ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލް ފެހި ޕްރޮޖެކްޓް އިފްތިތާހު ކޮށްފި

Jun 22, 2022

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކޮންމެ އަހަރަކު 50،000 ގަސް އިންދުމުގެ މަގްސަދުގައި "ބީއެމްއެލް ފެހި ޕްރޮޖެކްޓް" އިފްތިތާހުކޮށްފި އެވެ.

ބީއެމްއެލް އިން ބުނީ މި ޕްރޮޖެކްޓް ކުރިއަށް އޮތް ފަސް އަހަރުގެ މުއްދަތަށް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މިއީ ނޮވެންބަރު މަހު ފާހަގަކުރުމަށް ހަމަޖެހިފައިވާ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ހަމައަށް ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާހުރި މުހިއްމު 12 ހަރަކާތުގެ ތެރެއިން ހިންގުމަށް ނިންމާފައިވާ ހަރަކާތެއް ކަމަށް ވެސް ބުންޏެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި ރާއްޖޭގައި ހިންގާ ނާސަރީތަކުން ގަސް ހޯދުމަށްފަހު ރަށްރަށުގައި ގަސް އިންދުމަށް ކަނޑައަޅާފައިވާ ބިންތައް ފާހަގަކޮށް، ރަށް އިތުރަށް ފެހިކުރުމަށް ކޮންމެ އަހަރަކު ފަސް ރަށެއް ހޮވާނެ ކަމަށެވެ. އެއިން ކޮންމެ ރަށަކަށް 10،000 ގަސް ހަދިޔާކުރުމަށް ބޭންކުން ވަނީ ނިންމާފަ އެވެ.

މި ޕްރޮޖެކްޓްގެ ސަބަބުން އަލުން ގަސް އިންދުމުގެ ސަބަބުން ރަށް ގިރުން ހުއްޓުމާއި، ހޫނުމިން ކުޑަވުމާއި، ޖައްވަށް ދޫކުރެވޭ ކާބަންގެ މިންވަރު ދަށްކުރެވުމުގެ ސަބަބުން ތިމާވެއްޓަށް ހެޔޮ ބަދަލެއް ގެނުވާނެ ކަމަށް ބީއެމްއެލް އިން ވަނީ ފާހަގަކޮށްފަ އެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވެފައި ވަނީ ފެހި ޕްރޮޖެކްޓްގެ އެހީގައި ރަށްރަށުގައި ގަސްއިންދުމަށް ކުރާ މަސައްކަތްތަކަށް އެހީވެވި، ކާބަން ޕުޓްޕްރިންގް ދަށްކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މީހުން ދިރިއުޅޭ ސަރަހައްދުތަކަކީ ހިތްހަމަޖެހުން ލިއްބައިދޭ ތަންތަން ގާއިމުކުރެވިގެންދާނެ ކަމަށެވެ.

ބީއެމްއެލް ފެހި ޕްރޮޖެކްޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ރަށު ކައުންސިލްތަކަށާއި ސިޓީ ކައުންސިލް ތަކަށެވެ. އަންނަ މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް އެޕްލިކޭޝަން ފޯމު ހުށަހެޅޭނެ އެވެ.