މާލޭ ސިޓީ ކައުންސިލް

މާލޭގެ ރައްޔިތުންގެ ބައްދަލުވުން ޖުލައި 19ގައި

Jun 23, 2022
1

މާލެ ސިޓީ ކައުންސިލުން ރައްޔިތުންނާ ބައްދަލުކުރުމަށް މިއަހަރު ބާއްވާ ދެވަނަ ބައްދަލުވުން ކުރިއަށް އޮތް ޖުލައި މަހުގެ 19 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފި އެވެ.

ނޫސްވެރިންނާ މިއަދު ބައްދަލުކުރައްވާ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ޖުލައިގައި ބާއްވާ ބައްދަލުވުމުގައިވެސް ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި، ރައްޔިތުން ދޭން ބޭނުންވާ ހިޔާލުތަކަށް ފުރުސަތު ހުޅުވާލާނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ ރައްޔިތުންގެ ބައްދަލުވުމުގައި ކައުންސިލްގެ މަސައްކަތްތަކާއި ކުރިއަށް އޮތް އަހަރަށް ކައުންސިލުން ރާވާފައިވާ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ރައްޔިތުންނާ ހިއްސާކުރާނެ ކަމަށެވެ. ސިޓީ ކައުންސިލްގެ އިދާރީ ހިންގުމަށް އަންނަ ބޮޑު ބަދަލެއް ކުރިއަށް އޮތް ބައްދަލުވުމުގައި ފެނިގެންދާނެ ކަމަށްވެސް މޭޔަރު ވިދާޅުވި އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ ބައްދަލުވުމުގައި މާލެ ސިޓީ ކައުންސިލްގެ މަސައްކަތްތައް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް އިފްތިތާހު ކުރުމަށްވެސް ނިންމާފައިވެ އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ ބައްދަލުވުމަށް ވީހާވެސް ގިނަ ރައްޔިތުން ހާޒިރުވުމަށް މުއިއްޒު ވަނީ އެދިވަޑައިގެންފަ އެވެ.