ކްރިމިނަލް ކޯޓް

ޔާފިސްގެ ނަފްސާނީ އެސެސްމެންޓެއް ހަދަން އަމުރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތަކުރާރުކޮށް މަރުގެ އިންޒާރު ދިން މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވާ ހ. ލައިޓްނައިޓް އިސްމާއީލް ޔާފިސްގެ ނަފްސާނީ ހާލަތު ދެނެގަތުމަށް އެސެސްމެންޓެއް ހެދުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ޔާފިސް ވަނީ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާއަތަށް ބައިއަތުހިފިކަން އަންގައިދޭ ލިޔުމެއް ސޯޝަލް މީޑިއާގައި ޝާއިއުކޮށްފަ އެވެ. އަދި 2020 ވަނަ އަހަރުން ފެށެގެން އޭނާ ބޭނުންކުރަމުން ދިޔަ ސޯޝަލް މީޑިއާގެ އެކިއެކި ޕްލެޓްފޯމްތަކުގައި ރައީސް ނަޝީދަށް އިންޒާރުދީ އެކި ޕޯސްޓްތައް ކޮށްފައިވެ އެވެ.

އެހެންކަމުން ދައުލަތުން ޔާފިސްގެ މައްޗަށް ތިން ދައުވާއެއް ވަނީ އުފުލާފަ އެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ކުށުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ހިންގާނެ ކަމުގެ އިންޒާރު ދިނުން ނުވަތަ ބިރުދެއްކުމުގެ ކުށުގެ ދައުވާ އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާ އެވެ.

އެންމެ ފުރަތަމަ މި ދައުވާތަކަށް އޭނާ އިއުތިރާފްވި ނަމަވެސް ފަހުން ވަނީ އިންކާރުކޮށްފަ އެވެ. އޭރު އޭނާ ބުނެފައިވަނީ ދިފާއުގައި ހުށަހަޅާނެ އެއްވެސް ހެއްކެއް ނެތް ކަމަށާއި ދިފާއީ ވަކީލަކު ވެސް ބޭނުންނުވާ ކަމަށެވެ.

އެކަމަކު މިއަދު ކޯޓަށް ހާޒިރުވެފައިވަނީ ދިފާއީ ވަކީލަކާ އެކު އެވެ. އޭނާގެ ދިފާއީ ވަކީލު ހުސްނީ މުބާރަކް ވަނީ ޔާފިސްގެ ބުއްދީގެ އުނިކަމެއްވާނަމަ އެކަން އެނގޭނީ ނަފްސާނީ ހާލަތު ދެނެގަތުމަށް އެސެސްމެންޓެއް ހަދައިގެން ކަމުން އެފަދަ އަމުރެއް ނެރެދިނުމަށް އެދިވަޑައިގެންފަ އެވެ.

އެހެންކަމުން ގާޒީ ދީބާނާޒް ފަހުމީ ވަނީ އެފަދަ އަމުރެއް ދެ ފަރާތަށް ނިސްބަތްވާ ގޮތަށް ނެރެދެއްވާފަ އެވެ. ޔާފިސްގެ ނަފްސާނީ އެސެސްމެންޓް އައިޖީއެމްއެޗް ހޮސްޕިޓަލުން ހެދުމަށް ދައުލަތުގެ ކަމާ ގުޅުންހުރި ހުރިހާ މުއައްސަސާއެއްގެ މައްޗަށް އެ އަމުރުގައި އަމުރުކޮށްފައިވެ އެވެ. އަދި އެ އަމުރުގައި ޔާފިސްގެ ފަރާތުން އެއްބާރުލުން ދިނުމަށް ވެސް ބަޔާންކޮށްފައިވެ އެވެ. އެގޮތުން މީގެ ކުރިން ޔާފިސް ޝަރީއަތުގެ އަޑުއެހުންތަކަށް ހާޒިރުވާން ދެކޮޅު ހަދާކަން ފާހަގަކުރައްވައި ގާޒީ ވަނީ އެސެސްމެންޓް ހެދުމަށް ދާން އެންގުމުން ވަގުތަށް ދިއުމަށް އިލްތިމާސްކޮށްފަ އެވެ.

މީގެ ކުރީގެ އަޑުއެހުމެއްގައި ޔާފިސް ވަނީ އޭނާގެ "ސްކިޓްސްފްރީނިއާ" ނަމަކަށް ކިޔާ ނަފްސާނީ ބައްޔެއް 2013 ވަނަ އަހަރު ހުރި ކަމަށް ބުނެފަ އެވެ. އެއީ މީހާގެ ވިސްނުމަށާއި އުޅުމަށް ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރުކުރާ ބައްޔެކެވެ.

ޔާސިފް މިދިޔަ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު ހައްޔަރުކުރީ ރައީސް ނަޝީދު ރާއްޖެ ވަޑައިގެންފިނަމަ "ބަދުރު ދުވަހު އަބޫ ޖަހުލަށް ހަދާލި ގޮތް ހަދާނެ" ކަމަށް ބުނެ އިންޒާރުކޮށް ފޭސްބުކްގައި ޕޯސްޓެއް ކުރުމުންނެވެ. އަދި މޭ ހަވަނަ ދުވަހުގެ ރޭ ރައީސް ނަޝީދަށް ދިން ހަމަލާއަށް ވުރެ ވަރުގަދަ ހަމަލާއެއް ދޭނެ ކަަމުގެ އިންޒާރު ވެސް ދިނުމުންނެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހު އޭނާގެ ބަންދާމެދު ގޮތެއް ނިންނުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުގައި ވެސް އޭނާ ވަނީ ރައީސް ނަޝީދަށް މަރުގެ އިންޒާރު ދީފަ އެވެ. އެހެންވެ ކޯޓުގެ ހުރުމަތް ކެނޑިކަމުގެ ކުށުގައި 15 ދުވަހަށް ޖަލަށް ލާން ވެސް ހުކުމްކުރި އެވެ.