ދުނިޔެ

މުހިންމީ ބޭހުގެ އަގަށް ވުރެ ލިބެން ހުރުން: ލަންކާ

ސަރުކާރުން އިސްކަން ދެނީ ބޭހުގެ އަގު އަތުޖެހޭ ފަށަށް ގެނައުމަށް ވުރެ އާންމުކޮށް ލިބޭނޭ ގޮތް ފަހިކޮށް ދެއްވުމަށް ކަމަށް ލަންކާގެ ހެލްތު މިނިސްޓަރު ކެހެލިޔާ ރަމްބުކްވެއްލާ ވިދާޅުވެއްޖެ އެވެ.

ލަންކާގެ އިގުތިސޯދު ވަރަށް ބޮޑަށް ދަށްވެފައި އޮތް މި ދަނޑިވަޅުގައި ބަލި މީހުންނަށް ފަރުވާދިނުމަށް ބޭނުންވާ އަސާސީ ގާބިލުކަން ސިއްހީ ދާއިރާގައި ނެތުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.

ލަންކާއަށް މިހާރު ދިމާވެފައި އޮތް އެންމެ ބޮޑު ދައްޗަކީ ބޭރުފައިސާ ލިބެން ނެތުމެވެ. ކާބޯތަކެއްޗާއި ތެލާއި އަދި ބޭސް ފަރުވާއަށް ބޭނުންވާ ތަކެތީގެ ތެރެއިން ގައުމަށް އެތެރެކުރަން ޖެހޭ ބާވަތްތަަށް ވެސް ވަނީ ސުމަކަށް ގޮސްފަ އެވެ.

އަނެއްކޮޅުން ލަންކާގައި އުފެއްދުންތެރިކަން ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. ކާރުޚާނާތައް ހިންގަން ބޭނުންވާ ތެލާއި ކަރަންޓް ދޭން ބޭނުންވާ ތެޔޮ ލިބުން ދަތިވެ ލަންކާ ރައްޔިތުން އާންމު ގޮތެއްގައި 24 ގަޑިއިރު ހޭދަކުރަނީ ވަގުތު ބަހައިގެން ކަރަންޓް ކަނޑާ އުސޫލުންނެވެ.

ލަންކާއަށް އެހީ ހޯދުމަށް ރައީސް ގޯޓާބޭ ރާޖަޕަކްސާ ގެންދަނީ ދުނިޔޭގެ މާލީ އިދާރާތަކާ މަޝްވަރާ ކުރައްވަމުންނެވެ. އަދި ގައުމުތަކުން އެހީ ދިނުމުގައި ލަންކާއަށް މުހިއްމު ބާވަތްތަކުން ވެސް އެހީތެރިކަން ފޯރުކޮށްދޭން ވަނީ ފަށާފަ އެވެ.

ހެލްތު މިނިސްޓަރު ވިދާޅުވި ގޮތުގައި ލަންކާއަށް ބޭނުންވާ ބޭސް ގަތުމަށާއި ސިއްހީ ދާއިރާ ހިންގައި ގަތުމަށް ހެޔޮއެދޭ ކުންފުނިތަކުންނާއި ދުނިޔޭގެ ޖަމާއަތްތަކުން އެހީތެރިކަން އެބަ ފޯރުކޮށްދެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ވޯލްޑް ބޭންކާއި، އޭޝިއަން ޑިވެލޮޕްމަންޓަ ފަންޑް އަދި އޭޝިއަން އިންފްރަސްޓްރަކްޗާ ބޭންކުން ލަންކާއަށް އެހީވާނެ އެވެ. އޭނާ އަދި ވިދާޅުވީ އެހީގެ ޖުމުލް 350 މިލިއަން ޑޮލަރު ފަހަނައަޅާނެ އެވެ.

ހެލްތު މިނިސްޓަރުގެ ވާހަކަތައް އެހެން ހުރި ނަމަވެސް ލަންކާގައި ތަކެތީގެ އަގު ބޮޑުވުން ވަނީ ވަރަށް ބޮޑު މައްސަލައަކަށް ވެފަ އެވެ. ޚާއްސަކޮށް ކާބޯތަކެއްޗާއި ބޭހުގެ އަގު މާބޮޑު ކަމަށްވެސް އާންމުން ބުނެ އެވެ.