މެޑިޓޭޝަންގެ ގޮތުގައި ނުވަތަ ކަސްރަތެއްގެ ގޮތުގައި އަދި ރާއްޖޭގައިވެސް ތަފާތު ބަލިތަކަށް ޝިފާ ހޯދުމުގެ ނަމުގައި ޔޯގާ ބޭނުން ކުރަމުންދާ ކަމަށާ ނަމަވެސް އެއީ ހަރާމް ކަމެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ. އެ މިނިސްޓްރީން ވަނީ ޔޯގާގެ ހަރަކާތްތައް ހުއްޓުވަން އަންގާ ދިވެހި ފުލުހުންގެ ހިދުމަތަށް ސިޓީއަކުން އެކަން އަންގާފައެވެ.
ނަމަވެސް މި ސިޓީ މިރޭ އާންމުވުމާއި ހަމައަށްވެސް ޔޯގާގެ ހުކުމް އާންމުންނަށް ބަޔާންކޮށް ދިނުމަށް އިސްލާމިކް މިނިސްޓްރީން އެއްވެސް ކަމެއް ކޮށްފައެއް ނުވެއެވެ. އަދި މި ސިޓީ އާންމުވެފައިވަނީ މި މަހުގެ 21 ވަނަ ދުވަހު ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި އިވެންޓެއް ބާއްވާފައި ވަނިކޮށެވެ. އެ އިވެންޓާއި ގުޅިގެން ދީނީ އިލްމުވެރިން ވަނީ އެއީ މުންކަރާތެއް ކަމަށާ އެ ކަން ނުކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ގޮވާލާފައެވެ.
ނަަމަވެސް އެ މައްސަލާގައި އިސްލާމިކް މިނިސްޓްރީން އާންމުންނަށް ސާފުވާނެ ގޮތަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
އެ މިނިސްޓްރީން ވަނީ އެ އިވެންޓްގެ ކުރީން މެޑިޓޭޝަންގެ ގޮތުގައި ނުވަތަ ކަސްރަތެއްގެ ގޮތުގައި އަދި ރާއްޖޭގައިވެސް ތަފާތު ބަލިތަކަށް ޝިފާ ހޯދުމުގެ ނަމުގައި ޔޯގާ ބޭނުން ކުރަމުންދާ ކަމަށް ބުނެ އެފަދަ ކަންކަން ހުއްޓުވަން މި މަހުގެ 16 ވަނަ ދުވަހު ފުލުހުންނަށް އަންގާފައެވެ.
އިސްލާމިކް މިނިސްޓްރީގެ ސީނިއާ އެގްޒެކްޓިވް ޑިރެކްޓަރު ހިޝާމް އަހުމަދު ސޮއިކޮށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދަށް ފޮނުވި ސިޓީގައި ވަނީ ޔޯގާއާމެދު އިސްލާމީ ބޮޑެތި އިލްމުވެެރިންނާއި ގައުމުތަކުގެ ފަތުވާ މަޖިލީސްތަކުގެ ނިންމުން ވަރަށް ސާފުކޮށް ބަޔާން ކޮށްދީފައެވެ.
އެގޮތުން މިހާރަކަށް އައިސް މެޑިޓޭޝަންގެ ގޮތުގައި ނުވަތަ ކަސްރަތެއްގެ ގޮތުގައި އަދި ރާއްޖޭގައިވެސް ތަފާތު ބަލިތަކަށް ޝިފާ ހޯދުމުގެ ނަމުގައި ޔޯގާ ބޭނުން ކުރަމުންދާ ކަމަށެވެ. ނަމަވެސް 2004 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު މިސްރުގެ ފަތުވާ ދޭ މަޖިލީސް އިން ނެރެފައިވާ ފަތުވާފައި ޔޯގާއަކީ މުސްލިމުންނަށް ހަރާމް ކުޅިވަރެއް ކަމަށާ އެއީ ހިންދޫގެ އަޅުކަމާއި ގުޅިފައިވާ ކަމެއް ކަމުން އެއީ ކުޅިވަރެއްގެ ގޮތުގައިވެސް ކުޅުން ހުއްދަ ކަމެއް ނޫން ކަމަށް ބުނެފައިވާ ކަމަށެވެ. މީގެ އިތުރުން 2008 ވަނަ އަހަރު މެލޭޝިޔާގެ ގައުމީ ފަތުވާ މަޖިލީސް އިން ނެރެފައިވާ ފަތުވާއެއްގައި ޔޯގާއަކީ މުސްލިމުންނަށް ހަރާމް ކުޅިވަރެއް ކަމަށާ އެއީ ކުޅިވަރެއްގެ ގޮތުގައިވެސް އަދި އަޅުކަމެއްގެ ގޮތުގައިވެސް ކުރުން ހުއްދަ ނުވާނެ މުސްލިމުންގެ އަގީދާއަށް އަސަރުކުރާނެ ކަމެއް ކަމަށް ބުނެފައިވާ ކަމަށެވެ.
މިނިސްޓްރީގެ ސިޓީގައި ބުނެފައިވަނީ މި މެޑިޓޭޝަނަކީ ހިންދޫގެ އަޅުކަމެއް ކަމަށްވާ ޔޯގާގައި ހިމެނޭ ކަމެއް ކަމަށާ އަދި އެ މީހުންގެ ދީނީ ސަގާފަތާއި ގުޅޭ ގޮތުން މެޑިޓޭޝަންގެ ނަމުން ނަންދީ އިރުއަރާ ވަގުތު އިރަށް ކުރުނީސްކޮށް އަދި ހިންދޫން ބުދު ފައްޅީގައި އަޅުކަން ކުރުމުގައި ބޭނުން ކުރާ މިއުޒިކު ހިމެނޭ ހަރަކާތެއް ކަމަށް ވަނީ ބުނެފައެވެ.
"... އިސްވެ ދެންނެވުނު ސަބަބުތަކާ ހުރެ މިފަދަ ކަންތައްތަކަކީ އިސްލާމީ ޝަރީއަތާއި ހިލާފު ކަމަކަށްވާތީ އާއި ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމާއި ބެހޭ ގާނޫނުގެ ދަށުން މަނާ ކުރެވިފައިވާ ކަންތައްތަކެއް ކަމުގައިވާތީ އިސްލާމީ ޝަރީއަތާއި ދިވެހި ގާނޫނުތަކާއި ގަވާއިދުތައް ނެގެހެއްޓުމަށްޓަކައި މިފަދަ ކަންކަން ކުރާ ފަރާތްތައް ދެނެގަނެ އެކަށީގެންވާ ފިޔަވަޅު އެޅުމަށް އަންގަމެވެ،" މިނިސްޓްރީގެ ސިޓީގައިވެއެވެ.
ޔޯގާ އިވެންޓް ހުއްޓުވަން ނިކުތް މީހުންގެ ތެރެއިން ބަޔަކު ގަލޮޅު ދަނޑަށް ވަދެ ހަމަނުޖެހުން ހިންގި އެވެ. އެ މައްސަލައިގެ ތުހުމަތަށް 19 މީހަކު މިހާރު ވަނީ ހައްޔަރު ކޮށްފައެވެ.