ބޮލީވުޑް

"ސަމްރަތު ޕްރިތިވީރާޖް" ފްލޮޕްވީ އަކްޝޭއާ ހެދި

ޔާޝް ރާޖް ފިލްމްސް އިން 300 ކްރޯޑު ރުޕީސްގެ ބޮޑު ބަޖެޓަކުން ތައްޔާރުކުރި ތާރީޚީ، ވަރުގަދަ ފިލްމު "ސަމްރަތު ޕްރިތުވީރާޖް" ފްލޮޕްވެ ޔާޝް ރާޖްގެ ހެޑް އަދިތުޔާ ޗޯޕްޅާ ވަރަށް ރުޅި ގަދަވެއްޖެ އެވެ.

ޗަންދުރަޕްރަކާޝް ދިވޭޑީ ޑައިރެކްޓްކޮށްފައިވާ މި ފިލްމް އޯޑިއަންސް އާއި ކްރިޓިކްސް އަށް ވެސް ކަމަކު ނުދިޔަ އެވެ. އެހެންވެ ފިލްމަށް މުޅިއެކު ވެސް ލިބިފައިވަނީ އެންމެ 62.30 ކްރޯޑު ރުޕީސްގެ ވިޔަފާރި އެކެވެ. ވީމާ މި ފިލްމަކީ މިއަހަރު ތެރޭގައި ނުކުތް އެންމެ ބޮޑު ޑިޒާސްޓާގެ ގޮތުގައި ފިލްމުތަކަށް ފާޑުކިޔާ މީހުން ސިފަ ކުރެ އެވެ.

މި ފިލްމު ފްލޮޕްވުމާ ގުޅިގެން އަދިތުޔާ ޗޯޕްޅާ ރުޅިއައިސް ރަތްވެފައިވާއިރު އޭނާ ފިލްމުގެ ނާކާމިޔާބީގެ ޒިންމާ އަޅުވަނީ ފިލްމުގެ ބަތަލު އަކްޝޭ ކުމާރުގެ ބޮލުގައި ކަމަށްވެސް ޚަބަރުތައް ބުނެ އެވެ.

މި ފިލްމަށް ދޭންވީ ވަގުތާއި އަހަންމިއްޔަތު އަކްޝޭ އަށް ނުދެވުނު ކަމަށާއި ސީރިއަސްކޮށް މި ފިލްމުގެ މަސައްކަތް އަކްޝޭ ކޮށްފައި ނުވާ ކަމަށް ފިލްމު އުފެއްދި މީހުން ގަބޫލު ކުރެ އެވެ.

"އޭނަ (އަކްޝޭ) އެއްގޮތަކަށް ވެސް ބުނާ އަޑެއް ނާހާ. މިއީ ތާރީޚީ ފިލްމެއްގެ ވަރަށް ތާރީޚީ ޝަޚްސިއްޔަތެއް ދައްކުވައިދޭ ފިލްމަކަށް ވާއިރު މި ފިލްމަށް ވަގުތާއި ވިސްނުން ބޭނުންވޭ. މިފަދަ ކެރެކްޓާއެއް ކުޅެވޭނީ އެ ކެރެކްޓާއެއް ރަނގަޅަށް ދަނެ އެ ކެރެކްޓާއަކަށް ވަރަށް ރަނގަޅަށް ވަދެގެން. ނަމަވެސް އަކްޝޭ އެންމެ ކުޑަމިނުން އޭނާގެ މަތިމަސް ވެސް މި ފިލްމު ކުޅެން ދިގުކުރަން އެއްބަހެއް ނުވެ. މަތިމަސް ދިގުކުރަން އެއްބަސްނުވީ އެހެން ފިލްމުތަކުގައި ވެސް އެއްފަހަރާ މަސައްކަތް ކުރަން ޖެހެއޭ ކިޔާފައި. ތާރީޚީ ވާހަކައަކަށް އެ ވާހަކައިގެ ކެރެކްޓާ އަކީ މީހުންނަށް ގަބޫލު ކުރެވޭ ކަހަލަ ކެރެކްޓާއަކަށް ހެދުން މުހިއްމު. އަކްޝޭގެ ފޭކް މަތިމަހާއި ކެރެކްޓާއަށް އެކަށީގެންވާ ވަރަށް އިންސާފު ކުރެވިފައި ނެތުމުން ފިލްމު ފްލޮޕްވީ،" ޔާޝް ރާޖްއާ ގުޅުން ހުރި މީހަކު އިންޑިއާގެ ނޫހަށް ކިޔައިދީފައި ވެއެވެ.

މިސް ވޯލްޑް މާނޫޝީ ޝިލާ ބަތަލާގެ ބައި ކުޅެފައިވާ މި ފިލްމުގައި އަކްޝޭގެ މަތިމަސް ވަރަށް ފޭކް ކަމަށް ބުނެ ކްރިޓިކްސް އާއި ފިލްމު ބެލި ގިނަ އަދަދެއްގެ ބަޔަކު ވެސް ވަރަށް ފާޑު ކިޔާފައިވެ އެވެ. އަދި އަކްޝޭ ކުޅުނު ކެރެކްޓާ އަކީ ރަނގަޅު ބޮޑު މަތިމަހެއް ހުރުން ވަރަށް މުހިއްމު ކެރެކްޓާއަކަށް ވެފައި ފޭކް މަތިމަހެއް ޖަހާފައި ހުރިކަން ފިލްމު ބަލާއިރު ރަނގަޅަށް އެނގޭތީ ބެލުންތެރިން ވަރަށް ފޫހިވި ކަމަށްވެސް ފިލްމުގެ ރިވިއުތަކުގައި ފާހަގަކޮށްފައި ވެއެވެ.

މިއީ ޔާޝް ރާޖުން އުފައްދާ ފިލްމުތަކުގެ ތެރެއިން ޖެހިޖެހިގެން ފްލޮޕްވީ ދެވަނަ ފިލްމެވެ. މީގެ ކުރިން ރިލީޒްކުރި ރަންވީރު ސިންގްގެ "ޖަޔޭޝްބާއީ ޖޯރްދާރް" ވެސް ވަނީ ފްލޮޕް ވެފަ އެވެ.

މިހާރު އެ ކުންފުނިން މަސައްކަތް ކުރަމުންދަނީ ރަންބީރު ކަޕޫރާއި ވާނީ ކަޕޫރު ލީޑް ރޯލު ކުޅެފައިވާ "ޝަމްޝޭރާ" ރިލީޒްކުރާށެވެ. އަންނަ ޖުލައި 22 ވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ މި ފިލްމު ޑައިރެކްޓް ކޮށްފައިވަނީ ކަރަން މަލްހޯތުރާ އެވެ.