ބޭރު ކުޅިވަރު

ތުރާން އާއި ވިޑާލް ބާސެލޯނާގެ ޖާޒީގައި ކުޅެން ނުކުންނަނީ

މި ސީޒަން ފެށުމުގެ ކުރިން ބާސެލޯނާއިން ސޮއިކުރި ދެ ކުޅުންތެރިން ކަމަށް އެލެކްސް ވިޑާލް އާއި އަރްޑާ ތުރާން އަށް ހަ މަސް ފަހުން ކުޅުމުގެ ފުރުސަތު ލިބިއްޖެ އެވެ.

މި ދެ ކުޅުންތެރިން ބާސެލޯނާ އަށް ސޮއިކުރި ނަމަވެސް ޕްރެކްޓިސްގައި ބައިވެރިވުން ފިޔަވައި ކުލަބުގެ ރަސްމީ އެއްވެސް ކަމެއްގައި ބައިވެރިނުވެވި މިހާތަނަސް ތިބީ ކުޅުންތެރިން ރަޖިސްޓްރީ ކުރުމުން ބާސެލޯނާ 14 މަހަށް ފީފާއިން ސަސްޕެންޑްކުރުމުންނެވެ. އުމުރުން 12 އަހަރުން ދަށުގެ ކުޅުންތެރިން ލައްވައި ގަވާއިދާ ހިލާފަށް ސޮއިކުރުވި މައްސަލާގައި ބާސެލޯނާ އަށް ދިން ސަސްޕެންޝަން ނިމުމަކަށް އައީ މިދިޔަ ހުކުރު ދުވަހު އެވެ.

އުމުރުން 22 އަހަރުގެ އެލެކްސް ވިޑާލް ބާސެލޯނާ އަށް ސޮއިކުރީ 13 މިލިއަން ޕައުންޑަށް ސެވިއްޔާއިންނެވެ. ބާސެލޯނާގައި އޭނާ ބޭނުންކުރާނީ 22 ނަންބަރު ޖާޒީ އެވެ. ވިޑާލް އަކީ ޑެނީ އަލްވެޒްގެ ބަދަލުގައި ކުރިއަށް އޮތްތަނުގައި ބާސެލޮނާގެ ކަނާތްފަރާތުން ކުޅޭނެ ކުޅުންތެރިޔާ އެވެ. ތުރާން ބާސެލޯނާ އަށް ސޮއިކުރީ އެތްލެޓިކޯ މެޑްރިޑުންނެވެ. އުމުރުން 28 އަހަރުގެ ކުޅުންތެރިޔާ ބާސެލޯނާގައި ބޭނުންކުރާނ ހަތް ނަންބަރު ޖާޒީ އެވެ.

ބުދަ ދުވަހުގެ ރޭ ސްޕެނިޝް ކަޕުގައި އެސްޕަނިޔޯލްއާ ދެކޮޅަށް މި ދެ ކުޅުންތެރިންނަށް ވެސް ކުޅެވޭނެ އެވެ.

"ކޯޗަށް އެނގޭނެ އަހަރުމެން އޭނާ ބޭނުންވި ކޮންމެ ވަގުތަކު ވެސް ވަރުގަދަ އަށް ޕްރެކްޓިސްކޮށް ފިޓްކޮށް ތިބެން މަސައްކަތް ކުރިކަން،" 26 މިލިއަން ޕައުންޑަށް ބާސެލޯނާ އަށް ގެނައި ތުރުކީ މިޑްފީލްޑަރު ވިޑާލް ބުންޏެވެ.

މި ދެ ކުޅުންތެރިންނަށް ކުޅެވޭގޮތް ވުމަކީ ބާސެލޯނާގެ ކޯޗު ލުއިސް އެންރީކޭ އަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. އެއީ އަނިޔާގެ ސަބަބުން ބައެއް ކުޅުންތެރިންނަށް ކުޅުމާ ދުރުގައި ތިބެން ޖެހިފައިވުމުން ސްކޮޑް ވަރަށް ބޮޑަށް ނިކަމެތިވެފައިވުމުންނެވެ.

ބާސެލޯނާ މި ވަގުތު އޮތީ ސްޕެނިޝް ލީގުގެ ދެ ވަނާގަ އެވެ. ނަމަވެސް އެއީ އެއްވަނާގައިވާ އެތްލެޓިކޯ މެޑްރިޑަށްވުރެ އެއް މެޗު މަދުން ކުޅެގެންނެވެ.