ދީން

އީމާންކަން: ބަހާއި އަމަލާއި ނިޔަތް

ސުންނަތް ޖަމާޢަތުގައި އީމާންކަމުގެ އަސާސަކީ ބަހާއި ޢަމަލާއި ނިޔަތެވެ. ދަންނަބޭކަލުން އީމާންކަމުގެ ތަޢްރީފުގައި ބަޔާންކުރައްވާފައިވަނީ، އެއީ ހިތުން ތެދުކޮށް، ދުލުން ކިޔައި، ގުނަންތަކުން ޢަމަލުކުރުމެވެ. އަދި އީމާންކަމަކީ ހެޔޮ ޢަމަލުތަކުގެ ސަބަބުން އިތުރުވެ، އުރެދުންތަކުގެ ސަބަބުން އުނިވެގެންދާ އެއްޗެކެވެ. މި މޭރުމުން މިވާހަކަ ދަންނަވައިލުމުން، މިކަމާ އިންކާރުކުރާނޭ މުސްލިމަކު ނުހުންނާނެއެވެ. ނަމަވެސް މުޖްތަމަޢުގައި ހިނގާ އެކިއެކި ކަންކަމާއި، މީސްތަކުންގެ މެދުގައި މަޤުބޫލުކަން ލިބިފައިވާ ތަފާތު ހަރަކާތްތަކާއި ޙަފްލާތަކުގައި ކުރެވޭ ބައެއް ކަންތައްތަކަކީ ސުންނަތް ޖަމާޢަތުގެ އީމާންކަމުގެ ޢަޤީދާއާ ފުށުއަރާ ކަންތައްތަކެކެވެ.

އިސްވެ މިދެންނެވި އީމާންކަމުގެ އަސާސްގެ ތެރެއިން ހިމެނޭ ތިން ބައި؛ ހިތުން ތެދުކުރުމާއި، ދުލުން ކިޔުމާއި، ގުނަންތަކުން ޢަމަލު ކުރުމާއި، މިއިން އެއްވެސް ކަމެއް އުނިވެއްޖެނަމަ އީމާންވެވުނު ކަމުގައި ނުވާނެއެވެ. މާތް ﷲ އެބޭކަލުންނަށް ރުއްސުންލެއްވި މާތް ޞަޙާބީންނާއި، އެބޭކަލުންނާ ހެޔޮގޮތުގައި ތަބާވި ތާބިޢީ ބޭކަލުންވަނީ މިކަމުގެ މައްޗަށް އިޖްމާޢުވެލައްވާފައެވެ.

އަލްއިމާމުއް ޝާފިޢީ رحمه الله ވިދާޅުވެފައިވެއެވެ. "ޞަޙާބީންނާއި އެއަށްފަހުގައި ވަޑައިގެންނެވި، ތާބިޢީންގެ ތެރެއިން ތިމަންމެންނާ ބައްދަލުވެވި އެންމެހައި ބޭކަލުން ވަނީ މިކަމުގެ މައްޗަށް އިޖްމާޢު ވެލައްވާފައެވެ. އެއީ އީމާންކަމަކީ، ބަހާއި، ޢަމަލާއި، ނިޔަތް ކަމުގައެވެ. އެއިން އެކަމެއް އުނިވެއްޖެނަމަ، ދެން އެހުރި ކަންތައްތަކުގެ ފައިދާއެއް ނުކުރާނޭކަމުގައެވެ."

އީމާންކަމުގެ މި ތަޢްރީފަށް ވިސްނާއިރު، "ދުލުން ބުނެވޭ ބަހޭ" މިބުނެވެނީ، ޝަހާދަތުގެ ދެކަލިމަ ދުލުން ކިޔުމަށެވެ. އެއާކު، ޝަހާދަތުގެ ދެކަލިމައިގެ މާނަ ތެދުކުރާ ހާލު، ބޭރުފުށާއި އެތެރެފުށުން، އެކަލިމައިގެ މައްޗަށް އިޤްރާރުވުމެވެ. އެބަހަކުން އީމާންކަމުގެ ފައިދާއެއް ކުރާނޭ ބަހަކީ މިއީއެވެ.

ހިތުން ތެދުކުރުމޭ ބުނެވޭ ބަހުގެ މާނައަކީ، މާތް ﷲ އާއި އެއިލާހުގެ ރަސޫލާ صلى الله عليه وسلم ޚަބަރު ދެއްވާފައިވާ ކޮންމެ ކަމަކަށް އިޤްރާރުވެ، އިޢްތިރާފުވާ ހާލުގައި އެއްވެސް ޝައްކެތް ނެތި އެކަންކަން ޤަބޫލު ކުރުމެވެ. އެއަށްފަހު މާތް ﷲ ފަރުޟު ކުރެއްވި ކަންތައްތައް ކުރުމެވެ. އީމާންކަމުގެ މިބަޔަށް ހިތުގެ އަމަލޭ ނަންދެވިގެންވެއެވެ. ހިތުގެ އަމަލުތަކުގެ ތެރޭގައި، މާތް ﷲ އާއި އެއިލާހުގެ ނަބިއްޔާ صلى الله عليه وسلم އާއި އަދި އީމާންކަމުގެ އަހުލުވެރިންނަށް ލޯބި ކުރުމާއި، މާތް ﷲ އަށް ބިރުވެތިވުމާއި، އެއިލާހުގެ ޙަޟުރަތުން ދެއްވާ ދަރުމައާއި ނިޢްމަތްތަކަށް އެދުންވެރިވުމާއި، އެއިލާހުގެ ކޯފާއަށް ބިރުވެތިވުމާއި، އެއިލާހަށް ތަވައްކަލު ކުރުމާއި އެއިލާހުގެ ޙަޟުރަތުން ވާގިއެދުންފަދަ ހުރިހާ ކަމެއް ހިމެނެއެވެ. މި ހުރިހާ ކަމެއްވެސް ހިމެނިގެންދަނީ އީމާންކަމުގެ ތެރެއިންނެވެ.

ދެން އޮތީ، ގުނަވަންތަކުގެ ޢަމަލެވެ. އޭގެ މުރާދަކީ މާތް ﷲ އަމުރު ކުރެއްވިހާ ކަމެއް ކޮށް އެއިލާހު ނަހީކުރެއްވިހައި ކަމަކުން އެއްކިބާވުމެވެ.

އީމާންކަމަކީ ނިޔަތާއެކު ބަހާއި ޢަމަލު އޭގެ ތެރެއިން ހިމެނޭ ކަމެއްކަމުގެ މައްޗަށް ޤުރްއާނާއި ސުންނަތުގައި އެތައް ދަލީލެއްވެއެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ﴿ إِنَّمَا الْمُؤْمِنُونَ الَّذِينَ آمَنُوا بِاللَّهِ وَرَسُولِهِ ثُمَّ لَمْ يَرْتَابُوا وَجَاهَدُوا بِأَمْوَالِهِمْ وَأَنْفُسِهِمْ فِي سَبِيلِ اللَّهِ أُولَئِكَ هُمُ الصَّادِقُونَ ﴾ (الحجرات: 15) މާނައީ: "މުއުމިނުން ކަމުގައިވާކަން ކަށަވަރީ، ﷲ އަށާއި، އެކަލާނގެ ރަސޫލާ އަށް އީމާންވެ، ދެން (އެ އީމާންކަމާމެދު) ޝައްކު ނުކުރާ މީހުންނެވެ. އަދި އެއުރެންގެ މުދާތަކާއި، ނަފްސުތަކުން ﷲގެ މަގުގައި ޖިހާދު ކުރިމީހުންނެވެ. އެއުރެންނީ، ހަމަ ތެދުވެރިންނެވެ."

މި އާޔަތުގައި މާތް ﷲ އެ މުއުމިނުތަކުން ތެދުވެރިންގެ ގޮތުގައި ސިފަކުރައްވާފައިވަނީ، އީމާންކަމާއެކު، އެއީމާންކަމުގެ ސަބަބުން ލާޒިމުކުރާ ހެޔޮ ޢަމަލުތައް އެބައިމީހުން ގެނެސްގަންފައިވާތީއެވެ. ޙަޤީޤަތުގައި އީމާންވުމަކީ، އެއީމާންކަމާއެކުގައި އެއާ އެއްގޮތްވާ ގޮތުގެ މަތިން ހެޔޮ ޢަމަލު ކުރުމެވެ.

ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. "ތިޔަބައިމީހުން މާތް ﷲ އެއްކައުވަންތަ ކުރުމާއެކު އީމާންވުމަށް އަމުރު ކުރަމެވެ." ދެން ސުވާލު ކުރެއްވެވިއެވެ. "މާތް ﷲ އެއްކައުވަންތަ ކުރުމާއެކު އީމާންވުމަކީ ކޮބައިކަން ތިޔަބޭކަލުންނަށް އެނގިލައްވާތޯއެވެ؟" އެބޭކަލުން ދެނެއްވިއެވެ. "މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ. އަދި މޮޅަށް ދެނެވަޑައިގަންނަވަނީ ﷲ ގެ ރަސޫލާއެވެ." ޙަދީޘް ކުރެއްވިއެވެ. "އެއީ ޝަހާދަތުގެ ދެކަލިމަ ކިޔައި، ނަމާދު ޤާއިމުކޮށް، ޒަކާތްދީ، ރޯދަހިފައި، ހަނގުރާމައިގެ ޣަނީމާ މުދަލުން ފަސްބައިކޮށްފަ އެއްބައި ﷲ ގެ މަގުގައި ހޭދަކުރުމަށް ދިނުމެވެ." (ރިވާކުރެއްވީ އަލްއިމާމުލް ބުޚާރީއެވެ.) މިޙަދީޘަކީ ޙައްޖު ފަރުޟު ކުރެއްވުމުގެ ކުރިން އިތުރު އެކަލޭގެފާނު ވިދާޅުވެފައިވާ ބަސްފުޅެއްކަމުގައިވާތީ، ޙައްޖުގެ އަޅުކަމުގެ ވާހަކަ މިބަސްފުޅުގައި ޒިކުރު ކުރައްވާފައި ނުވެއެވެ.)

މި ޙަދީޘްގައިވެސް އެވަނީ އީމާންކަމަކީ ޝަހާދަތުގެ ދެކަލިމަ ކިޔުމާއެކު ހެޔޮ ޢަމަލުތައް ކުރުންކަމުގައި ބަޔާންކުރައްވާފައެވެ. އެހެންވުމުން، އެނގި ހާމަވެގެންދަނީ، އީމާންކަމަކީ ބަހާއި ޢަމަލާއި ނިޔަތް ކަމުގައެވެ.

މިހުރިހާ ވާހަކައެއްގެ ކުރީން، ފެށުމުގައި ދެންނެވިފަދައިން، އީމާންކަމުގެ މި ޙަޤީޤަތް ގިނަ މުސްލިމުންނަށް އޮޅޭ ކަން ފާހަގަކޮށްލަން ޖެހެއެވެ. ބައެއް މީހުން ދެކޭގޮތުގައި، ހުރިހާވެސް އެއްޗަކީ ތިމާ ގަބޫލުކުރާ ގަބޫލުކުރުމެވެ. ނުބައި ގޮތަކަށް ގަބޫލު ނުކުރާނަމަ، ގޯސްކަމެއް ކުރެވުނު ނަމަވެސް މައްސަލައެއް ނެތެވެ. މީގެ އެންމެ ހެޔޮވެގެންވާ މިސާލަކީ، މިހާރު މުޖްތަމައުގައި އެންމެ ހޫނުވެފައިވާ އެއް މައުޟޫއެވެ. ޔޯގައެވެ. ޔޯގާގެ އަސްލަކީ ހިންދޫންގެ އަޅުކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ. ނަމަވެސް މުސްލިމުން ތެރެއިން ޔޯގާގެ އަމަލުތައް ކުރާމީހުން ދެކޭ ގޮތުގައި، ކަސްރަތެއްގެ ގޮތުގައި އެކަން ކުރާނަމަ މައްސަލައެއް ނެތެވެ. އެބައިމީހުންގެ އެންމެ ބޮޑު ދަލީލަކީ، "ގަބޫލު ކުރާ ގޮތް" ގޯސްނުވާނަމަ، ޔޯގާ ހެދުމުގައި މައްސަލައެއް ނެތްކަމެވެ.

އަޅުގަނޑުމެންގެ ޢަޤީދާއަށް ރައްކާތެރިވުމާއި، އީމާންކަމާ ފުށުއަރާ ކަންތަތަކުން އަޅުގަނޑުމެން އެއްކިބާވުމަކީ، އެންމެ ސަލާމަތްކަން ބޮޑު ގޮތެވެ. އެގޮތުން ބަލާއިރު، އީމާންކަމަކީ ހަމައެކަނި ގަބޫލުކުރާ ގަބޫލު ކުރުމޭ ބުނެވިއްޖެނަމަ، އެއީ މަގުފުރެދުމެކެވެ. ލަޢުނަތް ލެއްވުނު އިބިލީސްވެސް މާތް ﷲ ގެ މަތިވެރިކާމައި، އިލާހުވަންތަކަން ގަބޫލު ކުރިއެވެ. ނަމަވެސް އޭނާގެ ނުކިޔަމަންތެރިކަމުގެ ނަތީޖާއަކަށްވެގެންދިޔައީ އުޑުތަކުން ބޭރުކުރެއްވުމެވެ.

ހަމައެފަދައިން، އީމާންކަމަކީ ހަމައެކަނި ޝަހާދަތުގެ ދެކަލިމަ ކިޔައިލުމުން ފުދޭ ކަމުގައި ދެކުމަކީވެސް މަގުފުރެދުމެކެވެ. ދުލުން އެކިޔާލާ ބަސްތަކާއި، ހިތުގައިވާ ގަބޫލުކުރުމާ ދިމާނުވާނަމަ އެފަދަ މީހަކީ މުނާފިގުންގެ ތެރެއިން ހިމެނޭ މީހެކަމުގައިވެގެން ދެއެވެ. ވީމާ، ދުލުން ކިޔައި، ހިތުން ތެދުކުރާހާލު ގުނަވަންތަކުން އެއާ އެގޮތަށް އަމަލު ކުރުމުން މެނުވީ ފުރިހަމައަށް އީމާންވި ކަމުގައި ނުވާނެއެވެ.