ބޮލީވުޑް

އަދުނާނު ސާމީ ރާއްޖޭގައި ނެގި ފޮޓޯތަކުން ފޭނުން ހައިރާންވެއްޖެ

ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދުނާން ސާމީ މިހާރު ޗުއްޓީ ހޭދަކުރަމުންދަނީ ރާއްޖޭގެ ރިސޯޓެއް ކަމަށްވާ ކުޑަވިލިނގިލީ ގައެވެ.

އޭނާ ރާއްޖޭގައި ހުރެ ނަގާފައިވާ ފޮޓޯތަކެއް ރަސްމީ ސޯޝަލް މީޑިއާ އެކައުންޓްތަކުން ޝެއާކުރުމުން އެ ފޮޓޯތައް ބަލާފައި ފޭނުން މުޅިން ކޮސްވެއްޖެ އެވެ. އަދި އެއީ ހަމަ އަސްލު އަދުނާނު ސާމީތޯ ވަރަށް ގިނަ ބަޔަކު ދަނީ ސުވާލުކުރަމުންނެވެ.

މި ފޮޓޯތައް ފެނިފައި ހަމަ ހަގީގަތުގައި ވެސް މީހުން ހައިރާންވެ އަންތަރީސްވާ ވަރުވެ އެވެ. ސަބަބަކީ ކުރިން އަދުނާނު ހުރި ސިފަޔާއި މިހާރު އޭނާ ހުރި ސިފަ އުޑާއި ބިމާހާ ތަފާތު ވީމަ އެވެ.

ކުރިން އަދުނާނަކީ އާދަޔާޚިލާފަށް ފަލަ މީހަކަށް ވިޔަސް މިހާރު އޭނާ އަކީ ހެޔޮވަރުގެ ރީތި ހަށިގަނޑެއްގެ ވެރިއެކެވެ. އަދުނާނުގެ މިންނަތް މަސައްކަތުން އޭނާގެ ކުރީގެ ބަރުދަނުން 155 ކިލޯ ވަނީ ލުއިކޮށްލާފަ އެވެ.

ބައެއް މީހުން ބުނަނީ އަދުނާނު ހިކުނީ ލިޕޯސަކްޝަން ސާޖަރީ ހަދައިގެން ކަމަށެވެ. ނަމަވެސް މި ވާހަކަ އަދުނާނު ދޮގު ކުރެ އެވެ.

އަދުނާނު ހިކިފައިވަނީ ހިއުސްޓަން އަށް ގޮސް ނިއުޓްރިޝަނިސްޓެއްގެ އިރުޝާދާ އެއްގޮތަށް އަމަލުކޮށްގެން ކަމަށް އޭނާ ބުނެފައިވެ އެވެ.

އަދުނާނު ރާއްޖޭގައި ނަގާފައިވާ ފޮޓޯތަކުގައި ވަނީ އޭނާ ކަމަށް ފޮޓޯތައް ބެލި މީހުންނަށް ގަބޫލު ނުކުރެވުނީ އެ ފޮޓޯތަކުގައި އޭނާގެ ހަށިގަނޑު ހުރިލެއް ފިޓްކަމުންނާއި އޭނާގެ ބުރުސޫރަ ވެސް ރީތިވެފައި ހުރި ވަރުންނެވެ.

އަދުނާނަށް މި އައި ބަދަލަކީ ބައެއް މީހުން ނެގީ އެމީހުން ވެސް ހިކެން މަސައްކަތްކުރަން ލިބުނު ހިތްވަރަކަށެވެ. އަނެއް ބަޔަކު ހަމަ ތީ އަދުނާނުތޯ ސުވާލު ކޮށްފައިވެ އެވެ.

އަދުނާން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދަނީ އަންހެނުންނާއި ދަރިފުޅާ އެކުގަ އެވެ.