މެޑިޓޭޝަންގެ ޔޯގާ ކުރި ނަމަވެސް އެއީ އިސްލާމް ދީނުގައި ހަރާމްކަމެއް ކަމަށް ބުނެ އިސްލާމިކް މިނިސްޓްރީ އިން ފުލުހުންނަށް ފޮނުވި ސިޓީ އަކީ ބައިނަލްއަގްވާމީ ޔޯގާ ދުވަހާ ގުޅިގެން ފޮނުވި ސިޓީއެއް ނޫން ކަމަށް މިނިސްޓްރީ އިން މިއަދު ބުނެފި އެވެ.
ޔޯގާ ދުވަސް ފާހަގަކުރުން ހުއްޓުވުމަށް އަންގައި އިސްލާމިކް މިނިސްޓްރީ އިން މިމަހުގެ 15 ދުވަހު ފުލުހުންނަށް ފޮނުވި ސިޓީއެއް ސޯޝަލް މީޑިއާގައި އާންމުވި އެވެ. ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް ފޮނު ސިޓީގައި ސޮއިކޮށްފައި ވަނީ އެ މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އަހްމަދު ހިޝާމް އެވެ.
އެކަމަކު އިސްލާމިކް މިނިސްޓްރީ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެ ސިޓީ އަކީ މިމަހުގެ 21 ވަނަ ދުވަހު ފާހަގަކުރާ ބައިނަލްއަގްވާމީ ޔޯގާ ދުވަހާ ގުޅިގެން ފޮނުވި ސިޓީއެއް ނޫން ކަމަށެވެ.
އަދި އެ ސިޓީގައި ހިމެނޭ ފަތުވާ ނެރެފައި ވަނީ އެ މިނިސްޓްރީގައި އެފަދަ ކަންކަން ކުރުމުގައި އަމަލުކުރުމަށް ކަނޑައަޅާފައިވާ އިޖުރާއަތްތަކާ ހިލާފަށް ކަމަށެވެ.
"ޔޯގާގެ ޝަރުއީ ހުކުމާމެދު ދިވެހިރާއްޖޭގެ އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުގެ ތަފްސީލީ ފަރުވާއެއް ހޯދުމަށްފަހު އާންމުކުރެވޭނެ ވާހަކަ ދަންނަވަން،" އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
އިސްލާމިކް މިނިސްޓްރީ އިން ފުލުހުންނަށް ފޮނުވި ސިޓީގައިވާ ގޮތުގައި، މެޑިޓޭޝަން ނުވަތަ ކަސްރަތެއްގެ ގޮތުގައި އަދި ރާއްޖޭގައި ވެސް ތަފާތު ބަލިތަކަށް ޝިފާ ހޯދުމުގެ ނަމުގައި ޔޯގާ ބޭނުން ކުރަމުންދާ ކަމަށެވެ. ނަމަވެސް 2004 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު މިސްރުގެ ފަތުވާ ދޭ މަޖިލީސް އިން ނެރެފައިވާ ފަތުވާގައި ޔޯގާއަކީ މުސްލިމުންނަށް ހަރާމް ކުޅިވަރެއް ކަމަށާ އެއީ ހިންދޫގެ އަޅުކަމާއި ގުޅިފައިވާ ކަމެއް ކަމުން އެއީ ކުޅިވަރެއްގެ ގޮތުގައިވެސް ކުޅުން ހުއްދަ ކަމެއް ނޫން ކަމަށް އެ ސިޓީގައި ބަޔާންކޮށްފައިވެ އެވެ.
މީގެ އިތުރުން 2008 ވަނަ އަހަރު މެލޭޝިޔާގެ ގައުމީ ފަތުވާ މަޖިލީހުން ނެރެފައިވާ ފަތުވާއެއްގައި ޔޯގާއަކީ މުސްލިމުންނަށް ހަރާމް ކުޅިވަރެއް ކަމަށާއި އެއީ ކުޅިވަރެއްގެ ގޮތުގައިވެސް އަދި އަޅުކަމެއްގެ ގޮތުގައިވެސް ކުރުން ހުއްދަ ނުވާނެ މުސްލިމުންގެ އަގީދާއަށް އަސަރުކުރާނެ ކަމެއް ކަމަށް ބުނެފައިވާ ކަމަށް ސިޓީގައިވެ އެވެ.