ދުނިޔެ

ރަޝިއާ، ޔުކްރޭން ހަނގުރާމައަށް 120 ދުވަސް

ރަޝިއާ، ޔުކްރޭން ހަނގުރާމައަށް 120 ދުވަސް -- ހަތަރު މަސް ފުރުނީ އެވެ. ރަޝިއާ ސިފައިން ކްރައިމިއާ ތެރެއިން ޔުކްރޭނަށް އަރައިގަނެ ހަމަލާދޭން ފެށީ މި އަހަރުގެ ފެބްރުއަރީ 24 ވަނަ ދުވަހު އެވެ.

ޔުކްރޭންގެ އިރުމަތީ އަވަށްތަކުގައި މިހާރުވެސް ހަނގުރާމަ ކުރިއަށް އެބަދެ އެވެ. ރަޝިއާ ސިފައިންގެ މައްޗަށް ކުރި ހޯދުމަށްޓަކައި ޔުކްރޭނުން ދެމުން ގެންދާ ހަމަލާތައް އަދި ވެސް އޮތީ ހުއްޓާލާ ގޮތަކަށް ނޫނެވެ.

ރަޝިއާގެ އަސްކަރީ ފައުޖުތަކުން ޔުކްރޭނަށް އަރައިގަނެ ދޭންފެށި ހަމަލާތައް އެންމެ ފުރަތަމަ އަމާޒުކުރި އަވަށްތަކުގެ އުމްރާނީ ތަރައްގީގެ ބޮޑުބައި ވަނީ ސުންނާފަތިކޮށްލާފަ އެވެ. އެއިން ބިނާއެއް ކޮޅަށް ޖެހޭނެ ދުވަހެއް ބުނަން އެނގޭ މީހަކު ވެސް ނެތެވެ.

ޔުކްރޭންގެ ޚަރިކީވް އާއި ކްރަމޮތޯސްކް، މަރިއޯޕޮލް އާއި މައިކޮލައިވް، އޮދެއްސާ އަދި ވެރިރަށް ކިއޭވް އަށް ވެސް ރަޝިއާއިން ވަރުގަދަ ހަމަލާތަކެއް ވަނީ ދީފަ އެވެ.

ހަމަލާތައް ދިގުދެމިގެންދާއިރު، ދެ ގައުމު ސުލްހަވުމަށް ކުރެވުނުހައި ކަމެއް ވަނީ ފޭލިވެފަ އެވެ. ރަޝިއާ ބުނާ ގޮތުން ސުލްހަވުމަށް ޔުކްރޭންގެ ޝައުގުވެރިކަމެއް ނެތެވެ. ޔުކްރޭން ބުނަނީ ރަޝިއާގެ ކިބާގައި އިޚުލާސްތެރި ކަމުގެ ކުލަވެސް ނެތް ކަމަށެވެ.

ރަޝިއާ، ޔުކްރޭން ހަނގުރާމައިގެ ސަބަބުން ދުނިޔެ ގުޑައި، ގައުމުތައް ތެލަށް ޖެހިފައި އޮތް އިރު ކާބޯތަކެތި ހުސްވެދާނެ ކަމަށްވެސް ދުރު ވިސްނޭ މީހުން ބުނެ އެވެ. ކާބޯތަކެތީގެ ތެރެއިން ވެސް ގޮވާމުގެ ބާވަތްތަކަށް ވަނީ ވަރަށް ބޮޑަށް ބުރޫއަރާފަ އެވެ.

ދުނިޔެއަށް އެންމެ ގިނައިން ގޮވާން ސަޕްލައިކުރާ ގައުމުތަކުގެ ތެރޭގައި ޔުކްރޭނާއި ރަޝިއާ ހިމެނެ އެވެ. ޔުކްރޭންގެ އޮފިޝަލުން ބުނާ ގޮތުން އެގައުމުގައި ގުދަންކޮށްފައި ހުރި ގޮވާން އެކްސްޕޯޓް ނުކުރެވިގެން އުޅެނީ ކަޅުކަނޑު ހުރަސްކޮށް ދަތުރުކުރާ ބޯޓުތަކަށް ރަޝިއާ ހަމަލާދޭ ވަރުންނެވެ.

އެހެން ނަމަވެސް، ކާބޯތަކެތި އުފުލާ އެއްވެސް އުޅަނދަކަށް ރަޝިއާގެ ހަމަލާއެއް ނާރާނެ ކަމަށް ރަޝިއާގެ ޑިފެންސް މިނިސްޓްރީން ބުނެ އެވެ.

ރަޝިއާ ބުނާ ގޮތުން ގޮވާން އުފުލާ ބޯޓުތަކަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ބަނދަރުތަކުގައި ޔުކްރޭނުން ވަޅުލާފައި ހުރި މައިންތަކެވެ.

ދުނިޔެއަށް ގޮވާން ސަޕްލައި ކުރުމުގައި ވެސް ރަޝިއާ އާއި ޔުކްރޭނާ ދެމެދު ވަނީ އަރާރުން އުފެދިފަ އެވެ. މި ދެ ގައުމު ތައްކަތުކޮށް ގުދަންކޮށްފައި ހުރި ގޮވާން ބައިނަލްއަގްވާމީ ބާޒާރަށް ނެރުމަށްޓަކައި ތުރުކީ މެދުވެރިވެ ސައްލާތައް ދަނީ ކުރެވެމުންނެވެ.

ތުރުކީ ސައްލާތައް -- "ރެޑް ލައިން ޑިޕްލޮމަސީ" ކޮޅެއްގައި ޖެހި ކާމިޔާބު ވެއްޖެ ނަމަ ގޮވާން ބޭރުކުރުމަށްޓަކއި ރަޝިއާގައި އަދި ޔުކްރޭންގައި ކޮންޓްރޯލް ސެންޓަރުތަކެއް ގާއިމުކުރެވޭނެ އެވެ. އަދި ގޮވާން ބޭރުކުރެވެމުން ދާގޮތް މި ސެންޓަރުން ބަލަހައްޓާނެ އެވެ.