މާލެ ހުޅުލެ، ގުޅުވައިދޭ ބްރިޖްގައި ބަހުގެ ހިދުމަތް ދޭނީ ޓްރާންސްޕޯޓް ފޯ މޯލްޑިވްސް (ޓީއެފްއެމް) އިން ކަމަށް އެމްޓީސީސީގެ ސީއީއޯ އިބްރާހިމް އަބްދުއް ރައްޒާގް ހަލީމް ވިދާޅުވެއްޖެ އެވެ.
"އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި ހަލީމް ވިދާޅުވީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް) އަދި އެމްޓީސީސީ ގުޅިގެން އުފެއްދި ޓީއެފްއެމް މައިގަނޑު އަމާޒަކީ މާލެ އާއި ހުޅުމާލެއާ ދެމެދު ދަތުރުފަތުރުގެ ހިދުމަތް ދިނުން ކަމަށާއި އަދި މީގެ އިތުރުން މާލެ ތެރޭގައާއި ހުޅުމާލޭގައި ދަތުރުފަތުރުގެ ހިދުމަތް ދިނުން ކަމަށެވެ.
"ބްރިޖް މަތިން ދެވޭ ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތްތަށް ދެމުންދާނީ ޓީއެފްއެމް ކުންފުނިން ކަމަށް އަޅުގަނޑުމެން ބަލަނީ،" ހަލީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބްރިޖު އެޅުމުން ދަތުރު ކުރާ ބަސްތަކާއި އެހެނިހެން ޕަބްލިކް ޓްރާންސްޕޯޓް އެއީ ހަމައެކެނި ބްރިޖުގައި ދެކޮޅަށް ދަތުރުކުރާ ވަސީލަތަކަށް ވެގެން ނުދާނެ ކަމަށާއި އަދި ރައްޔިތުނަނަށް ފަސޭހަތަކެއް ވެގެންދާނީ ދެރަށް ހިމެނޭ ގޮތަށް އެކީ ހިދުމަތް ހިދުމަތް ދިނުން ކަމަށެވެ.
"ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް ހަމައެކަނި ބްރިޖު މަތިން ދެކޮޅަށް ދަތުރުކޮށްލުމުން މުޅިން ނުނިމޭނެ. އޭގެ އިތުރުން ހުޅުމާލެ ނެއިބަހުޑްތަކުގައި ދަތުރުކޮށް އަދި މާލެ ތެރޭގައި ވެސް ދަތުރުކޮށް ދެ ސެކްޓާ [ދެ ރަށް] ގުޅެން ޖެހޭނެ،" ހަލީމް ވިދާޅުވި އެވެ.
އެޗްޑީސީ އެމްޓީސީސީ އަދި އެމްޕީއެލް ގުޅިގެން އުފެއްދި މި ކުންފުނީގައި ތިން ކުންފުނިންވެސް ހިއްސާ ހަމަހަމަ އެވެ. ކުންފުނީގެ މަސައްކަތް ފަށަނީ އަންނަ މަހު އެވެ.