ލައިފްސްޓައިލް

105 އަހަރުގެ އަންހެނަކު 100 މީޓަރު ދުވެ ރެކޯޑް ހަދައިފި

އިންޑިއާގެ ހަރްޔާނާގެ 105 އަހަރުގެ އަންހެނަކު 100 މީޓަރު ރޭހެއްގައި ދުވެ ރެކޯޑް ހަދައިފި އެވެ.

ޓައިމްސް އޮފް އިންޑިއާގައިވާ ހަބަރެއް ބުނާ ގޮތުގައި މި އަންހެން މީހާ ދުވެފައިވަނީ ނެޝަނަލް އޯޕަން މާސްޓާސް އެތުލެޓިކްސް ޗެމްޕިއަންޝިޕް ހުޅުވުމުގެ ރަސްމިއްޔާތުގައި މިދިޔަ އާދިއްތަ ދުވަހު އެވެ. އޭނާ 100 މީޓަރު ދުވުން ފުރިހަމަކުރީ 45.50 ސިކުންތުންނެވެ.

އެތުލެޓިކްސް ފެޑެރޭޝަން އޮފް އިންޑިއާއިން އިންތިޒާމްކުރި މި އިވެންޓު އޮތީ ގުޖްރާތުގެ ވަޑޯޑަރާގަ އެވެ.

މި އިވެންޓުގައި އަންހެން މީހާ ދުވެފައިވަނީ އެކަންޏެވެ. ސަބަބަކީ އޭނާއާ ވާދަކުރަން 100 އަހަރުން މަތީގެ މީހަކު މުބާރާތުގައި ބައިވެރިވެފައި ނެތީމަ އެވެ. އަދި މި އިވެންޓުގައި އަންހެން މީހާ ފިޔަވައި 85 އަހަރުން މަތީގެ މީހަކު ވެސް ބައިވެރިވެފައެއް ނުވެ އެވެ.

މި ޚަބަރުގައި ބުނެފައިވާ ގޮތުގައި ރާމްބާއީ ނަމަކަށް ކިޔާ މި އަންހެން މީހާ އަކީ ވަރަށް ހިތްވަރާއި ޖޯޝު ހުރި މީހެކެވެ. އަދި ހަށިގަނޑަށް ފައިދާ ހުރި ރަނގަޅު ކާނާ ކައިގެން ހަށިގަނޑުގައި ހަކަތަ ޖައްސަން ވަރަށް މަސައްކަތްކުރާ މީހެކެވެ.

ރާމްބާއީ ބުނި ގޮތުގައި އޭނާ ކެއުމުގައި އާންމުކޮށް ބޭނުންކުރަނީ ޗޫރްމާ އެވެ. ޗޫރްމާ އަކީ އާޓާ ފުށާއި ދޭސީ ގީ (ގިތެޔޮ) އަދި ގުރް ޝައްކަރް (ޖަގްރީ ހަކުރު) މޮޑެގެން ތައްޔާރުކުރާ ކެއުމެކެވެ. ދެން އޭނާ ކައި އުޅެނީ ދަހީ ނުވަތަ ކާޑް އެވެ. ބޮއިއުޅެނީ ކިރެވެ.

ރާމްބާއީގެ މާމަދަރިފުޅު ޝަރުމީލާ ބުނި ގޮތުގައި އޭނާގެ މާމަ ކޮންމެ ކޮންމެ އެއްޗެއް ނުކާނެ އެވެ. މާމައަކީ ވެޖިޓޭރިއަން އެއް ކަމަށާއި ދުވާލަކު 250 ގްރާމް ގިތެލާއި 500 ގްރާމް ކާޑު (ޔޯގަޓް) މާމަ ކާނެކަމަށް ޝަރްމީލާ ބުންޏެވެ.

"މާމަ ދުވާލަކު ދެ ފަހަރު 500 އެމްއެލްގެ ތާޒާ ކިރު ބޯނެ. އަދި ބަތް ވަރަށް ނުކާނެ،" ޝަރުމީލާ ބުންޏެވެ.

މީގެ އިތުރުން މާމައަކީ ދަނޑުގައި މަސައްކަތްކުރާ މީހެއް ކަމަށާއި ދުވާލު 3-4 ކިލޯމީޓަރަށް މާމަ ދުވާ ކަމަށް ވެސް މާމަދަރިފުޅު ބުންޏެވެ.

"މާމައަށް މިހާތަނަށް އެކި އެކި މުބާރާތްތަކުގައި ދުވެގެން ޑަޒަނެއްހާ މެޑެލް ލިބިފައިވޭ،" ޝަރުމީލާ ބުންޏެވެ.