ވިޔަފާރި

އެމްޓީސީސީ އިން ދެ ބިލިއަން ރުފިޔާގެ ބޮޑެތި މަޝްރޫއުތަކެއް!

  • 74 ތަރައްގީގެ މަޝްރޫއެއް ކުންފުންޏާ ހަވާލުކޮށްފައިވޭ
  • 48 ޕްރޮޖެކްޓެއްގެ އަމަލީ މަސައްކަތް ކުރިއަށްދޭ
  • 13 މަޝްރޫއެއް ނިންމާފައިވޭ

ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި، އެމްޓީސީސީ އިން މިހާރު ވެސް މުޅި ރާއްޖޭގައި ދެ ބިލިއަން ރުފިޔާގެ ތަރައްގީގެ މަޝްރޫއުތައް ކުރިޔަށް ގެންދާ ކަމަށް އެކުންފުނީގެ ސީއީއޯ އިބްރާހިމް އަބްދުއް ރައްޒާގް ހަލީމް ވިދާޅުވެއްޖެ އެވެ.

ސަރުކާރުން މާލެ އާއި އަތޮޅުތެރޭގެ ތަރައްގީގެ މަޝްރޫއުތަޢް ހިނގުމުގެ ގޮތުން ކުރާ މަސައްކަތުގެ ތެރެއިން ބަނދަރު ހެދުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމަށް ބޮޑު ހިލަ ޖެހުން ފަދަ މަސައްކަތުގެ އިތުރުން މަގު ހެދުމާއި ބިން ހިއްކުން ފަދަ ގިނަ މަޝްރޫއުތައް ހިންގަނީ އެމްޓީސީސީ އިންނެވެ.

އެމްޓީސީސީއާ މިހާރު ސަރުކާރުން ހަވާލު ކޮށްފައި ހުރި މަޝްރޫއުތަކަށް އަލިއަޅުވާލައި "އަވަސް"އަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން ހަލީމް ވިދާޅުވީ ސަރުކާރުން މިހާތަނަށް އެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ 74 ތަރައްގީގެ މަޝްރޫއެއް މާލެ އާއި އަތޮޅުތަކުގައި ކުރިއަށް ގެންދެ އެވެ. އެގޮތުން މިހާރު ފަށާފައި ހުރި މަޝްރޫއުތަކާއި ހަވާލުކޮށްފައި ހުރި މަޝްރޫއުތަކުގެ އަގު ގާތް ގަނޑަކަށް 2.1 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ހަލީމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިހާރު މަސައްކަތް ކުރަނީ މިހާރު ހަވާލުކޮށްފައި ހުރި މަސައްކަތްތަށް ވީހާވެސް އަވަހަށް ނިންމުމުގެ ގޮތުން އަޅުގަނޑުމެންނަށް ހުރި ހުރަސްތައް ނައްތާލަން، އެގޮތުން ކުންފުނިން އިތުރު ދެ ބާޖާއި ޓަގު ވެސް މިއަހަރު ތެރޭގައި ގެންނަ ގޮތަށް ވަނީ ހަމަޖެހިފައި،" ހަލީމް ވިދާޅުވި އެވެ.

ހަލީމް ވިދާޅުވީ އެމްޓީސީސީއާ މިހާތަނަށް 74 ޕްރޮޖެކްޓެއް ހަވާލުކޮށްފައިވާ އިރު މީގެ އަށް ޕްރޮޖެކްޓަކީ މިއަހަރު ފަށަން ހަމަޖެހިފައިވާ މަޝްރޫތަކެއް ކަމަށެވެ. މީގެ އިތުރުން މިހާރު ވެސް އަމަލީ މަސައްކަތް ފެށިގެން ކުރިޔަށް ދަނީ 48 ޕްރޮޖެކްޓެއް ކަމަށް ވެސް ހަލީމް ވިދާޅުވި އެވެ. އަދި ދެން ބާކީ ހުރި ބައެއް މަޝްރޫއުތަށް އަމަލީ ގޮތުން ފަށައި ނުގަނެވި ހުރީ، އީއައިއޭ ފަދަ ޕްރޮޖެކްޓް ފެށުމަށް ކުރަން ޖެހޭ މުހިންމު މަސައްކަތް ނުނިމޭތީ ކަން ވެސް ފާހަގަ ކުރެއްވި އެވެ.

"އެމްޓީސީސީއާ 2014 ވަނަ އަހަރު ސަރުކާރުން ހަވާލުކޮށްފައި ވަނީ 24 މަޝްރޫއުއެއް. އަދި މިދިޔަ އަހަރު 34 މަޝްރޫއުއެއް ހަވާލުކޮށްފައިވާ އިރު، 13 މަޝްރޫއު ނިންމާފައި ސަރުކާރާއި ހަވާލުކޮށްފައިވާނެ. އަދި ނުފެށި 2 މަޝްރޫއެއް އެބަ އޮތް. އެއީ އީއައިއޭ ރިޕޯޓު ނުލިބޭތީ،" ހަލީމް ވިދާޅުވިއެވެ.

މަސައްކަތް ކުރުމަށް ހުރި ގޮންޖެހުންތަކާ ގުޅޭ ގޮތުން ހަލީމް ވިދާޅުވީ މިދިޔަ އަހަރު އެމްޓީސީސީ އިން ކުރިޔަށް ގެންދާ މަޝްރޫއުތައް ނިންމުމަށް ލަސް ވާން ދިމާވީ އެންމެ ބޮޑު އެއް މައްސަލައަކީ ބޭރުގައުމުތަކުން ބޮޑު ހިލަ ލިބުމުގެ ދަތިކަން ހުރުމުން ކަމަށާއި ނަމަވެސް މިހާރުވާނީ އެކަމަށްވެސް ހައްލުތަކެއް ހޯދާއިފައި ކަމަށެވެ. އަދި މިފަދަ އިތުރު މައްސަލަ އެއް ދިމާނުވާ ނަމަ އެ ޕްރޮޖެކްޓްތައް ވަރަށް ބާރަށް ހިނގައި ގަންނާނެ ކަމަށް ހަލީމް ވިދާޅުވި އެވެ.