މާލޭ ސިޓީ ކައުންސިލް

ހަމަނުޖެހުން ހިންގަން ފުރުސަތު ލިބުނީ ސަލާމަތީ ކަންކަން ދޯހަޅިވުމުން: ސިޓީ ކައުންސިލް

Jun 22, 2022
1

ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަަގަކުރަން މިދިޔަ އަންގާރަ ދުވަހު ބޭއްވި ހަރަކާތުގައި ހަމަނުޖެހުން ހިނގަން ފުރުސަތު ލިބިގެން ދިޔައީ ސަލާމަތީ ކަންތައްތައް ދޯހަޅިވުމުން ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.

އަންގާރަ ދުވަހުގެ ހަަމަނުޖެހުންތަކާ ގުޅިގެން މާލެ ސިޓ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ގަލޮޅު ދަނޑުގައި ސަރުކާރުން ހިންގި ހަރަކާތާ ގުޅިގެން އިހްތިޖާޖުކޮށް އަޑު އުފުލި ފަރާތްތަކުގެ ތެރެއިން ބަޔަކަށް ހަމަނުޖެހުން ހިންގަން ފުރުސަތު ލިބި، އެ ހަރަކާތުގައި ބައިވެރިވި ބައެއް ޑިޕްލޮމެޓުންނާއި ސަރުކާރުގެ ވެރިން ނުރައްކަލަށް ހުށަހެޅިގެން ދިއުމަކީ މާލޭ ސިޓީ ކައުންސިލުން ކަންބޮޑުވާ ކަމެއް ކަމަށެވެ.

ހަމަނުޖެހުން ހިނގަން ފުރުސަތު ލިބިގެން ދިޔައީ ސަލާމަތީ ކަންތައްތައް ދޯހަޅިވުމުން ކަމަށް ފާހަގަކޮށް ބަޔާނުގައި ބުނެފައިވަނީ މިމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށް، ދިވެހި ފުލުހުންގެ ހިދުމަތުގެ މަސްއޫލިއްޔަތު އަދާ ކުރުމުގައި މިހާރަށް ވުރެ ހަރުދަނާ އުސޫލުތަކެއް ގާއިމުވެފައި އޮތުން މުހިއްމު ކަމަށެވެ.

"އެހެންކަމުން މި ހަމަނުޖެހުން ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށާއި، އަދި ގަލޮޅު ދަނޑުގައި ހިނގައިދިޔަ ފަދަ ހަމަނުޖެމެއް ތަކުރާރު ވިޔަ ނުދިނުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް، ކަމާބެހޭ އެންމެހައި މުއައްސަސާތަކަށް މާލޭ ސިޓީ ކައުންސިލުން ގޮވާލަމެވެ." ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.

ފުލުހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޔޯގާ ހަރަކާތް ހުއްޓުވި މީހުން ބޭނުންކުރި އާލާތްތައް ދޫކުރީ ޕީޕީއެމްގެ އޮފީހުން ކަމަށް އެނގިފައިވާ ކަމަށެވެ. އަދި ހަމަނުޖެހުން ހިންގި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމަށްވެސް ބުނެފައިވެ އެވެ.

ގަލޮޅު ދަނޑުގައި ހިންގި ހަމަނުޖެހުންތަކާއި ގުޅިގެން އިއްޔެ ހަ މީހަކު އަދި މިއަދު ދެ މީހަކު ހައްޔަރުކޮށްފައިވެ އެވެ.

ވަޒީރުންގެ މަޖިލީހުގެ އިއްޔެ ބައްދަލުވުމުގައި ވަނީ ގަލޮޅު ދަނޑުގައި ހިނގާދިޔަ ހަމަނުޖެހުންތައް ކުށްވެރިކޮށް އެ އަމަލު ހިންގި ފަރާތްތަކުގެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ވަޒީރުންގެ މަޖިލީހުގެ ސަބްކޮމެޓީއެއް ވެސް އެކުލަވާލާފަ އެވެ.