އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް "ޕެރަލައިޒް" ކޮށްފައިވާ ކަމަށް ތުހުމަތުކުރައްވާ އެކަން ނިމުމަކަށް ގެނައުމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.
ޑރ. ޝަހީމް މިހެން ވިދާޅުވެފައި މިވަނީ ޔޯގާގެ މައްސަލައިގައި ރާއްޖޭގެ ދީނީ އިލްމުވެރިންގެ މެދުގައި ހިޔާލުތަފާތުވުން އުފެދި އެކި އިލްމުވެރިން އެކި ގޮތަށް ޔޯގާގެ މައްސަލައިގައި ވާހަކަދައްކަވަމުންދާ ވަގުތެއްގަ އެވެ.
ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތާ ދެކޮޅަށް ނިކުންނެވި ދީނީ ބައެއް އިލްމުވެރިން ވެސް ސަރުކާރުން ވަނީ މިދިޔަ ބުދަ ދުވަހު ހައްޔަރުކޮށްފަ އެވެ.
މިކަންކަމާ އިޝާރާތް ކުރައްވާ ޑރ. ޝަހީމް ވިދާޅުވީ ދީނީ ކަންކަމުގައި ރަސްމީ ފަތުވާދިނުމަށް ގާނޫނަކުން އުފައްދާފައިވާ ފަތުވާއާ ބެހޭ އެންމެ މަތީ މަޖިލިސް ޕެރެލައިޒްކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް ދައުލަތުގައި ފަތުވާގެ ރަސްމީ ހަރުދަނާ ނިޒާމެއް ގާއިކުރަންޖެހޭ ކަމަށެވެ.
"ކުރީގެ ސަރުކާރުން [ރައީސް ޔާމީންގެ ސަރުކާރުން] ގާނޫނަކުން ފަތުވާ ކައުންސިލް އުފައްދައި މެންބަރުން އައްޔަންކުރި. އެފަރާތްތަކުގެ ޓާރމް ހަމަވުމުން މެމްބަރުން ޢައްޔަންނުކޮށް އޮންނަތާ ދިގު މުއްދަތެއްވެއްޖެ. މިގޮތަށް އެ މުއައްސަސާ ޕެރަލައިޒްކޮށްލުމުގެ ނަތީއަކީ އެ ޒިންމާ ދައުލަތް ނޫން އެހެން ފަރާތްތަކުން ނެގުން،" ޝަހީމް ވިދާޅުވި އެވެ.
ޝަހީމް އިތުރަށް ވިދާޅުވީ މިޒަމާނުގެ އިސްލާމީ ޔުނިވަސިޓީތަކުން ތައުލީމު ހާސިލްކުރައްފައިވާ ސިޔާސީީ ނުފޫޒުން އެއްކިބާވެފައިވާ ފަރާތްތައް ފަތުވާ ކައުންސިލަށް އައްޔަންކުރުން މުހިއްމު ކަމަށެވެ. އަދި ފަތުވާގެ ރަސްމީ އިލްމީ ސައްހަ މަސްދަރު ކަށަވަރުކޮށް ގައުމުގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމަށް ޝަހީމް ވަނީ އިލްތިމާސް ކުރައްވާފަ އެވެ.
އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީސް ފުރަތަމަ ފަހަރަށް އުފެއްދެވީ 2016 ވަނަ އަހަރުގެ މެއި މަހު އެވެ. އެ މަޖިލީހަށް މެމްބަރުން އައްޔަން ކުރެއްވީ އެ އަހަރުގެ ޑިސެމްބަރު މަހު އެވެ. މަޖިލީހުގެ ފުރަތަމަ ރައީސްގެ މަގާމަށް އައްޔަންކުރައްވާފައިވަނީ ޑރ. މުހައްމަދު ރަޝީދު އިބްރާހީމް އެވެ.