މާރިޔާ އަހުމަދު ދީދީ

ގައުމުގެ ރައްކާތެރިކަން އަމިއްލައަށް ކަށަވަރެއް ނުކުރެވޭނެ: މާރިޔާ

Jun 22, 2022

މިއަދު އެއްވެސް ގައުމަކަށް އެ ގައުމެއްގެ ސަލާމަތާއި ރައްކާތެރިކަން އަމިއްލައަށް ކަށަވަރުކުރުމަކީ މުސްތަހީލު ކަމެއް ކަމުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

މާރިޔާ މިހެން ވިދާޅުވީ ރުވާންޑާގެ ވެރިރަށް ކިގާލީގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ވިމެންސް ފޯރަމްގެ "ސެޝަން އޮން ވިމެންސް އެންގޭޖްމަންޓް އިން ޕީސް އެންޑް ސެކިއުރިޓީ"ގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިއީ ކޮމަންވެލްތު ވިމެންސް ފޯރަމްގައި ދިވެހިރާއްޖޭގެ ވަޒީރަކު ވާހަކަފުޅު ދެއްކެވި ފުރަތަމަ ފަހަރެވެ.

މިނިސްޓަރު މާރިޔާ ވިދާޅުވީ ބައިނަލްއަގްވާމީ ގޮތުން ސަލާމަތާއި ރައްކާތެރިކަމަށް ހުރި ގޮންޖެހުންތައް މިއަދު ނުހަނު ފުޅާވެ، އުނދަގޫވެފައިވާ ދަނޑިވަޅެއްގައި އެއްވެސް ގައުމަކަށް އެ ގައުމެއްގެ ސަލާމަތާއި ރައްކާތެރިކަން އަމިއްލައަށް ކަށަވަރުކުރުމަކީ މުސްތަހީލް ކަމެއް ކަމަށެވެ.

މާރިޔާ ވިދާޅުވީ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތުގައި އަންހެނުން ބާކީކޮށްގެން ނުވާނެ ކަމަށެވެ. ސަބަބަކީ ސަލާމަތީ ގޮތުން އަންނަ ލޮޅުންތަކާއި ކުރިމަތިވާ ކާރިސާތަކުން އެންމެ ބޮޑު ގެއްލުމަކާއި ބުރައެއް އުފުލަންޖެހޭ ބަޔަކީ އަންހެނުންނާއި ކުޑަކުދިން ކަމުގައިވާތީ ކަމަށް ވިދާޅުވި އެވެ.

ދުނިޔޭގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި އަންހެނުން ބާކީނުކޮށް، އިތުބާރާއި އެކުވެރިކަމުގެ ރޫހެއްގައި ގައުމުތަކާއެކު ޕާޓްނަޝިޕްތައް ހަދައިގެން ވަކި އުސޫލުތަކެއްގައި ހިފަހައްޓާ ބައިނަލްއަގްވާމީ ޖަމާއަތެއް ބިނާކުރުމުގެ ތަސައްވުރު ހާސިލްކުރަން މަސައްކަތްކުރަންޖެހޭ ކަމުގައިވެސް މާރިޔާ ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ރެކޯޑު އަދަދަކަށް އަންހެން ވަޒީރުން އައްޔަންކުރައްވާފައިވާކަން ވެސް މާރިޔާގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފަ އެވެ.

"ދިވެހިރާއްޖޭގެ ދިފާއުއާއި ސަލާމަތަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލުމަށްޓަކައި އަންހެން ވަޒީރަކު އައްޔަންކުރައްވަން ރައީސް ސޯލިހް ނިންމެވި ނިންމެވުމަކީ ވަރުގަދަ، ތާރީޚީ ނިންމެވުމެއް،" މާރިޔާ ވިދާޅުވި އެވެ.

މިނިސްޓަރު މާރިޔާ އިތުރަށް ވިދާޅުވީ އަންހެން ބޭފުޅުންނަށް އިސް މަގާމުތައް ހަވާލުކުރުމުން މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް ބާރު ލިބި، ވަށާޖެހިފައިވާ ޒަމާނީ ނިޒާމަކަށް ފެތޭ ހަމަތަކާއި އުސޫލުތަކާއި ނަޒަރިއްޔާތުތައް ތައާރަފްވާ ކަމަށެވެ. އަދި އޭގެ އެދެވޭ ނަތީޖާއާއި އަސަރުތައް ދިފާއީ އަދި ސަލާމަތީ ދާއިރާއަށްވެސް ފެތުރި، ދައުރުވެގެންދިޔުމަށް މަގުފަހިވާ ކަމުގައިވެސް ވިދާޅުވި އެވެ.