ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސްގެ ދެކަނބަލުން ރުވާންޑާއަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ރުވާންޑާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެ ގައުމަށް ވަޑައިގެންފި އެވެ.

މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދާއި، ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ރުވާންޑާގެ ކިގާލީގައި މިމަހުގެ 20 އިން 25 އަށް ކުރިއަށްދާ ކޮމަންވެލްތް ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ރައީސް އޮފީހުން ބުނީ ރުވާންޑާގެ ކިގާލީއަށް ރައީސް ސޯލިހާއި އެމަނިކުފާނުގެ ޑެލިގޭޝަން މިއަދު ވަޑައިގެންފައިވާ ކަމަށެވެ.

މިއީ ފެބުރުއަރީ 1، 2020 ގައި ދިވެހިރާއްޖެއިން އަލުން ކޮމަންވެލްތާ ގުޅުނު ފަހުން، ކޮމަންވެލްތުގެ ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވާ ފުރަތަމަ ފަހަރެވެ.

ރައީސް އޮފީހުން ބުނީ ރައީސް ސޯލިހްގެ މި ދަތުރުފުޅަކީ ޑިމޮކްރަސީއާއި، އިންސާނީ ހައްގުތަކާއި، ހެޔޮވެރިކަމާއި، ގައުމުތަކުން އެކުގައި މަސައްކަތް ކުރުމާއި، ދުނިޔޭގެ ސުލްހަ މަސަލަސްކަން ކުރިއެރުވުމަށް ބައިނަލްއަގްވާމީ މުޖުތަމައާއެކު، ހާއްސަކޮށް ކޮމަންވެލްތުގެ މެންބަރު ގައުމުތަކާއެކު ރާއްޖެއިން މަސައްކަތްކުރުމަށް މި ސަރުކާރުންދޭ އަހަންމިއްޔަތު ރަމްޒުކޮށްދޭ ދަތުރުފުޅެއް ކަމަށެވެ. އެގޮތުން މި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ގިނަ ގައުމުތައް ބައިވެރިވާ މިފަދަ ފޯރަމްތަކުގެ ޒަރިއްޔާއިން، އެންމެން ޝާމިލުވާ، ހަރުދަނާ، އަދި ތިމާވެށްޓާ މެދު ހޭލުންތެރި މުޖުތަމައުތަކެއް ބިނާކުރުމަށް ބޭނުންވާ ފަންނީ ތަޖުރިބާ އާއި އެހީތެރިކަން ހޯދުމަށް ކަމަށްވެސް ބުންޏެވެ.

މި ބައްދަލުވުމުގެ ހަވާސާގައި ގައުމުތަކުގެ ވެރިންނާ އެކު ބާއްވަވާ މަޝްވަރާ ބައްދަލުކުރެއްވުންތަކުގައި، ބައިނަލްއަގްވާމީ މުޖުތަމައުގައި ދިވެހިރާއްޖެއިން އަދާކުރާ ދައުރު އިތުރަށް ހަރުދަނާކުރުމަށާއި، ބައިނަލްއަގްވާމީ މައްސަލަތައް ހައްލުކުރުމުގައި ރާއްޖެއިން ބައިވެރިވެ މަސައްކަތްކުރެވިދާނެ ގޮތްތަކާ ގުޅޭ ގޮތުން ރައީސް މަޝްވަރާކުރައްވާނެ ކަމަށްވެސް ރައީސް އޮފީހުން ބުނެފައިވެ އެވެ.