ދުނިޔެ

ގަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު އައްސާނީ މިސްރަށް

ގަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު އައްސާނީ މިސްރަށް ވަޑައިގެންފި އެވެ.

އެ މަނިކުފާނަށް ކައިރޯގެ ވައިގެ ބަނދަރުން މަރުހަބާ ދެންނެވީ މިސްރުގެ ރައީސް އަބްދުލް ފައްތާހް އައްސީސީ އެވެ. މިއީ 2015 އަށް ފަހު އެ މަނިކުފާން މިސްރަށް ކުރައްވާ ފުރަތަ ދަތުރެވެ.

އަމީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން ދަތުރަކީ މިސްރުގެ ރައީސް އަބްުދުލް ފައްތާހް އައްސީސީ ދެއްވި ދައުވަތަކަށް ކުރައްވާ ދަތުރެކެވެ. މައިގަނޑު ބޭނުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތްކަން އިހުނަށް ވުރެ ގާތްކުރުމެވެ.

ގަލްފުގެ އަރަބި ގައުމުތަކުން 2017 ގައި ގަތަރާ ގުޅުން ކަނޑާލުމަށްފަހު ޖެނުއަރީ 2021 ގައި ގުޅުން އަލުން ބަދަހިކުރި އެވެ.

މިސްރަކީ އެފްރިކާ ބައްރުގެ ގައުމެއް ނަމަވެސް ގަތަރާ ގުޅުން ކަނޑާލުމުގައި ބަހްރޭން، ކުވައިތު، އޮމާން، ސައޫދީ އަރަބިއްޔާ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސްއާ ބައިވެރިވި އެވެ.

އަރަބި ގައުމުތަކުން ގަތަރާ ގުޅުން ކަނޑާލީ އީރާނާ ގުޅުން ބަދަހިނުކުރަން ބުނެބުނެ ވެސް އަޑުނޭހުމުންނެވެ. އަދި އީރާނުން ޕްރޮކްސީ ގޮތަށް ބޭނުންކުރާ ހަނގުރާމަވެރި ގުރޫޕްތަކަށް ޚަރަދުކުރުން ހުއްޓާ ނުލުމުންނެވެ.

ގަތަރާ ގުޅުން ކަނޑާލާފައި އޮތް ދުވަސްވަރު ގަތަރަށް ތަކުލީފުތަކެއް ޖެހި އިގުތިސޯދަށް ކޮންމެވެސް ވަރެއްގެ އަސަރެއް ކުރި ނަމަވެސް ބޭރު ދުނިޔެއަށް އެކަމެއް ނުދައްކަ އެވެ. އަދި ގުޅުން ކަނޑާލާފައި އޮތުމުން އެމެރިކާ އާއި ޔޫރަޕުން ގަތަރުގެ ބޭނުންހިފައި މެދުއިރުމައްޗަށް ނުފޫޒުފޯރުމަށް ގިނަ މަސައްކަތްތަކެއް ކުރި އެވެ.

ގަލްފު ގައުމުތަކުން ގަތަރާ އަލުން ގުޅުމަށްފަހު ގައުމުތައް ގުޅިގެން ބޮޑެތި އިންވެސްޓްމަންޓްތައް ދަނީ ކުރަމުންނެވެ. އެގޮތުން ސައޫދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން މިދާކަށް ދުވަހު މިސްރަށް ވަޑައިގެން 7.7 ބިލިއަން ޑޮލަރު އިންވެސްޓް ކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

ގަތަރުގެ އަމީރު މިސްރަށް ވަޑައިގެން ގުޅުން ބަދަހިކުރެއްވި ނަމަވެސް އެޖެންޑާ އޮތް ގޮތެއް ނޫސްތަކަކަށް އަދި ނާރާ އެވެ.

ގަތަރަކީ ގުދުރަތީ ގޭހުގެ މުއްސަނދިކަން ލިބިފައިވާ ގައުމެކެވެ. މެދުއިރުމަތީ ގައުމުތަކުގެ އިތުރުން ގަތަރުން ވަނީ ޔޫރަޕްގައި ވެސް އިންވެސްޓް ކޮށްފަ އެވެ.

އަމީރު މިސްރަށް ވަޑައިގެން އެގައުމުގެ އިގުތިސޯދަށް އެހީތެރި ވެދެއްވާނެ ކަމަށް ކުރިން ވެސް އޮތީ ވިދާޅުވެފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ގަތަރުން މިސްރުގައި ފަސް ބިލިއަން ޑޮލަރު އިންވެސްޓް ކުރާނެ އެވެ.