ދިވެހި އިންޑިއާގެ ގުޅުން

ރާއްޖެ-އިންޑިއާ ގުޅުން އިތުރަށް ބަދަހިކުރަން މަޝްވަރާ ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖަޔަޝަންކަރު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ. މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ ރުވާންޑާގެ ކިގާލީ މެރިއޮޓް ހޮޓެލްގަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ވަނީ ރާއްޖެއާ އިންޑިއާގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅުދައްކަވާފައެވެ. މިގޮތުން ދެ ޤައުމަށް ވެސް ފައިދާވާ ގޮތަށް ދެ ޤައުމުން ވެސް ޝައުޤުވެރިވާ ކަންކަމުގައި އިތުރަށް ގުޅުން ބަދަހިކުރެއްވުމާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއާއި އިންޑިއާއާ ދެޤައުމުގެ ގުޅުން ބިނާވެފައިވަނީ ތާރީޚާއި ސަޤާފަތާއި ދެޤައުމުގެ ވެސް ޤަބޫލުކުރުންތަކުގެ މައްޗަށް ކަމުގައި ވިދާޅުވެފައެވެ. އަދި، އެމަނިކުފާނު ވަނީ ބޭރު ޤައުމުތަކާއެކު ރާއްޖެއިން ބާއްވާ ގުޅުން ހަރުދަނާކޮށް ވަރުގަދަ ކުރުމަކީ މި ސަރުކާރުން ބޮޑު އިސްކަމެއްދޭ ކަމެއްކަމުގައި ހާމަކުރައްވާފައެވެ.

މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ތަރައްޤީގައި އިންޑިއާއިން ވެދެއްވާފައިވާ އެހީތެރިކަން ފާހަގަކުރައްވާފައެވެ. އަދި ދެބޭފުޅުން ވަނީ ދެ ޤައުމުގެ ގުޅުން ކުރިޔަށް އޮތް ދުވަސްތަކުގައި އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރައްވަން ބޭނުންފުޅުވާ ކަން ހާމަކުރައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ރަސްމީ ދަތުރުފުޅެއްގައި ރުވާންޑާއަށް ވަޑައިގަތީ ކޮމަންވެލްތް ޤައުމުތަކުގެ އިސްވެރިންގެ 26 ވަނަ ބައްދަލުވުން 2022 ގައި ބައިވެރިވެވަޑައިގެންނެވުމަށެވެ. މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުންނާއި އަދި، ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ.