ވާހަކަ

އިޙްސާސްވޭ

( 19 ޖޫން 2022 އާ ގުޅޭ )

އެއް އަރިއަކަށް އޮވެއޮވެ ވަރުބަލި ވެގެން އަނެއް ފަރާތަށް އައިރިކް އެނބުރިލިއެވެ. އޭނާގެ ސިކުނޑީގައި ކުރެހިފައިވީ އަންހެންކުއްޖެއްގެ ސޫރައެވެ. ނަމަވެސް އެއީ ފަނޑު ކުރެހުމެކެވެ. އެއާ ޚިލާފަށް އޭނާގެ ނޭފަތުގައި ހަރުލި ވަހަކީ ހަނދާނުގައި ބިންވަޅުނެގިފައިވި ނަފްސަށް ތަފާތު ހިމޭންކަމެއް ވެރިކުރުވާ ޚާއްޞަ ވަހެކެވެ.

"ދެން ފެނުނަސް ނޭނގޭނެ." އުއްޑުން ޖެހިލުމާއެކު ވައަތް ގެނެސް ނިތްކުރީ މަތީ ބާއްވާލަމުން އައިރިކް ބުނެލިއެވެ.

ޚިޔާލުގެ އޮއެވަރުގައި ގަދައަށް ޖެހި ފަހަރަކަށްވުރެ ފަހަރެއް އައިރިކްގެ ނަފްސު ބިޔަރާޅުތަކެއްގެ ތެރެއަށް ބެހެމުންދަނީއެވެ. އޭނާގެ އެކްސިޑެންޓަކީ ހަޔާތުގައި ކުރިމަތިވީ ފުރަތަމަ ބޮޑު ހާދިސާއެވެ. އެހާމެ ނުރައްކާތެރިއެވެ. އެ އެކްސިޑެންޓް ހިނގީ ސިކުނޑިއަށް ކަމެއް ނަގައިގަނެވޭ ވަރަށްވުރެ އަވަހަށެވެ. ހަމަ ކުއްލިއަކަށެވެ. މުޅި ނަފްސުވީ ބޮޑު ސިހުމެއްގެ ތެރޭގައެވެ. ނަމަވެސް އައިރިކްއާ އޭނާގެ ސިކުނޑި ސަމާސާކުރާން އެހަނި ފުރުސަތުގައި ވެސް މަސައްކަތް ކުރީ ކީއްވެކަމެއް ނޭނގެއެވެ. އޭނާއަށް ފަޅިސުކުންތަކަށް ވިޔަސް ލޯ މަތިން އެ ސޫރަ ފާޅުވެލިހެން ހީވާންވީ ކީއްވެކަމެއް ނޭނގެއެވެ. ފުރާނައާއި ހަށި ދެތަންވަނީއޭ ހީވީ ހިނދު އޭނާގެ ހިތުގެ ޖަޒުބާތުތައް ސިކުނޑީގެ މައްޗަށް ވެރިވެގަތީ ނޫންބާއެވެ. ހަޔާތުން ފުރަތަމަ ފަހަރަށް އެ ހިތް ކަމަކާ ޝައުގުވެރިވެ އައިރިކްގެ މޭގައި އައި ކޮއްޓަމުންނެވެ. ވީއިރު އޭނާއާ ބައްދަލުނުވެ ވަކިވެގެންދާންޖެހެނީއޭ ހީވުން އެކަން އޭނާގެ ހިތަށް ބަރުދާސްތުނުކުރެވި ޖެހި ސަކަރަތެއް ނޫން ބާއެވެ. ކޮންމެ ގޮތަކަށް ވިސްނިޔަސް އޭނާއަށް ހަގީގަތް އޮޅުންފިލާނޭ ގޮތެއް ނެތެވެ. މަރުފަދަ ހިމޭންކަމައްގައި އޭނާ ވުމަށްފަހު އޭނާ ހޭ އެރިއެވެ. ހީވީ ފުން ނިންޖަކަށްފަހު ހޭލެވެވުނީ ހެންނެވެ. ނަމަވެސް މީހާ ހާސްކުރުވީ އެއްވެސް ތަނެއް ނުފެންނަކަން އެނގުމުންނެވެ. ލޯ ހުޅުވައިގެން ހުރެވުނަސް އެކަން ޔަގީން ނުކުރެވެނީއެވެ. ފުރަތަމަކޮޅު އަބަދުމެ ލޮލުގައި އޭނާއަށް އަތް ހިންގާލެވެނީ އެހެންވެއެވެ. ލޯ މެރިފައި ހުރިއްޔޭ ހީކުރެވެނީއެވެ.

ފުންނޭވާއެއް އައިރިކް ދޫކޮށްލުމާއެކު ލޯ މަރާލިއެވެ. ޚިޔާލުތަކުން އެ ނަފްސަށް ލިބޭ ތަކުލީފު އިތުރުވީ ކަހަލައެވެ. އޭނާ އެ ވާހަކަތަކެއް ނުދެއްކި ނަމަވެސް ހިތާއި ސިކުނޑީގައި އަބަދުމެ ދައުރުވޭވޭ އެ ހަނދާންތައް ހުރެއެވެ. ލޮލަށް ނުފެނި ގިނަ ދުވަސްވާން ފެށުމުން އައިރިކްގެ އަމިއްލަ ނަފްސުގެ މައްޗަށް އޮތް ޔަގީން ވެސް ބަލިކަށިވާން ފަށައިފިއެވެ. އަބަދުމެ މިހާރު އޭނާއަށް ކިޔެނީ އެކައްޗެކެވެ. ލޮލުގެ ފެނުން ނުގެއްލި ބަދަލުގައި އޭނާގެ އެހެން ޚިއްޞެއް ނެތިގެންދިޔަނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ.

* * * * *

ދިގު ރެޔަކަށްފަހު އާ ދުވަހަކަށް އިރު އަރައިފިއެވެ. ނިދާކޮޓަރީގައި މާޔަލް ހަރަކާތްތެރިވަމުން ދިޔައެވެ. އަލަމާރި ހުޅުވާލައިގެން އިރުކޮޅަކު ބަލަން އޭނާ ހުއްޓެވެ. އޭނާ ހަނދާންވޭތޯ އެކިއެކި ކަންތައް ކުރަނީއެވެ. އެނދުއަރިމަތީ ހުންނަ ކަބަޑުގެ މަތީން ކަލަންޑަރު ނަގައިގެން ވެސް އޭނާ ބަލައިފިއެވެ. މުހިންމުކަމެއް އޮތިއްޔާ އޭނާ އެ ކަލަންޑަރުގައި ވެސް ނޯޓުކުރެއެވެ. ރޭ ހަތަރުދަން އޭނާ އެހުރީ ނުނިދައެވެ. ކޮޓަރި އެފުށްމިފުށަށް ޖެހީއެވެ. ކުޑަ ވެސް ލިސާނެއް ފެނިދާނޭ ހީކޮށެވެ. ގޯހެއް ހެދުނުނަމަ އެކަން ރަނގަޅުކުރާން ވެސް އެނގޭނީ ކުރެވުނީ ކިހާވަރެއްގެ ކަމެއްކަން އެނގިގެންނެވެ. ނަމަވެސް ކުރިއެރުމެއް މާޔަލްއަށް ނުލިބުނެވެ. އެކްސިޑެންޓާ ގުޅުން ހުރި އެއްވެސް ކަމެއް ފާހަގައެއް ނުވިއެވެ. އެކަމެއްގައި އުޅެއުޅެ އޭނާ ވަރުބަލި ވެސް ވެއްޖެއެވެ. ހަށިގަނޑަށްވުރެ އޭނާގެ ސިކުނޑިވަނީ ލޮޑުވެފައެވެ. ޢާއިލާ މީހަކާ ވާހަކަދައްކައިގެން ހަގީގަތް އޮޅުމެއް ނުފިލާނޭކަން މާޔަލްއަށް މިހާރު ޔަގީންވަނީއެވެ. އެހެންވެ އެމީހުންނާ ކަމެއް ޚިއްޞާކުރުމަކީ ބޭކާރުކަމެއްކަމުގައި އޭނާ ދުށްޓެވެ. ނަފްރަތާއި ރުޅިވެރިކަމުގެ ތެރެއިން ވެސް މާޔަލްއަށް ކަމެއް އެނގުނިއްޔާ އެނގޭނީ އައިތަންގެ ފަރާތުންނެވެ. ހަނދާނުން ގެއްލިފައިވާ ބޮޅުތައް ހޯދައި ގުޅުވުމަށް ޓަކައި މީހެއްގެ ނަފުރަތާއި ރުޅިވެރިކަމަށް ކެތްކުރާން މާޔަލް ހުރީ ތައްޔާރަށެވެ. އެފަދަ ބޮޑުކަމަކަށް ޓަކައި އަދާކުރާން އެއީ ކުޑަ އަގެއްކަމުގައި މާޔަލް ދުށްޓެވެ.

ކޮޓަރީގައި ޓަކި ޖެހި އަޑު އިވިފައި ވެސް އެއީ ކާކުކަން ބުނާން މާޔަލްއަށް އެނގުނެވެ. ވަންނާށޭ ގޮވާލީ އެހެންވެއެވެ. އެއާއެކު ދޮރު ހުޅުވާލައި އެތެރެއަށް ވަދެގެން އައީ މަލަކްއެވެ. ކޮއްކޮގެ އަތުގައި އޮތް ހެދުން ފެނި އެ އައީ ކީއްކުރަންކަން މާޔަލްއަށް އެނގެއެވެ. ސުވާލެއް ކުރުމެއްނެތި އޭނާ ރީތިވާ މޭޒާ ދިމާއަށް އިޝާރާތްކޮށްލިއެވެ. މަލަކް އެ އައީ މާޔަލްގެ ގަހަނާތަކުން އެއްޗެއް ބޭނުންވެގެންނެވެ.

"ކުޑޫ... ވާހަކައެއް އަހާލަންތަ؟." މާޔަލްގެ ގަހަނާތައް ހާވަމުން އަތުގައި އޮތް ހެދުމާ ގުޅޭތޯ ބަލަން ހުރެ މަލަކް ވާހަކަދެއްކިއެވެ. މާޔަލް އައިސް އެނދުގައި އިށީނެވެ. ކޮއްކޮގެ ވާހަކައަށް އޭނާ ހޫން ލައްވާލިއެވެ.

"ކުރީން ކަމުނުގޮސްފަ ފަހުން ހަމަ އޭނާ ކަމުގޮސްފާނެތަ؟." މަލަކް އަހާލިއެވެ. މާޔަލްއަށް ފުރަތަމަ ހީނލެވުނީއެވެ.

"ޕޮސިބަލް... އެކަހަލަ ކުއްޖެއް ފެނުނީތަ؟." މާޔަލް ވާހަކަދެއްކިއެވެ.

"ޤަބޫލުނުކުރެވެނީ... ކުޑޫ!. މިސާލަކަށް ކުޑޫއަށް ދެ މީހުންދެކެ ލޯބިވެވިއްޖެއްޔާ ކިހިނެއް ހަދާނީ." މަލަކް މިފަހަރު އެނބުރިލައި މާޔަލްއާ ކުރިމަތިލައިފިއެވެ. ދައްތަ ދޭން އުޅޭ ޖަވާބަކަށް އޭނާގެ ހުރިހާ ސަމާލުކަން ހުއްޓާލައިގެން ހުއްޓެވެ.

"އައި ޑޯންޓް ނޯ... ދެ މީހުންދެކެ... އެއްވަރަކަށް ލޯބިވެވިދާނެތަ. ހިޔެއްނުވޭ. ކޮންމެވެސް އެކަކުގެ މައްޗަށް އޮންނަ ފީލިންގްސް މާ ސްޓްރޯންގްވާނެހެން ކުޑޫއަށް ހީވަނީ. އެހެންނޫނަސް އެއްފަހަރާ ދެ މީހުންނާ ގުޅޭން ވިސްނުމަކީ ރަނގަޅު ގޮތެއްނޫން. ޔަގީނުން ވެސް ދެ ފިރިހެނުންނަކާ ކައިވެންޏެއް ނުކުރެވޭނެ ދޯ. އަންހެނަކަށް ތިން ފިރިންނެއް ނޯވެއެއްނު." މާޔަލްގެ ފަހު ޖުމްލައާއެކު ހީނލިއެވެ.

"އޭތި ކަޑައޭ." މަލަކް ނިކަން އަވަހަށް ބުނެލިއެވެ.

"މިހާރު ތިދެން ގޯސްވަނީ." މަލަކްގެ ވިސްނުން ނުއަތަށް އެނބުރޭން އުޅޭހެން ހީވެ މާޔަލް އަވަސް އަވަހަށް ބުންޏެވެ. ދީނާ ޖަދަލުކުރާ މީހަކަށް އޭނާގެ ކޮއްކޮވާން މާޔަލް ނޭދެއެވެ. ނޭނގުމުގައި ވެސް އެއްޗެއް ބުނެވިދާނެތީ ހުއްޓުވީ އެހެންވެއެވެ.

* * * * *

އައިތަން ދައްކަމުންދިޔަ ވާހަކަތައް އިސާކު ފަރުވާތެރިކަމާއެކު އަޑުއެހިއެވެ. އޭނާ އެހެން ދުވަސްދުވަހަށްވުރެ ބޮޑަށް މިއަދު މާޔޫސްވެއްޖެއެވެ. އައިރިކްގެ ސަބަބުންނެވެ. ހެނދުނު އޮފީހުގައި އިނދެފައި އޭނާ ގެއަށް އައީ އައިތަންއާއެކުއެވެ. އެމީހުން ގެއަށް އައީ އައިރިކްއަށް ކައުންސެލިންދޭ ސައިކިއޭޓްރިސްޓު ގޮވައިގެންނެވެ. ތައްޔާރުވެލައިގެން ހުންނަން އައިރިކް ގާތުގައި ބުނިނަމަވެސް އިސާކުމެން ގެއަށް އައިއިރު ވެސް އޭނާ ކޮޓަރިއަކުން ނުނިކުމެވެ. ދަރިފުޅުގެ ކޮޓަރިއަށް ވަދެ ގަދަކަމުން ކަހަލަ ގޮތަކަށް އައިރިކް ލައްވާ ހެދުން ބަދަލުކުރުވައިގެން ގޮވައިގެން ނުކުންނަން އިސާކަށް ޖެހުނެވެ. ބަހެއް ނުކިޔާ ހުރިހާކަމެއް ފެންނަ ހިސާބު ދުރުގައި އައިތަން ހުރީ ބޭބެއާއި ބައްޕަގެ ދެމެދަށް ނުވަންނާށެވެ.

ފިޔާޒާއަކީ ކާކުކަން ބުނި ހިނދުން އައިރިކްގެ މޫނުން ރުޅިވެރިކަން ފާޅުވެއްޖެއެވެ. ކައުންސެލިން ބޭނުމެއްނުވާކަން އައިރިކް ބުނީ ނުރުހުން އެކުލެވިގެންވީ ބާރު ހަރުކަށި އަޑަކުންނެވެ. ވަގުތު ބޭކާރުކުރާން އެގެއަށް ނާންނާށޭ ވެސް އައިރިކް ބުންޏެވެ. ފައިސާ އެހާ ބޭނުންވަންޏާ އެގެއަށް ނަޔަސް ސެޝަންތަކުގެ ފައިސާ އެކައުންޓަށް ޖަމާވާނޭ ގޮތައް ހަމަޖައްސައިދެވިދާނޭ އައިރިކް ބުންޏެވެ. ފިޔާޒާއަށް ވެސް ލިބުނު ސިހުމެކެވެ. އޭނާއާމެދު އިޚްތިރާމް ކުޑަ ކުރީތީ ހިތްހަމަނުޖެހުނެވެ. ނަމަވެސް އޭނާ އައިރިކްއާ ޒުވާބެއް ނުކުރިއެވެ. އެއްވެސް އެއްޗެކޭ ނުބުނެ ހުރީއެވެ. އިސާކާއާއި ޝަބްނަމްގެ އިތުރުން އައިތަން ވެސް ދުރުގައި ތިއްބެވެ. ފިޔާޒާ ރުޅިގަދަވެގެން ނުކުމެގެންދާވަރު އައިރިކް ކުރިއެވެ. ހައްތަހާ ރުޅިގަދަވީ ހަލުވިކޮށް އެތަނުން ދުރަށްދާން ބޭނުންވީ ނަމަވެސް އެކަން ނުވީމައެވެ. ލޮލަށް ނުފެންނާތީ އޭނާގެ ހަރަކާތްތަކުގައި ވަނީ ލަސްކަމެވެ. ހިތުލަފައަށް ކުރިޔަށް ދާންވީމައެވެ. ތަންތަނުގައި އަތްލަމުން ރާސްތާ ޔަގީން ޖެހޭތީއެވެ.

ލަދުވެތި އިސްޖެހުމަކުން އިސާކު އިސްޖަހާލީއެވެ. އައިރިކްގެ ޠަބީޢަތަށް އައިސްފައިވާ ބަދަލަކީ އޭނާގެ ހަގީގީ އުޅުމެއްނޫންކަން ބުނެދޭން ޝަބްނަމް އަވަސްވެލިއެވެ. ފިޔާޒާ ޝަކުވާއެއް ނުކުރިއެވެ. އައިރިކްގެ އެއްބާރުލުން ސެޝަންތައް ކުރިޔަށް ގެންދިއުމަށް ބޭނުންވާނޭކަން ފިޔާޒާ ބުންޏެވެ. އޭނާގެ މައްޗަށް އިސްކޮށް ހުންނަ ޑަކްޓަރުގެ ޚިޔާލެއް މިކަމުގައި ހޯދަން ބޭނުންވާކަން ފިޔާޒާ ހާމަކުރިއެވެ. ބައެއްފަހަރު އަމިއްލައަށް ގެއްލުންދޭ ހިސާބަށް ކަންތައްތައް ދާކަމާއި އެފަދަ ބަލިމީހުންނަށް ޑަކްޓަރެއްގެ އެހީ ބޭނުންވާނޭކަން ފިޔާޒާ ކިޔާދިނެވެ. ބޭހާއި ކައުންސެލިން އެކީގައި ކުރިޔަށް ގެންދަން ފެންނަ ކަމުގައި ފިޔާޒާ ޚިޔާލު ދިނެވެ. ނަމަވެސް އެ އަޑު އަހަން ހުރި އައިތަންއަށް އެ ޚިޔާލު ކަމަކު ނުދިޔައެވެ. ކޮންމެ ބޭހަކީ އޭގައި ނޭދެވޭ އަސަރުތަކެއް އެކުލެވިފައިވާ އެއްޗެކެވެ. ސިކުނޑީގެ ބަލިމީހަކަށް ބޭބެ ހަދައި އެފަދަ ބޭސްތައް ދޭން ފަށައިފިނަމަ ބޭބެ ކިޔަމަންވެދާނޭކަން އެނގެއެވެ. ނަމަވެސް އޭރުން ދިރުންނެތް މީހުން ބޭނުންގޮތަކަށް ގެންގުޅެވޭނޭ ބުދަކަށް އައިރިކް ބަދަލުވާނޭ އައިތަންއަށް ހީވަނީއެވެ. އެގޮތް ބައްޕައާއި މަންމަ ވެސް ބޭނުމެއްނުވާނެކަން އޭނާއަށް އެނގެއެވެ. ފިޔާޒާގެ ކިތަންމެ ގާތްކޮށް ވާހަކަދެއްކި ނަމަވެސް ކުއްލިއަކަށް އޭނާ ޚިއްޞާކުރާން ފެށި ޚިޔާލުތަކުގެ ގަސްދާމެދު އައިތަން ސުވާލު އުފެދުނެވެ. އައިރިކްއަށް މިޒާޖަށް އައިސްފައިވާ ބޮޑު ބަދަލުގެ ވާހަކަ ކުރީންވަނީ ފިޔާޒާއަށް ކިޔާދެވިފައެވެ. އޭރު ވެސް އޭނާ އެފަދަ ހަރުކަށި ރަހުމްކުޑަ ފަރުވާތަކެއްގެ ވާހަކައެއް ނުދައްކައެވެ. އޭނާގެ ބޭބެއަކީ ބުއްދި ގޯސްފައި ހުރި މީހެއްނޫންވިއްޔާއެވެ.

އެނބުރި އޮފީހަށް އައިތަންއާއެކު އިސާކު އައީ މެންދުރުއެވެ. ދެބަފައިންނަށް ވެސް ތިބެވުނީ ފުން ވިސްނުމެއްގެ ތެރޭގައެވެ. އައިރިކް ކަންތައްކުރީ ރަނގަޅަކަށް ނޫނޭ ދޭތެރެއަކުން އިސާކަށް ބުނެލެވެއެވެ. މޭޒުދޮށުގައި އައިތަން ވެސް އިނީ މަސައްކަތަށް ސަމާލުކަމެއް ނުދެވިފައެވެ. ގޮނޑިއަށް ހަށިގަނޑު ދޫކޮށްލައިގެން އިނދެ އައިތަން ވިސްނަމުންދިޔައީ އައިރިކްއަށް އެހީވާނޭ ގޮތެއް ފެނޭތޯއެވެ.

"ޕްރޮފެޝަނަލް މީހަކަށް ނޫނީ ދޮންބެއަށް އެހީއެއް ނުވެވޭނެތަ؟. ހުރިހާ ވަގުތަކު ދޮންބެގެ ކައިރީ ހުންނާނޭ މީހަކު ހޯދުން ކިހިނެއްވާނީ. އެކުވެރިޔެއް ކަންނޭނގެ ދޮންބެއަށް ބޭނުންވަނީ. ފެމެލީ މީހަކާ ވާހަކަދައްކަން ބޭނުންނުވަންޏާ ދުރު މީހަކާ ވާހަކަދައްކަފާނެ. އެކަމަކު ކާކު... އަގެއް ދެނިކޮށް ކޮންމެ މީހަކު ވެސް އަތުވެދާނެ. އެކަމަކު އޭރުން... ނޫން! އެކަހަލަ މީހެއްގެ އިޙްލާސްތެރިކަމެއް ނުހުންނާނެ. އަނެއްކާ ދޮންބެ ކިޔާހާ އެއްޗިއްސާ، ކުރާ ހުރިހާކަމަކަށް އެކަހަލަ މީހަކު ކެތެއްނުކުރާނެ. އެމީހަކު ފޮނުވާލަން ދޮންބެ ވެސް ކޮންމެފަދަ ކަމެއް ކޮށްފާނެ." ފުންވިސްނުމުގެ ތެރެއިން މާޔަލްގެ ސޫރަ ތިލަވުމުން ކުއްލިއަކަށް އައިތަން ސަމާލުކަމަށް އައިހެން ހަށިގަނޑު ތެދުކޮށްލިއެވެ.

"އައި ކޭން ފޯސް ހާ..." އަމިއްލަ ނަފްސަށް ބުނެލި ފަދައިން އައިތަން ބުނެލިއެވެ. ނަމަވެސް އޭނާގެ ޟަމީރު އެކަމާ ދެކޮޅުވިއެވެ. މަޖުބޫރުކުރާން އޭނާގެ ޟަމީރު އެއްބަސްނުވީއެވެ. އަގަކަށް ކަމެއްކޮށްދޭ މީހަކަށްވުރެ ވެސް މަޖުބޫރުވެގެން ކުރާ މީހެއްގެ ފަރާތުން ބޭނުންވާ ކަންތައް ހާސިލުވުމަކީ ދުރުކަމެއްކަން އައިތަންއަށް ވިސްނައިދޭން އޭނާގެ ޟަމީރު ބޭނުންވިއެވެ. އެކަމަކު މާޔަލްއަކީ އެވަރުކަމެއް އޭނާގެ ބޭބެއަށް ޓަކައި ކޮށްދޭން އެންމެ ހައްޤު އިންސާނާ ކަމުގައި އައިތަންގެ ހިތާއި ސިކުނޑި ބުނާންފެށިއެވެ.

"ޔޫ ހޭވް ޓު ސެކްރިފައިސް އެވްރިތިންގް ފޯ ހިމް." ދެބުމަ ކައިރިކޮށްލައިގެން އިނދެ އައިތަން ތުންތަޅުވާލިއެވެ.

އައިތަން ދެން ވިސްނަންފެށީ މާޔަލް ގެނެވޭނޭ ގޮތަކާމެދުއެވެ. ޢާއިލާގެ ތެރެއަށް މާޔަލް ގެނެސްފިނަމަ މަންމައާއި ބައްޕަ ވެސް ސުވާލު ކުރާނެއެވެ. މާޔަލްއަކީ ކާކުކަން އެނގިއްޖެނަމަ އެމީހުން އައިތަން ހުއްޓުވާނެއެވެ. ބަދަލު ހިފުމަކީ މަންމައާއި ބައްޕަ ތަރުހީބުދޭ ސިފައެއް ނޫނެވެ. އެފަދަ ކަމަކަށް އެމީހުން ހިތްވަރެއް ނުދޭނެއެވެ. އައިރިކްގެ ވެސް ހުންނަނީ އެމީހުންގެ ގޮތްކަން އައިތަންއަށް ޤަބޫލުކުރެވެއެވެ. އެހެންނޫންނަމަ އޭނާގެ ބޭބެ އެ ހާދިސާގައި ޝަމިލްވީ މީހާ ނުހޯދާ ނުހުންނާނެއެވެ. ދައްކާ ވާހަކައިން ވެސް އެމީހަކު ހޯދުން އައިރިކްއަށް މުހިންމު ނޫންކަން އައިތަންއަށް އެނގެނީއެވެ. އެކަމަކު އަޅާނުލާ ހުންނަންވީ ކީއްވެ ހެއްޔެވެ. އެކްސިޑެންޓް ހިނގަން މެދުވެރިވީ މާޔަލްގެ ސަބަބުނެވެ. އޭގެ ފަހުގައި ވެސް އޭނާ އެ އުޅެނީ ކިހާ ހަމަޖެހިގެން ހެއްޔެވެ. ދިރިއުޅުމުން އުނިވާކަމެއް އޭނާއަކަށް ނެތެވެ. އަނިޔާ ލިބި އެކަމުގެ ތަކުލީފު އުފުލާން ޖެހިފައި މިވަނީ ކުށެއްނެތް އިންސާނެކެވެ. އެކަން ބަލައިގަންނަން އައިތަންއަށް ފަސޭހައެއް ނޫނެވެ. އޭނާ ބޭނުންވަނީ އެންމެހާ ތަކުލީފެއްގައި މާޔަލް ވާތަން ދުށުމަށެވެ. ހިތުގައި ވެސް އޮތީ އޭނާގެ ބޭބެގެ ބަދަލުގައި މާޔަލްގެ ދެ ލޯ އަނދިރިވީނަމަ ކިހާ ރަނގަޅު ހެއްޔެވެ. އޭރުން އެއީ މާޔަލް އަމިއްލައަށް ކުރިކަމުން ނުކުތް ނަތީޖާކަން އެނގޭނެއެވެ. އެކަމުގައި މާޔަލްއަށް ވެސް އެހެން މީހަކު ކުށްވެރި ކުރެވޭކަށް ނޯންނާނެއެވެ.

އިސާކާ ވާހަކަދައްކަން އޭނާގެ ކެބިންއަށް އައިތަން އައީ ވަރަށް އިރު ވިސްނަން އިނދެފައެވެ. ބައްޕަގެ އެއްބާރުލުން އޭނާގެ ރޭވުން ކާމިޔާބު ކުރުމަށް ބޭނުންވާނެއެވެ. އައިރިކްއަށް ހެޔޮ ބަދަލެއް އަތުވެދާނޭ ހީވާ ކޮންމެ ޚިޔާލެއް ވެސް މިވަގުތު ބައްޕަ ޤަބޫލުކުރާނޭކަން އައިތަންއަށް އެނގެއެވެ. އޭނާގެ ވެސް ހަގީގީ ބޭނުމަކީ އެޔެވެ. ނަމަވެސް މާޔަލްގެ މިނިވަންކަން އޭނާގެ މުށުތެރެއަށް ލުމުގެ ވިސްނުން ސިކުނޑީގެ ކަނެއްގައި އޮތެވެ. ހަމައެއާއެކު އޭނާ އެކަން ކުރާން ޖެހޭނީ ވަރަށް ހުސިޔާރުވެ ހުރެއެވެ. މާޔަލްއަކީ އައިތަންގެ އެންމެ ގާތް އެކުވެރިޔާ ރަޒާގެ އަނބިމީހާގެ ކޮއްކޮއަކަށްވީމާއެވެ. މާޔަލްއަށް ދެރައެއްލިބޭން އުޅޭހެން ހީވަންޏާ އެކުވެރިޔަކަސް ރަޒާ އޭނާއާ އެއްކޮޅަށް ނާރާނެއެވެ. އައިތަންގެ ބަދަލުގައި ރަޒާ ޚިޔާރު ކުރާނީ އަނބިމީހާގެ ކޮޅެވެ. ބައްޕައާ ވާހަކަދައްކަމުން ދިޔައީ ހުރިހާ ކޮޅަކަށް އޭނާ ވިސްނުން ހިންގުމަށްފަހުއެވެ.

* * * * *

ސިޓިންރޫމުގައި މަލަކްއާއެކު މާޔަލް ވެސް އިނީ އިނގިރޭސި ސީރީޒްއެއް ބަލާށެވެ. އެ ދެބެން ފެންނަ ހިސާބުގައި ހަވީރުގެ ސަޔަށް އިންސާފުކުރާން މަޒްހަރު އިނެވެ. އޭނާގެ ގާތުގައި ކާމޭޒުދޮށުގައި އާމާލް އިނީ ފޯނަށް ގެއްލިފައެވެ. ރިންގުވާންފެށި ފޯނު ފައިކައިރި ސޯފާމަތިން މާޔަލް ނެގިއެވެ. ހަވީރުގެ އެގަޑީގައި އިވާންއޭ އެ ގުޅީ މާޔަލް ހީކުރީ ފޯނުގެ ރިންގުގެ އަޑާއެކުއެވެ. ނަމަވެސް އިސްކުރީނުގައި އަރާފައި އޮތް އައިތަންގެ ނަމާއެކު މާޔަލް ސޯފާއިން ތެދުވެއްޖެއެވެ. ފޯނު ހިފައިގެން އޭނާ ކޮޓަރިއާ ދިމާއަށް ހިނގައިގަތީއެވެ. މަލަކްއަށް ވެސް ފޯނުކޯލެއް އައީ ހަމައެވަގުތެވެ.

ތިމާގެ މުޅި ދިރިއުޅުން ޚިއްޞާ ކުރަމުން މަލަކް އެ ދަނީ ފޯނުން ބައްދަލުވި ޒުވާނަކާއެވެ. އޭނާއަށް އެއީ ފިރިހެނެއްކަން ފިޔަވާ އިތުރު މަޢުލޫމާތެއް ނޭނގެއެވެ. ދެމެދުގައި އޮތް ގުޅުން ނުހަނު ބޮޑަށް ބަދަހިވެފައި ވާކަމުގެ އިޙްސާސް މަލަކްއަށް ކުރެވެއެވެ. ބައެއްފަހަރު އޭނާގެ ހިތުގައި ވަކިހިއްޕަމުން އަންނަ ޖަޒުބާތަކީ ލޯތްބޭ ހީވާން ވެސް ފަށައިފިއެވެ. އޭނާ ދުށުމަށް މަލަކްގެ ހިތް ބުނާން ފަށައިފިއެވެ. ކިތަންމެ ފަހަރަކު އޭނާ ހުންނަ ގޮތް ހިތުގައި ސިފަކުރެވިއްޖެއެވެ. ނުހަނު ފިރިހެންވަންތަ ރީތި ޒުވާނަކަށް އޭނާ ވާނޭކަން މަލަކްއަށް ޤަބޫލުކުރެވެއެވެ. ވާހަކަދެއްކުމުގައި ގެންގުޅޭ އުކުޅުތަކަކީ މަލަކްގެ ކަންފަތް ކުރީން އަހާފައިނުވާ ފަދަ ހިތްގައިމު ރާގަކަށް ކުޅޭ ތަރާނާއެކެވެ. އޭނާގެ ޒުވާން ޅަހިތް އަވަސްކުރުވަނީ މީގެ ކުރީން ނުވާވަރަށެވެ. ހަމައެއާއެކު އޭނާގެ ސިކުނޑިއާއި ހިތުގެ ކަނެއްގައި ދައްޔާނުގެ ސޫރައާއި އޭނާއާ ގުޅިފައިވާ ހަނދާންތައް ފުހެއެއް ނުލެވުނެވެ. އޭނާއަށް ދައްޔާނާ މެދު ވެސް ޚިޔާލު ކުރެވެނީއެވެ. މިހާ ދުވަހު މަގެއްގެ މަތީން ވެސް މަލަކްއަށް ދައްޔާނު ނުފެނި ހުރެފައި ކުއްލިއަކަށް ބައްދަލުވި ގޮތުން އޭނާއަށް ވެސް މީ ހަގީގަތެއްކަން ޤަބޫލުކުރާން ދަތިވެފައިވާ ކަހަލައެވެ. އަނެއްކޮޅުން ފެނުނުއިރު ފެނުނީ ކުރީން އޭނާ ދުށް ދައްޔާނެއް ނޫނެވެ. މުޅި މީހާ ފެނުނީ ބަދަލުވެފައި ހުއްޓައެވެ. ހަށިގަނޑާއި މީހާގެ ވަށްޓަފާޅި ވެސް ބަދަލުވެ އެހެން މީހެކޭ ހީވާ ވަރުވެއެވެ.

"ހެލޯ..." މާޔަލް ކަންފަތުގައި ފޯނު ޖައްސާލައިގެން އައިސް އިށީނީ އެނދުގައެވެ. އައިތަން ވެސް ހެލޯއޭ ބުނި އަޑު އިވުނެވެ. އިތުރު ވާހަކައެއް އައިތަންގެ ފަރާތުން ނީވެނީސް މާޔަލްއަށް އިތުރު ކޯލެއް އަންނަ ކަމުގެ ހިލަންވިއެވެ. ކަންފަތާ ފޯނު ދުރުކޮށްލައި ބަލާލިއެވެ. ގުޅަނީ އިވާނެވެ. އިރުކޮޅަކު ބަލަން ހުރުމަށްފަހު އިވާންގެ ކޯލު އޭނާ ކަނޑާލިއެވެ. މިވަގުތު އިވާނަށްވުރެ މާޔަލްއަށް މުހިންމުވީ އައިތަން ގުޅި ސަބަބު ހޯދާށެވެ. (ނުނިމޭ)