ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަދި މަޝްހޫރު ގާނޫނީ ވަކީލް ނާޒިމް އަބްދުއްސައްތާރު ކަމަށް ބެލެވޭ މީހަކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް އާންމުވެފައިވާތީ އެ މައްސަލަ ތަހުގީގުކޮށް އެކަމުގެ ހަގީގަތް ހާމަކުރުމަށް އިދިކޮކޮޅު ޕީޕީއެމުން ގޮވާލައިފި އެވެ.
ޕީޕީއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ނާޒިމް ކަމަށް ވަރަށް ބޮޑަށް ބެލެވޭ މީހަކު ކުޑަ ފިރިހެން ކުއްޖަކާއެކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް ދައުރުވަމުން ދާތީ އެ ވީޑިއޯގެ ހަގީގަތް ދެނެގަތުމަށްޓަކައި އެކަމުގެ ފުރިހަމަ ތަހުގީގެއް ހިންގުމަށް ގޮވާލާފަ އެވެ. އަދި ވީޑިއޯ އިން ފެންނަ ފަރާތް ހޯދައި، ހިފާ ހައްޔަރުކޮށް ދައުވާ އުފުލުމަށް ކަމާ ބެހޭ މުއައްސަސާތަކަށް ވެސް ގޮވާލާފައިވެ އެވެ.
"މިފަދަ ޣައިރު ގާނޫނީ އަދި ލާދީނީ ކަންކަން ކޮށްފައިވާ ފަރާރްތަތައް މީގެ ކުރިންވެސް މިސަރުކާރުން ގައުމުން ބޭރަށް ފުރުވާލާފައިވާތީ، މިވީޑިއޯއިން ފެންނަ ފަރާތްވެސް ފިލުވަން މިސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭތީ، އެފަރާތުގެ ޕާސްޕޯޓް ހިފަހައްޓާ ގައުމުން ބޭރަށް ފުރުން ހުއްޓުވުމުގެ އަވަސް ފިވަޅުތައް އެޅުމަށްވެސް ގޮވާލަމެވެ. އަދި އޭނާ ފުރުވާލަން ނޫޅުމަށްވެސް މިސަރުކާރަށް ގޮވާލަމެވެ،" ބަޔާނުގައިވެ އެވެ.
ޕީޕީއެމް އިން ބުނީ ސިޔާސީ ގޮތުން ބާރުގަދަ އާއިލާއަކަށް ނިސްބަތް ވުމަކީ ފާޚިޝް މުޑުދާރު އަމަލުތައް ހިންގާ، ގާނޫނާ ހިލާފު ވުމަށް ދެވޭ ހުއްދައަކަށް ވެގެން ނުވާނެ ކަމަށެވެ. ވަކި އާއިލާއަކަށް ނުވަތަ ވަކި ނަސްލަކަށް ނިސްބަތްވީ ނަމަވެސް ގާނޫނަކީ އެންމެންގެ މައްޗަށް ހަމަހަމަކަމާއެކު ހިންގަން ޖެހޭނެ އެއްޗެއް ކަންވެސް ފާހަގަކޮށްފައިވެ އެވެ.
މީގެ ކުރިންވެސް މިފަދަ އެތައް އަމަލެއް ހިންގާފައިވާ ފަރާތްތަކުގެ މައްސަލަތައް އޮއްބާލާ، ތުހުމަތު ކުރެވޭ ފަރާތްތަށް ގައުމުން ބޭރަށް ފުރުވާލުން ފަދަ އެތައް ކަމެއް މިސަރުކާރުން ކޮށްފައިވާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ. މީގެތެރޭގައި "ރޯޔަލް ރޭޕް" ހާދިސާއާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި، އަންހެނުންގެ އިއްފަތްތެރިކަން ގަދަކަމުން ފޭރިގަތްފައިވާ ފަރާތްތަކުގެ ކަންކަން ފޮރުވާ އެކަންކަން މިސަރުކާރުން އޮއްބާލާފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.
"ދީނީ އިލްމުވެރިންނާއި ހޯމް މިނިސްޓަރު ފަދަ ޝޭޚުން ގިނަ އަދަދަކަށް ހިމެނޭ ސަރުކާރަކުން އެފަދަ ލާދީނީ ކަންކަމަށް ހިތްވަރުދީ، ލާދީނީއްޔަތު ޕްރޮމޯޓް ކުރާ ފަރާތްތައް ފުރުވާލާ، އެފަދަ މުޑުދާރު އަމަލުތައް ފޮރުވަން މަސައްކަތް ކުރުމަކީ ހިތާމަހުރި ލަދުވެތި ކަންކަމެވެ." ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.
ނާޒިމް ކަމަށް ބެލެވޭ މީހަކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް އާންމުވެފައިވީ ނަމަވެސް ވީޑިއޯ އިން ފެންނަ ފަދަ އަމަލެއް ކުރައްވާފައި ނުވާނެ ކަމަށް ނާޒިމް މިއަދު ވަނީ ވިދާޅުވެފަ އެވެ. އަދި އެމައްސަލަ މިހާރު ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް އެނގިފައިވެ އެވެ.