ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ކަމަށް ބެލެވޭ މީހެއްގެ ބަރަހަނާ މަންޒަރު ފެންނަ ފޮޓޯއެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން ބުނީ މެންބަރު ހުސައިން ޝަހީމު ކަމަށް ބުނާ މީހެއްގެ ބަރަހަނާ ފޮޓޯގެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާތީ އެ މައްސަލަ އާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.
ހުސައިން ކަމަށް ބުނާ މީހެއްގެ ފޮޓޯއާއި ގުޅިގެން ހުސައިންގެ ފޯނަން ގުޅި ނަމަވެސް ޖަވާބު ނުދެއްވާތީ ހުސައިންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ފުލުހުން ގެންދަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަދި މަޝްހޫރު ގާނޫނީ ވަކީލް ނާޒިމް އަބްދުއްސައްތާރު ކަމަށް ބެލެވޭ މީހަކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް އާންމުވެ، ފާޑުކިޔުން އަމާޒުވުމުން އެ މައްސަލަ ވެސް ބަލަމުންނެވެ.
ނާޒިމް ކަމަށް ބެލެވޭ މީހަކާ އެކު އެއްޖިންސުން ގުޅުން ހިންގަމުން ދަނީ ބިދޭސީއެއް ކަމަށާއި އޭނާއާ އެކު ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހަރަކާތްތެރިވާ އިސް އެހެން ބައެއް ބޭފުޅުންވެސް އެއްޖިންސުން ގުޅުން ހިންގާފައިވާ ކަމަށް ސޯޝަލް މީޑިއާގައި ބައެއް މީހުން ބުނެފައިވެ އެވެ.