ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިންގެ ތިން ޑޯޒް ފުރިހަމަކޮށްފައިވާ މީހުންގެ ތެރެއިން 65 އަހަރުން މަތީގެ މީހުންނާއި ބަލިޖެހުމުން ނުރައްކާ ބޮޑުވެދާނެ ކަމަށް ބެލެވޭ މީހުންނަށް ހަތަރުވަނަ ޑޯޒެއް ޖެހުމަށް ނިންމާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފި އެވެ.
އެޗްޕީއޭ އިން މިރޭ ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ހަތަރުވަނަ ޑޯޒް ޖަހާނީ ފުރަތަމަ ބޫސްޓާ ޑޯޒް (ތިންވަނަ ޑޯޒް) ޖެހިފަހުން ހަތަރު މަސް ފުރިހަމަވެފައިވާ ފަރާތްތަކަށް ކަމަށެވެ.
ހަތަރުވަނަ ޑޯޒް ޖެހުމަށް ހަމަޖެހިފައިވަނީ 65 އަހަރުން މަތީގެ މީހުންނާއި 18 އަހަރާއި 64 އަހަރާ ދެމެދުގެ މީހުުންގެ ތެރެއިން ދިފާއީ ނިޒާމު ބަލިކަށި މީހުންނެވެ. މީގެތެރޭގައި ހިމެނެނީ ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ މީހުންނާއި، އިމިއުނޯސަޕްރެންޓް ނުވަތަ ހަށިގަނޑުގެ ދިފާއީ ބާރު ދެރަކުރާ ފަދަ ބޭސްތައް ބޭނުންކުރާ މީހުންނާއި، ދިގު މުއްދަތަށް ސެޓްރޮއިޑްގެ ބާވަތްތައް ބޭނުން ކުރާ މީހުންނާއި، ގަވައިދުން ޑަޔަލިސިސް ހަދަމުންދާ މީހުންނެވެ. އަދި ކެންސަރު ބަލީގެ ފަރުވާ ހޯދަމުންދާ މީހުން ނުވަތަ ކެންސަރު ބައްޔަށް ފަރުވާކޮށް ނިމި އަހަރެއް ނުވާ މީހުންނާއި، އިސްކޮޅާ އަޅާބަލާއިރު ބަރުދަން މަތި މީހުންނާއި، ލިވަ ސިރޯސިސް ފަދަ ފުރަމޭގެ ބައްޔެއް ފަރުވާ ދީފައިވާ މީހުންވެސް ހިމެނެ އެވެ.
މީގެިއތުރުން ހަކުރު ބަލީގެ ސަބަބުން ގުނަވަނަކަށް ގެއްލުންވެފައިވާ މީހުންނާއި އުމުރުން ދުވަސްވުމުގެ ސަބަބުން ނުވަތަ ބައްޔެއްގެ ސަބަބުން އެދުމަތިވެފައިވާ މީހުންވެސް ވެކްސިން ޖަހައިދޭ މީހުން ތެރޭގައި ހިމެނެ އެވެ.
އެޕޮއިންޓްމަންޓް އުސޫލުން ވެކްސިންގެ ހަތަރުވަނަ ޑޯޒްގެ ގޮތުގައި މާދަމާ އިން ފެށިގެން ޖަހަން ނިންމާފައިވަނީ ފައިޒާ ވެކްސިނެވެ.
ރާއްޖޭގައި ކޮވިޑް ވެކްސިން ޕްރޮގްރާމު ފެށީ މިދިޔަ އަހަރުގެ ފެބްރުއަރީ އެއްވަނަ ދުވަހު އެވެ. ރާއްޖޭގައި މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ 398،793 މީހުންނެވެ. ވެކްސިންގެ ދެވަނަ ޑޯޒް 384،421 މީހުން ޖަހާފައިވާއިރު ތިންވަނަ ޑޯޒް 162،586 މީހުން ޖަހާފައިވެ އެވެ.
ކޮވިޑުން ރައްކާތެރިވުމަށް ހަތަރުވަނަ ޑޯޒް ޖަހަން ނިންމާފައި މިވަނީ ކޮވިޑް ކޭސްތައް ވަރަށް ބޮޑަށް އިތުރުވެ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އާންމުންނަށް އެޗްޕީއޭ އިން އިލްތިމާސްކޮށްފައި ވަނިކޮށެވެ.