ގައުމީ ފުޓްބޯޅް ޓީމް

ރާއްޖޭގެ ފުރަތަމަ މެޗުގައި ކެމްބޯޑިއާޔާ ދެކޮޅަށް

އަންނަ ހުކުރު ދުވަހު ބަނގްލަދޭޝްގައި ފަށާ ބަންގް ބަންދު ގޯލްޑް ކަޕުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗަކީ ހޯމަ ދުވަހު ކެމްބޯޑިއާ ދެކޮޅަށް ކުޅޭ މެޗު ކަމަށް ވެއްޖެ އެވެ.

މުބާރާތުގައި ޓީމުތައް ވާދަކުރަންޖެހޭ ތަރުތީބު ކަނޑަޅާފައިވަނީ މިއަދު އެވެ. ހުކުރު ދުވަހުން ފެށިގެން މި މަހުގެ 18 އަށް ބާއްވާ މުބާރާތުގައި ރާއްޖެ ހިމެނެނީ ގްރޫޕް ބީގަ އެވެ. މި ގްރޫޕުގައި ދެން ހިމެނެނީ ކެމްބޯޑިއާ އާއި ބަހުރޭން އަދި ބަނގްލަދޭޝްގެ އޮލިމްޕިކް ފުޓްބޯޅަ ޓީމެވެ. ގްރޫޕް އޭގައި ހިމެނެނީ ބަނގްލަދޭޝްގެ ސީނިއާ ފުޓްބޯޅަ ޓީމާއި ސްރީލަންކާ އާއި ނޭޕާލް އަދި މެލޭޝިޔާ އެވެ. މީގެ ތެރެއިން މެލޭޝިޔާ އަކީ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމެވެ.

ބަނގްލަދޭޝްގެ ޝަމްޝުލް ހުދާ ސްޓޭޑިއަމުގައި ކެމްބޯޑިއާއާ ދެކޮޅަށް ހޯމަ ދުވަހު ރާއްޖެ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން މެންދުރު ފަހު 1:30ގަ އެވެ. މުބާރާތުގައި ކުޅޭ ދެ ވަނަ މެޗުގައި ބުދަ ދުވަހު ރާއްޖެ ނުކުންނާނީ ބަނގްލަދޭޝްއާ ދެކޮޅަށެވެ. ބަންގް ބަންދު ނެޝަނަލް ސްޓޭޑިއަމުގައި މި މެޗު ފަށާނީ އެ ދުވަހު ހަވީރު 5:30ގަ އެވެ. ގްރޫޕް ސްޓޭޖުގައި ރާއްޖެ ކުޅޭ ފަހު މެޗުގައި ބަހުރޭނާ ދެކޮޅަށް ކުޅެނީ މި މަހުގެ 15ވާ ހުކުރު ދުވަހު މެންދުރު ދޭއް ޖަހާއިރު އެވެ.

މުބާރާތުގެ ސެމީ ފައިނަލަށް ދާނީ ކޮންމެ ގްރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. ފައިނަލް މެޗު ކުޅޭނީ މި މަހުގެ 18 ވަނަ ދުވަހު އެވެ. މި މުބާރާތަކީ ބަނގްލަދޭޝްގެ ފުޓްބޯޅަ ކުރިއަރުވަން އެ ގައުމުން ބާއްވާ މުބާރާތެކެވެ. މިއީ ރާއްޖެ މި މުބާރާތުގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.