގެ ހިދުމަތުގެ ޑިމާޑު ދައްވެއްޖެއާ އަޅުގަނޑުމެން ވިސްނާފައި ވާނީ ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި އެކަށީގެންވާ ފެންވަރެއްގައި ރައްޔިތުންނަށް ފެރީގެ ހިދުމަތް ދިނުމަށް މާލެ ހުޅުމާލެ ދެމެދު ދަތުރު ފެރީތައް ބޭނުން ކުރަން،" ހަލީމް ވިދާޅުވި އެވެ.

ހަލީމް ވިދާޅުވީ އެމްޓީސީސީ އިން ދަތުރުފަތުރުގެ ދާއިރާގައި ރާއްޖެ އަށް އެކަށީގެންވާ ހައްލުތަކެއް ހޯދައިދިނުމުގެ ބޭނުމުގައި މުޅި ރާއްޖޭގައި ދަތުރުފަތުރުގެ ހިދުމަތް ދޭން ވިސްނަމުން އަންނަ ކަމަށެވެ. އަދި ބްރިޖުގެ އެޅުމުގެ ސަބަބުން އެކަމަށް އޮތް ފުރުސަތުތަށްވެސް ބޮޑުވާނެ ކަމަށް ހަލީމް ވިދާޅުވި އެވެ.

މީގެ އިތުރުން މާލެއާ ހުޅުމާލެ ދެމެދު އަޅާ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު ގާއިމް ކުރުމުން ވެގެންދާނީ ރައްޔިތުންނަށް ލިބޭނެ ބޮޑު ލުއިއެއް ކަމަށާއި ސަބަބަކީ ފެރީ ދަތުރު ކުރުމަކީ ހުރިހާ މޫސުމެއްގައި ރައްޔިތުންނަށް އެހާ ފަސޭހަ ކަމަކަށް ނުވެދާނެތީ ކަމަށް ހަލީމް ވިދާޅުވި އެވެ. ނަމަވެސް މާލެ ހުޅުމާލެ ދެމެދު ބްރިޖު އެޅުމުން ވެސް މުދާ އުފުލުމަށް ނުވަތަ އެހެނިހެން ކަމަކަށްވިޔަށް މަދުން ނަމަވެސް މީހުން ފެރީ ބޭނުން ކުރާނެކަން ގަބޫލު ކުރައްވާ ކަމަށް ހަލީމް ވިދާޅުވި އެވެ.

"މިހާރު އޮންނަހާ ޑިމާޑެއް ފެރީތަކަށް ނޯންނާނެ. އެހެން ކަމުން އެހާ ގިނަ ފެރީތަކެއް ހުޅުމާލެއާއި މާލެ ދެމެދު ދަތުރުކުރަމަށް ބޭނުމެއް ނުވާނެ ކަން ޔަގީން. ނަމަވެސް ސީދާ ކިހާ ފެރީއެއް ކަން އޮޕަރޭޓު ކުރާނީ ދަންނަވަން އެނގޭނީ ބްރިޖު އެޅި ދަތުރުތަށް ފެށުމުން" ހަލީމް ވިދާޅުވި އެވެ.

އެމްޓީސީސީ އިން މާލެއާ ހުޅުމާލެ ދެމެދު ފެރީގެ ހިދުމަތްތަށް ދެމުން އަންނަ އިރު ދާދި ފަހުން ވަނީ ތ. އަތޮޅުގައާއި ލ. އަތޮޅުގައި ވެސް ފެރީގެ ހިދުމަތް ދޭން ފަށާފަ އެވެ.