ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި އިވެންޓެއް ބޭއްވީ ޔޯގާ ފަދަ ދީނާ ހިލާފު އަމަލުތައް ހުއްޓުވަން އިސްލާމިކް މިނިސްޓްރީން ދިވެހި ފުލުހުންގެ ހިދުމަތުގައި އެދިފައިވަނިކޮށް ކަން ހާމަވެއްޖެ އެވެ. އިސްލާމިކް މިނިސްޓްރީން ވަނީ އެކަމަށް އެދި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދަށް ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީ ފޮނުވީ މި މަހުގެ 16 ވަނަ ދުވަހު އެވެ.
ނަމަވެސް މި މަހުގެ 21 ވަނަ ދުވަހުގެ ހެނދުނު ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ވަނީ އިވެންޓެއް ބާއްވާފައެވެ. އެއީ އިންޑިއާ ހައިކޮމިޝަންގެ އިސް ނެގުމަށް ސަރުކާރުގެ އިދާރާތަކުގެ ފުރިހަމަ އެއްބާރުލުމާއި ފުލުހުންގެ ސެކިއުރިޓީވެސް ލިބިގެން ބޭއްވި އިވެންޓެކެވެ. ނަމަވެސް އެއީ މުންކަރާތެއް ކަމަށްވާތީ އެކަމާ ދެކޮޅަށް އިހުތިޖާޖު ކުރި ބަޔަކު ވަނީ ގަލޮޅު ދަނޑަށް ވަދެ ހަމަނުޖެހުންތަކެއް ހިންގާފައެވެ.
އެ މައްސަލަ ރައީސް ސޯލިހް އަންގަވައިގެން ދިވެހި ފުލުހުންގެ ހިދުމަތުން ދަނީ ވަރަށް ސީރިއަސްކޮށް ބަލަމުންނެވެ. ދެ އިލްމުވެރިއަކު ހިމެނޭހެން 19 މީހަކު މިވަގުތު ތިބީ ބަންދުގައެވެ.
އިސްލާމިކް މިނިސްޓްރީގެ ސީނިއާ އެގްޒެކްޓިވް ޑިރެކްޓަރު ހިޝާމް އަހުމަދު ސޮއިކޮށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދަށް ފޮނުވި ސިޓީގައި ވަނީ ޔޯގާއާމެދު އިސްލާމީ ބޮޑެތި އިލްމުވެެރިންނާއި ގައުމުތަކުގެ ފަތުވާ މަޖިލީސްތަކުގެ ނިންމުން ވަރަށް ސާފުކޮށް ބަޔާން ކޮށްދީފައެވެ.
އެގޮތުން މިހާރަކަށް އައިސް މެޑިޓޭޝަންގެ ގޮތުގައި ނުވަތަ ކަސްރަތެއްގެ ގޮތުގައި އަދި ރާއްޖޭގައިވެސް ތަފާތު ބަލިތަކަށް ޝިފާ ހޯދުމުގެ ނަމުގައި ޔޯގާ ބޭނުން ކުރަމުންދާ ކަމަށެވެ. ނަމަވެސް 2004 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު މިސްރުގެ ފަތުވާ ދޭ މަޖިލީސް އިން ނެރެފައިވާ ފަތުވާފައި ޔޯގާއަކީ މުސްލިމުންނަށް ހަރާމް ކުޅިވަރެއް ކަމަށާ އެއީ ހިންދޫގެ އަޅުކަމާއި ގުޅިފައިވާ ކަމެއް ކަމުން އެއީ ކުޅިވަރެއްގެ ގޮތުގައިވެސް ކުޅުން ހުއްދަ ކަމެއް ނޫން ކަމަށް ބުނެފައިވާ ކަމަށެވެ. މީގެ އިތުރުން 2008 ވަނަ އަހަރު މެލޭޝިޔާގެ ގައުމީ ފަތުވާ މަޖިލީސް އިން ނެރެފައިވާ ފަތުވާއެއްގައި ޔޯގާއަކީ މުސްލިމުންނަށް ހަރާމް ކުޅިވަރެއް ކަމަށާ އެއީ ކުޅިވަރެއްގެ ގޮތުގައިވެސް އަދި އަޅުކަމެއްގެ ގޮތުގައިވެސް ކުރުން ހުއްދަ ނުވާނެ މުސްލިމުންގެ އަގީދާއަށް އަސަރުކުރާނެ ކަމެއް ކަމަށް ބުނެފައިވާ ކަމަށެވެ.
މިނިސްޓްރީގެ ސިޓީގައި ބުނެފައިވަނީ މި މެޑިޓޭޝަނަކީ ހިންދޫގެ އަޅުކަމެއް ކަމަށްވާ ޔޯގާގައި ހިމެނޭ ކަމެއް ކަމަށާ އަދި އެ މީހުންގެ ދީނީ ސަގާފަތާއި ގުޅޭ ގޮތުން މެޑިޓޭޝަންގެ ނަމުން ނަންދީ އިރުއަރާ ވަގުތު އިރަށް ކުރުނީސްކޮށް އަދި ހިންދޫން ބުދު ފައްޅީގައި އަޅުކަން ކުރުމުގައި ބޭނުން ކުރާ މިއުޒިކު ހިމެނޭ ހަރަކާތެއް ކަމަށް ވަނީ ބުނެފައެވެ.
"... އިސްވެ ދެންނެވުނު ސަބަބުތަކާ ހުރެ މިފަދަ ކަންތައްތަކަކީ އިސްލާމީ ޝަރީއަތާއި ހިލާފު ކަމަކަށްވާތީ އާއި ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމާއި ބެހޭ ގާނޫނުގެ ދަށުން މަނާ ކުރެވިފައިވާ ކަންތައްތަކެއް ކަމުގައިވާތީ އިސްލާމީ ޝަރީއަތާއި ދިވެހި ގާނޫނުތަކާއި ގަވާއިދުތައް ނެގެހެއްޓުމަށްޓަކައި މިފަދަ ކަންކަން ކުރާ ފަރާތްތައް ދެނެގަނެ އެކަށީގެންވާ ފިޔަވަޅު އެޅުމަށް އަންގަމެވެ،" މިނިސްޓްރީގެ ސިޓީގައިވެއެވެ.
މިނިސްޓްރީގެ މި ސިޓީ މިރޭ އާންމުވެފައިވާއިރު ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި އިވެންޓާއި ގުޅިގެން ދެ އިލްމުވެރިއަކު ހައްޔަރު ކުރުމުން އެ ދެ އިލްމުވެރީންނަށް ދީފައިވާ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަވެސް ވަނީ ބާތިލުކޮށްފައެވެ.
އަދި އެކަން އަންގާ އާންމުކުރި ބަޔާނުގައިވެސް ގަލޮޅު ދަނޑުގައި އެ ދުވަހު ހިންގީ ކުފުުރުގެ އަމަލެއް ކަމެއް ބަޔާން ކުރަން ނުކެރުނެވެ. އޭގެ ބަދަލުގައި މުޅީންވެސް ކުށްވެރިކޮށްފައިވަނީ އެ ދުވަހު ހިނގާދިޔަ އެހެން ކަންކަމެވެ. އަދި އެކަންކަން ހުއްޓުވަން ސިޓީއެއް ފޮނުވާފައިވާ ކަމެއްވެސް ހާމަކޮށްފައެއް ނުވެއެވެ.