މަރިޔަމް ނަޒާހާ އަށް އޭނާގެ ކުރީގެ ފިރިމީހާ ހަސަން ޝާހިދު ކޮށްފައިވާ އަނިޔާތަކުގެ އިތުރު ހާދިސާތަކެއް މިއަދު ސުޕްރީމް ކޯޓުގައި ހާމަކޮށްފި އެވެ.
ކުރީގެ ފިރިމީހާ މަރާލިކަމުގެ ކުށް ސާބިތުވެގެން ނަޒާހާ މިހާރު ދަނީ ޖަލު ހުކުމް ތަންފީޒު ކުރަމުންނެވެ. ދަށު ކޯޓުން ކުރި ހުކުމް ނަޒާހާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށް އަޑުއެހުންތައް މިހާރު ވަނީ ނިމުމަކާ ގާތްވެފަ އެވެ.
ޝަރީއަތުގެ މިއަދުގެ މަޖިލީހުގައި ނަޒާހާގެ ފަރާތުން ގާނޫނީ ވަކީލް އަދި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ވިދާޅުވެފައި ވަނީ ދައުލަތުން އުޅެނީ މި މައްސަލައިގައި ކުރިން ނުޖައްސާ އިތުރު ސިފައެއް ޖެއްސުމަށް ކަމަށެވެ. އެގޮތުން ނަޒާހާ ކުރިޔާލާ ރާވައިގެން ޝާހިދު މަރާލިކަން ދައްކަން ދައުލަތުން މަސައްކަތް ކުރި ނަމަވެސް އެކަން އޮތީ އެގޮތަށް ނޫން ކަމަށް ފުރަތަމަ ދުވަހުން ފެށިގެން ވެސް ނަޒާހާ ބުނަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝާހިދުގެ ފަރާތުން ނަޒާހާއަށް އެތައް އަނިޔާއެއް ލިބެމުން ދިޔަކަން އެނގޭ އަދި ބަޔާން ދީފައިވާ މީހުން އެބަތިބި ކަމަށް ނިހާޔަތު ވިދާޅުވި އެވެ. އަދި ނަޒާހާ ކުރިން ދަށު ކޯޓު މަރުހަލާގައި ކިޔައިދީފައިވާ ބައެއް ހާދިސާތައް ނިހާޔަތު ތަކުރާރުކުރެއްވި އެވެ.
އެގޮތުން 2008 ވަނަ އަހަރު ނަޒާހާ ބަލިވެއިންދައި ޝާހިދު، އޭނާގެ ކަރުގައި ހިފައި ޖޯއްޔެއްގެ މައްޗަށް ވައްޓާލި ކަމަށް ވިދާޅުވި އެވެ. ހަމަ އެ އަހަރު ޖީސީއީ އޯލެވެލް އިން ނަޒާހާ ފާސްނުވާތީ އިނގިރޭސީ މާއްދާ ހެދުމަށް އަމިއްލަ ގޮތުން ބައިވެރިވެ، އިމްތިހާން ހަދަން ދަނިކޮށް އަތުގައި އަޅާފައި ހުރި އަނގޮޓިތަކާ އެކީ ގޮށްމުށުން ނަޒާހާގެ ބޮލުގައި ޝާހިދު ތެޅިތެޅީނުން ހޮސްޕިޓަލަށް ގެންދަން ޖެހުނު ކަމަށްވެސް ވިދާޅުވި އެވެ.
މީގެ އިތުރުން އޭރު ނަޒާހާ މަސައްކަތްކުރި ހީޓް ކިޔާތަނަކަށް ވަދެ ނަޒާހާގެ ކަރުގައި ހިފައި ގެންގޮސް އެތަނުގެ ރިސެޕްޝަން މައްޗަށް ޖެހި ހާދިސާ ފާހަގަކުރެއްވި އެވެ. އެ ހާދިސާގައި ޝާހިދު ހައްޔަރުކުރި ކަމަށާއި އެކަމަކު ދައުވާ ކުރަން ކާފީ ހެކި ހުރި ނަމަވެސް ޝާހިދުގެ އާއިލާގެ އެދުމުގެ މަތިން ނަޒާހާ އެ މައްސަލަ އަނބުރާ ގެންދިޔައީ ކަމަށް ނިހާޔަތު ވިދާޅުވި އެވެ.
އިތުރު ހާދިސާއެއްގެ ގޮތުގައި ފާހަގަކުރެއްވީ ހަމަ އެ ތަނުގައި އޮތް އިވެންޓެއްގައި ނަޒާހާ ބައިވެރިވާން އޮއްްވައި އޭނާއަށާއި އެތަނުގެ އިސް މުވައްޒަފުންތަކަކަށް ޝާހިދު ބިރުދެއްކި ހާދިސާ އެވެ. އެ ހާދިސާގައި އެ އިވެންޓްގައި ނަޒާހާ ބައިވެރި ނުކުރަން ހީޓުން ނިންމި ކަމަށްވެސް ނިހާޔަތު ވިދާޅުވި އެވެ. އަދި ނަޒާހާއަށް އަނިޔާކޮށް ކަރުގައި ހިފި މަންޒަރު އެމީހުންގެ ދަރިފުޅަށް ފެނި، ބިރުން ގޮސް އެކުއްޖާއަށް ފިޓު ޖެހި ވަރަށް ބޮޑަށް ބަލިވި ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. އެކަމާ ގުޅިގެން ދެ މީހުން ދަރިފުޅު ގޮވައިގެން ބޭސްފަރުވާއަށް ލަންކާ އަށް ވެސް ދާން ޖެހުނެވެ.
ނިހާޔަތު ވިދާޅުވީ ނަޒާހާއަށް ޝާހިދުގެ ފަރާތުން އެތައް އަނިޔާއެއް ލިބެމުންދާތީ ނަޒާހާ ދިރިއުޅޭ ގެއަށް ޝާހިދު ވަނުން ވެސް ފުލުހުން އޮތީ މަނާކޮށްފައި ކަމަށެވެ. މި ހުރިހާ ކަމެއް ހިނގާފައި ވަނީ ނަޒާހާ އަދި ޝާހިދުގެ ކައިވެނި ރޫޅާލައިފައި ވަނިކޮށެވެ. އަދި ދައުލަތުން މި ދެ މީހުންގެ ގުޅުން ރަގަޅު ކަމަށް ބުނި ނަމަވެސް، ދަރިންގެ ކަންކަމުގައި މައިންބަފައިން ވާހަކަ ދައްކާނެ ކަމަށް ވެސް ނިހާޔަތު ފާހަގަކުރެއްވި އެވެ. އެމީހުން އުޅުނީ "ޓޮކްސިކް އަދި އެބިއުސިވް ރިލޭޝަންޝިޕެއް" ގައި ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ނިހާޔަތު އިތުރަށް ވިދާޅުވެފައި ވަނީ ދަށު ކޯޓު މަރުހަލާގައި ނަޒާހާ ދިފާއީ ހެކި ހުށަހެޅި ނަމަވެސް ހެކިން ކޯޓަށް ހާޒިރުކޮށްފައި ނުވާ ކަމަށެވެ. މި މައްސަލަ ދަށު ކޯޓުގައި ހިންގާފައި ވަނީ ބޭއިންސާފުން ކަމަށް ވެސް އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ.
ދައުލަތުން ބުނީ ޝާހިދަށް ނަޒާހާ ވެސް އަނިޔާކުރާ ކަމަށް
ޝަރީއަތުގެ މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ބުނެފައިވަނީ ހީޓްގައި ހިނގައި ދިޔަ ހާދިސާގައި ދެ މީހުންގެ ބަޔާން ފުލުހުން ނަގާފައިވާ ކަމަށެވެ. ޝާހިދު ދިން ބަޔާނާ ހަވާލާދީ ދައުލަތުން ބުނީ އެ ދުވަހު ހީޓަށް ދާންވެގެން ދަރިފުޅު ބަހައްޓަން ނަޒާހާ ގުޅީމުން އޭނާ ބަލިވެ އުޅޭ ކަމަށް ޝާހިދު ބުނި ކަމަށެވެ. އެކަމަކު ވެސް ދަރިފުޅު ބަހައްޓާފައި ނަޒާހާ ދިއުމުން ދަރިފުޅު އެތަނަށް ގެންދިއުމުން މާރާމާރީ ހިންގީ ކަމަށެވެ.
ނަޒާހާ އުޅެނީ ދަރިފުޅު ބަލަން ބޮޑުކަމަކަށް ވެގެން ކަމަށް ދައުލަތުން ތުހުމަތުކުރި އެވެ. ޝާހިދު މަރާލުމުގެ ކުރިން ދަރިފުޅުގެ މައްސަލަ ޝާހިދުގެ ފަރާތުން ފެމެލީ ކޯޓަށް ހުށަހެޅި ކަމަށްވެސް ދައުލަތުން ފާހަގަކުރި އެވެ. އަދި ޝާހިދު، ނަޒާހާއަށް އަނިޔާ ކުރާ ކަމަށް ބުނާއިރު ނަޒާހާގެ ފަރާތުން ޝާހިދަށް އަނިޔާ ކުރާ ކަމަށް ވެސް ދައުލަތުން ވަނީ ބުނެފަ އެވެ. އެގޮތުން ޖެންޑާ މިނިސްޓްރީގެ ރިޕޯޓެއްގައި ނަޒާހާގެ ފަރާތުން ދައްކާފައިވާ ވާހަކަތެއް ދައުލަތުން ފާހަގަކުރި އެވެ. އޭގައި ނަޒާހާ ބުނެފައިވަނީ ތިމަންނަ ވެސް ބައެއްފަހަރު ޝާހިދު ގައިގައި ޖަހާ އަނިޔާ ކުރާ ކަމަށެވެ. އެކަން ޝާހިދު އާއި އާއިލާ އަދި ރައްޓެހިން ފާހަގަކޮށްފައިވާ ކަމަށް ވެސް ދައުލަތުން ބުންޏެވެ.
މީގެ އިތުރުން މި މައްސަލައިގައި ނަޒާހާގެ ގަސްދު އޮތްކަން ސާބިތުވާ ކަމަށް ވެސް ދައުލަތުން ފާހަގަކުރި އެވެ. އެގޮތުން ޝާހިދަށް ހަމަލާ ދިނީ އޭނާގެ ބުރަކައްޓަށް ދިފާއުވާން އުނދަގޫވާނެހެން ކަމަށާއި އަދި ހަމަލާ ދިނުމަށްފަހު ކްރައިމް ސީން ސާފުކުރިކަން ދައުލަތުން ފާހަގަކުރި އެވެ. އަދި ފުލުހުންނަށް ނަޒާހާ އަމިއްލައަށް ރިޕޯޓު ކުރީ ހާދިސާގެ މާފަހުން ފުލުހުންތަކެއް ޝާހިދު ހޮސްޕިޓަލަށް ގެންދިޔަ ފަހުން ކަމަށެވެ. އެހެންކަމުން މުޅި ހާދިސާއަށް ބަލާއިރު މިއީ ގަސްދުގައި ކުރި ކަމެއް ކަމަށް ދައުލަތުން ފާހަގަކުރި އެވެ.
މި މައްސަލައިގައި ދެން އޮންނާނީ ފަނޑިޔާރުންގެ އެއްވެސް ސުވާލެއް އޮތްނަމަ ކަންކަން ސާފުކުރުމަށްފަހު ހުލާސާކޮށް ދެފަރާތުން ވެސް ވާހަކަދެއްކުމެވެ. އެކަމަށް އަޑުއެހުމެއް ބާއްވާން ވަކި ދުވަހެއް ފަނޑިޔާރުން ވިދާޅެއް ނުވެ އެވެ.
ކުރީގެ ފިރިމީހާ މަރާލި ކަމުގެ ކުށް ސާބިތުވެ، ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ މަރިޔަމް ނަޒާހާ އުމުރަށް ޖަލަށްލާން 2011 ވަނަ އަހަރު ދަށު ކޯޓުން ހުކުމް ކޮށްފައި ވަނީ އޭނާގެ ކުރީގެ ފިރިމީހާ މއ. އެދުރުގޭ ހަސަން ޝާހިދަށް ވަޅިއަކުން ހަމަލާދީ އޭނާ މަރާލިކަން ސާބިތު ވުމުންނެވެ. އެ މައްސަލަ ނަޒާހާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން އޭނާއާ ދެކޮޅަށް މައްސަލަ ނިންމައި ދަށު ކޯޓުގެ ހުކުމަށް އެ ކޯޓުން ތާއީދުކޮށް ހުކުމްކޮށްފައިވަނީ މޭ 31، 2015 ގައެވެ. އޭގެ ހަ އަހަރު ފަހުން ނަޒާހާގެ ފަރާތުން ވަނީ އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.