( 23 ޖޫން 2022 އާ ގުޅޭ )
"ހެލޯ..." މާޔަލް ކަންފަތުގައި ފޯނު ޖައްސާލައިގެން އައިސް އިށީނީ އެނދުގައެވެ. އައިތަން ވެސް ހެލޯއޭ ބުނި އަޑު އިވުނެވެ. އިތުރު ވާހަކައެއް އައިތަންގެ ފަރާތުން ނީވެނީސް މާޔަލްއަށް އިތުރު ކޯލެއް އަންނަ ކަމުގެ ހިލަންވިއެވެ. ކަންފަތާ ފޯނު ދުރުކޮށްލައި ބަލާލިއެވެ. ގުޅަނީ އިވާނެވެ. އިރުކޮޅަކު ބަލަން އިނުމަށްފަހު އިވާންގެ ކޯލު އޭނާ ކަނޑާލިއެވެ. މިވަގުތު އިވާނަށްވުރެ މާޔަލްއަށް މުހިންމުވީ އައިތަން ގުޅި ސަބަބު ހޯދާށެވެ.
* * * * *
އޮފީހުން ގެއަށް އައިސް ހަމަޖެހިލެވުމުން އިވާން އަނެއްކާ ވެސް މާޔަލްއަށް ގުޅާލިއެވެ. އަދިވެސް ފޯނުކޯލެއްގައިކަން މާޔަލް ހުރީ އެނގުމުން މިފަހަރު ކޯލު ކަނޑާލީ އިވާނެވެ. ހަމައެއާއެކު އޭނާގެ ހިތުގައި ސުވާލު އުފެދުނެވެ. ގަޑިއެއްހާއިރު ވާން އުޅޭއިރު އެހާގިނައިރު އިވާންއާ ވެސް މާޔަލް ވާހަކަ ނުދައްކައެވެ. ކޮންމެވެސް ބަހަނާއެއް ދައްކާފައި ފޯނު ބާއްވާނެއެވެ. ވަހުމްތަކަށް ފުރުޞަތު ދޭން އިވާން ނޭދުނަސް އެކަމެއް ނުވިއެވެ. ކުރީން ދުވަހު ވެސް މާޔަލް ހަމަ އެ ގަޑީގައި ބިޒީވިއެވެ. ދިޔައީ އެކުވެރިޔަކާއެކު ބޭރަށޭ ބުންޏަސް އެއީ ކޮންއެކުވެރިއެއްކަމެއް މާޔަލްއަށް ނުބުނެވުނެވެ. އެ ސުވާލާއެކު ކޮންމެ ފަހަރަކު މާޔަލް ވާހަކަ ބަދަލުކޮށްލަނީ އިވާން ކައިރީ ބުނާން ބޭނުންނުވެގެންކަން ޚުދު އިވާނަށް އެނގެއެވެ. އިވާންގެ ކޮއްކޮ އައިމީ ފިޔަވައި މިހާރު މާޔަލްގެ ހުރި ހަމައެކަނި އެކުވެރިޔަކީ ޒިލްމާއެވެ. މާޔަލް ދިޔައީ ޒިލްމާއާއެކު ނޫންކަން އިވާނަށް ޔަގީންވެއެވެ. ޒިލްމާ ރާއްޖޭގައި ވެސް ނެތީއެވެ. ޢާއިލާއާއެކު އޭނާގެ ދިރިއުޅުން ރާއްޖޭން ބޭރަށް ބަދަލުކުރީ މާޔަލް ހޮސްޕިޓަލުން ދޫކޮށް ނުލަނީހެވެ. އޭނާ މާޔަލްގެ ޢާއިލާ ކައިރީ އެ ވާހަކަދެއްކި އިރު އިވާން ހުރީ އަޑުއިވޭ ހިސާބުގައެވެ. ވީއިރު މާޔަލް އެ ބުނާ މީހަކީ ކޮންތާކުން އައިސްގެން އުޅޭ އެކުވެރިޔެއް ބާއެވެ.
ގެއިން ނުކުމެ ސައިކަލަށް އިވާން އެރިއެވެ. މާޔަލްމެން ގެއަށް ދާށެވެ. ރަންކީ ދުވަހަށްފަހު ދެ މީހުން އެކުގައި ބޭރަށް ނުކުމެލާނޭ ފުރުސަތެއް މާޔަލް ނުދެއެވެ. އިވާން ޚިޔާލުކުރީ މާޔަލް ގޮވައިގެން ބޭރަށް ނުކުމެލާށެވެ. އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލަނިކޮށް ހިތަށް ލިބެމުންދާ ނުތަނަވަސްކަން ފިލާފާނޭ ހީކޮށެވެ. މާޔަލްއާ މެދު ހިތްހަމަނުޖެހިފައި ހުންނާން އިވާން ބޭނުމެއްނޫނެވެ. އޭނާ ނުރުހުންވެއްޖެނަމަ މާޔަލްއަށް އެ ލިބެނީ ދުރުގައި ހުންނަން ފުރުސަތެކޭ އިވާންގެ ހިތް ބުނެއެވެ.
"ކިހިނެއް ހެދީމަތަ މާޔަލް ބަދަލުނުވާނީ." އިވާނަށް ބުނެލެވުނެވެ.
ދޮރުގެ ރަނގަބީލު އަޅާއަޑަށް މަޒްހަރު އައިސް ދޮރު ހުޅުވިއެވެ. އިވާން ފެނުމުން ނިކަން ފުޅާ ހިނިތުންވުމަކާއެކު އެތެރެއަށް ވަންނަން އެދުނެވެ. ވާންއުޅޭ ދަނބިދަރިފުޅު ގޮވައިގެން ސޯފާގައި މަޒްހަރު އިށީނެވެ. މާޔަލް ކޮބާތޯ އިވާން އަހާލިއެވެ.
"އެ ނުކުންނަނީ... މައްޔު ތައްޔާރު އެވަނީ އިވާން އަންނާތީ ދޯ." މަޒްހަރު ބުންޏެވެ. އިވާނަށް ލިބުނީ ހައިރާންކަމެވެ. މާޔަލް ފޯނުކޯލު ނިންމާލާފައި ނުގުޅިތަނުގައި އޭނާ އެ އުޅެނީ އިވާން ކައިރީ ބުނެވެސް ނުލާ ބޭރަށް ދާށެވެ. އަނެއްކާވެސް އެބުނާ އެކުވެރިޔަކާއެކު ހެއްޔެވެ. އިވާންގެ މެޔަށް ބާރުވެރިއެވެ. ހިތަށް ދަތިކަމެއް ލިބިގެން ދިޔައީއެވެ. މާޔަލް އޭނާއަށް ސިއްރު އެކުރަނީ ކޮންކަމެއްކަން ނޭނގޭތީއެވެ.
"އި..ވާން!." ކޮޓަރިން ނުކުމެގެން އައި މާޔަލްއަށް ހުއްޓުން އެރިއެވެ.
"ނިމުނީތަ؟." އިވާން އަހާލިއެވެ. މާޔަލްއަށް އެބުނި އެއްޗެއް ސާފުވީ ނަމަވެސް އެއީ ކޮންމާނައެއްގައި ބުނި އެއްޗެއްކަން ދޭހައެއް ނުވިއެވެ. އިވާންއާ ދިމާއަށް ހައިރާންކަމާއެކު ބަލަން ހުރެވުނީއެވެ.
"ހިނގާ ދާން." އިވާން އަނެއްކާ ވެސް ވާހަކަދެއްކިއެވެ.
"ކޮން..." ކޮންތާކަށްތޯ އަހަން އުޅެފައި މާޔަލް ހުއްޓާލީއެވެ. އިވާންގެ ގާތުގައި ބައްޕަ އިނީމައެވެ. އޭނާ ތައްޔާރުވަނިކޮށް ބައްޕަ އައިސް ކޮޓަރީގައި ޓަކި ދިނެވެ. ބޭރަށް ނުކުމެލަނީކަން ބުނެލުމުން އިތުރު ސުވާލެއް އޭރު ބައްޕަ ނުކުރިއެވެ. ނަމަވެސް މިވަގުތު އިވާންއާއެކު ނޫންކަން މާޔަލް ބޭރަށްދާން އުޅެނީ އެނގޭ ހިސާބުން މަޒްހަރުގެ ސުވާލުތަކާ ކުރިމަތިލާން ޖެހޭނެއެވެ. އަނެއްކޮޅުން އިވާން ކުއްލިއަކަށް އައިސް އިން ބޭނުމެއް އެނގެނީއެއް ނޫނެވެ. އޭނާ ސުވާލު ކުރުމެއްނެތި މާޔަލް ގާތު ދާން ހިނގާށޭ އެބުނަނީ ކީއްވެ ހެއްޔެވެ.
މާޔަލް އެނބުރި ކޮޓަރިއަށް އައީއެވެ. ކުޑައިރުކޮޅެއްގެ ތެރޭ އައިތަން އޭނާ ބަލާ އަންނާނެއެވެ. އެކަމަކު އިވާން ގޭގައި އިންދާ އޭނާ ނުކުމެއްޖެނަމަ ފަހަތުން އަންނާނޭކަން މާޔަލްއަށް ޔަގީނެވެ. ހާސްވެފައި ހުރެ އަތްދަބަހުން ފޯނު ނެގި ގޮތަށް މާޔަލް ގުޅީ އައިތަންއަށެވެ. ކުއްލިއަކަށް ކަމެއް މެދުވެރިވީތީ އޭނާއަށް އެ ގަޑީގައި ދެވެން ނެތްކަން ބުންޏެވެ. އިރުކޮޅަކު އަނގައިން ނުބުނެ ހުރެފައި އައިތަން ވާހަކަދެއްކިއެވެ. ދެމީހުންގެ ބައްދަލުވުން މާދަމާއަށް ފަސްކުރީއެވެ. ދޮރުކައިރީ ހުރި މާޔަލްއަށް ތަޅުގައި މީހަކު ހިފިކަން އެނގި އަވަހަށް ކޯލު ކަނޑާލީއެވެ. އެނބުރި ދޮރު ހުޅުވާލަންވާއިރަށް އިވާން ދޮރު ހުޅުވައިފިއެވެ. އޭނާގެ ނަޒަރު މާޔަލްގެ ބޮލުން ފެށިގެން ތިރިއަށް ހިންގާލިއެވެ. ލޮލުގައި އަޅައިގަތީ މާޔަލްގެ ކަނާއަތުގައި އޮތް ފޯނެވެ.
"އަންނަވާހަކަ ނުވެސް ބުނޭ." މާޔަލް ބުންޏެވެ.
"އޮފީހުން ނުކުންނަނީކަން ބުނަން ގުޅިން. ގެއަށް ގޮސްފަ ވެސް ގުޅިން." އިވާން ބުންޏެވެ.
"މާޔަލް." އަނގައިން ނުބުނެ މާޔަލް ހުންނަން ފެށުމުން އިވާން ގޮވާލިއެވެ. އެއާއެކު އިވާންގެ އަތުގައި އަތްޖައްސާލަމުން މާޔަލް އެދުނީ ސިޓިންރޫމުގައި ތިބެން އައުމަށެވެ. މާޔަލް ކޮޓަރިން ނުކުމެ ދޮރު ލައްޕާލަންދެން ހުރެފައި އޭނާގެ ފަހަތުން އިވާން ހިނގައިގަތެވެ.
"ތަނަކަށްދާކަށްނޫންތަ އުޅުނީ. ހިނގާ އަހަރެން ގެންގޮސްދޭނަން." މާޔަލްގެ ފަހަތުން އަންނަމުން އިވާން ބުންޏެވެ.
"ބޭރަށް ނުކުމެލަން އުޅުނީ. މުހިންމުކަމަކުނޫން." މާޔަލް ނިކަން އަވަހަށް ބުންޏެވެ.
"މުހިންމު ނޫނިއްޔާ... އަހަންނާއެކު ދުއްވާލަން ދާންވީނު." މާޔަލްގެ އަތުގައި ހިފައި ހުއްޓުވަމުން އިވާން ބުންޏެވެ. އިވާންގެ މޫނުން އެހެންޏާ ބައްދަލުވާއިރު ފެންނަ ހިނިތުންވުމެއް ނުފެންނަކަން މާޔަލްއަށް ފާހަގަވިއެވެ. މޫނުމަތިން ކަމެއް ދެނެގަންނަން ނޭނގުނަސް އެ ދެ ލޮލުގައިވާ އަސަރުތަކުން މާޔަލް ކައިރީ އެހެން ވާހަކައެއް ބުނާން އުޅޭ ކަހަލައެވެ.
"އޯކޭ." މާޔަލް އެއްބަސްވިއެވެ. އޭނާއަށް ވިސްނުނު ގޮތުގައި އެ ހާލަތުގައި އެއީ އެންމެ ރަނގަޅު ނިންމުމެވެ.
ސޯފާގައި އިން މަޒްހަރުގެ ގާތުގައި އިވާންއާއެކު ދުއްވާލަން ދަނީކަން ބުނެފައި މާޔަލް ގެއިން ނުކުތެވެ. ލިފްޓާ ދިމާއަށް ހިނގައިގަންނަން އުޅުނު މާޔަލް ސިހުނީ ކުއްލިއަކަށް އޭނާގެ އަތުގައި ހިފާލުމާއެކު އިވާންގެ ކައިރިޔަށް ދަމާލީމައެވެ. އޭނާގެ ގައިގާ އިވާން ބައްދާލީ ނުހަނު ބާރަށެވެ.
"އިވާން..." މާޔަލް ސިއްރުން ނަމަވެސް ހަރުކަށި ގޮތަކަށް ގޮވާލިއެވެ.
"އައި ހޭވް މިސްޑް ޔޫ." ނިކަން މަޑުމަޑުން އިވާން ބުނެލިއެވެ.
"މީހަކު ނުކުމެދާނެ. ފެނިއްޖެއްޔާ ކަމަކުނުދާނެ." މާޔަލްއަށް ބުނެވުނެވެ. އެހެންވިޔަސް އިވާން ދުރަށް ޖެހިލީ އޭނާ ހިތްހަމަޖެހުނީމައެވެ. ދުރަށް ޖެހިލުމާއެކު އޭނާ ހިފީ މާޔަލްގެ އަތުގައެވެ. ސައިކަލާ ހަމައަށް އާދެވެންދެން މާޔަލްގެ އަތުން އިވާން ދުލެއް ނުކޮށްލައެވެ.
* * * * *
ކައިރީގަ އިށީނީ ކާކުކަން އައިރިކްއަށް އެނގުނެވެ. އެހެންވިޔަސް ގޮވާލަން ބޭނުންނުވީއެވެ. މަސްފެންގަނޑަށް ފެން އޮހޭ އަޑަށް ސަމާލުކަން ދީގެން އިންފަދައިން އޭނާ އިނެވެ.
"ބައްޕަ އުޅެނީ ބަލިވެ. މަންމައާއި ބައްޕައާ މެދު ދޮންބެ ވިސްނާލިންތަ... މިހާރު އޮފީހަށް ނުނިކުމެ ނުވާނެތީ ބައްޕަ ނުކުންނަނީ. އަހަންނަކީ ދޮންބެއެއްނޫން. އަހަރެން އެކަނި ނުވާނެ އެކަމެއް. ދޮންބެ އޮފީހަށް ނުކުންނަން ބޭނުންނުވާކަން އެނގޭ. ގޭގަ ހުރެގެން އަހަންނަށް އެހީވާންވީނު. އަހަރެމެން ދެބެން ނޫނީ މަންމައާއި ބައްޕަގެ ނެތް. މަސައްކަތުގައި ދޮންބެ އެއްބައިވެއްޖެނަމަ އޭރުން ވަރަށް ބޮޑުތަން ބައްޕައަށް ލުއިވާނެ. ބައްޕަ ނުނިކުތް ނަމަވެސް އަހަރެމެންނަށް ހުރިހާކަމެއް ހިންގޭނެ. ދޮންބެއަށް ހެލްޕްވާން ގިޔާސް ފޮނުވަން ކުރީން ވިސްނީ. އެކަމަކު އޭނާގެ އެހީ އޮފީސްތެރެއަށް... އަހަންނަށް ވަރަށް މުހިންމުވާނެ. އެހެންވެ ދޮންބެއަށް ހެލްޕްވާނޭ ކުއްޖަކު ބައްޕައާ ވާހަކަދައްކާފައި ހަމަޖައްސަން ގަސްދުކޮށްފިން. އާކުއްޖެއް އެއީ. އޮފީހުގެ ހުރިހާކަމަކަށް އަދި ފެމީލިއާއެއް ނުވާނެ. ދުވާލުގެ ހުރިހާ ވަގުތެއް އޭނާ ހޭދަކުރާނީ މިގޭގައި." އައިތަންގެ ވާހަކައަށް އައިރިކް އެއްވެސް އެއްޗެއް ނުބުންޏެވެ. ހިމޭންކަމުގައި ހަރަކާތެއް ވެސް ނުކޮށް އިހު އިންހެން އިނީއެވެ. އައިތަންގެ ދެ ބުމަ ކައިރިވެލައިފިއެވެ. އޭނާ ވިސްނާލިއެވެ. ބޭބެއާ ދިމާއަށް އޭނާ އެނބުރިލިއެވެ. ވާހަކަ ނުދެއްކިޔަސް އޭނާ ބުނި އެއްޗެއް އައިރިކް އަޑު އަހައިފިކަން އައިތަން ޤަބޫލުކުރިއެވެ.
"އަހަންނަށް އެނގޭ މިވަގުތު ދޮންބެ މެރީ ކުރާކަށް ބޭނުމެއްނޫންކަން. އަހަރެން މަންމައާއި ބައްޕައާ އެ ވާހަކަ ދެއްކިން. އޮފީހުގެ މަސައްކަތްތަކުގައި އަހަންނާ ބައިވެރިވާން ހުރީ ވިއްޔާ އެމީހުން ތިބީ ކައިވެނީގެ ތާރީޚު ދޮންބެ ބުނާ އިރަކަށް ފަސްކުރާގޮތަށް. އަހަންނަށް ކޮށްދެވޭން އޮތީ މިވަރު. ބިޒްނަސްގެ ތެރެއަށް ޝަހާ ވައްދަން ބައްޕަ ޚިޔާލުކުރޭ... އައި ޑޯންޓް ވޯންޓް ދެޓް. މިވަގުތު މެރީ ކުރާން ބޭނުންނުވާއިރު ދޮންބެގެ ސެކްރެޓަރީއެއްގެ ގޮތުގައި މިގޭގައި ޝަހާ އުޅޭން ޤަބޫލުވާނޭ އަހަންނަށް ވެސް ހީނުވަނީ. ސައިކިއޭޓްރިސްޓެއް ވެސް ދެން ނާންނާނެ. ޓްރަސްޓް މީ ދޮންބޭ." ޔަގީނުން ވެސް އައިރިކް އަހަން ބޭނުންވާނޭ ވާހަކަތަކެއް ކަމުގައި އެ ވާހަކަތައް ވާނޭކަން އައިތަން ޔަގީންކުރިއެވެ.
ހިމޭންކަމުގައި އިން އައިރިކް ފަރުވާތެރިކަމާއެކު ކޮއްކޮ ދެއްކި ވާހަކަތައް އަޑު އެއްސެވެ. އެކަމަކު އޭނާއަށް ވިސްނާލަން ދަތިވަނީ މަސައްކަތް ކުރާނޭ ގޮތެކެވެ. ލޮލަށް ނުފެންނައިރު އޭނާގެ ބޭނުން ހިފޭނީ ކިހިނެއް ހެއްޔެވެ. ލިޔެކިޔުންތައް ބަލާ ހަދާނީ ކިހިނެއް ހެއްޔެވެ. ގިޔާސްއަކީ ބައްޕަގެ ޕާސަނަލް އެސިސްޓެންޓެވެ. މަސައްކަތާއި އައިރިކް ހަވާލުވުމުން ގިޔާސްވީ އޭނާގެ އެސިސްޓެންޓަށެވެ. އެއީ މަސައްކަތައް ފަރުވާ ބަހައްޓާ އިތުބާރު ހިފޭ ޒަމާންވީ މުވައްޒަފެކެވެ. އޭނާގެ ގޮތް އައިރިކްއަށް އެނގޭނެއެވެ. ތަޖުރިބާ ހުރި މީހަކަށް ކަންކަން ކުރާނޭ ގޮތް އެނގޭނެއެވެ. ނަމަވެސް މުޅީން އަލަށް މަސައްކަތާ ހަވާލުވާ ކުއްޖަކާއެކު އައިރިކްގެ ލޮލަށް ނުފެންނައިރު މަސައްކަތް ކުރެވިދާނެ ހެއްޔެވެ. ކޮންމެ ގޮތެއް ވިޔަސް އައިރިކް އަދި ޝަހާއާ ކައިވެނި ކުރާކަށް ބޭނުމެއްނޫނެވެ. އޭނާ މަސައްކަތުގައި ކޮންމެވެސް ސިފައެއްގައި ޝާމިލްވެއްޖެނަމަ ކައިވެނީގެ ތާރީޚު ފަސްކޮށްދޭނަމަ އެގޮތް ކިތަންމެހާ ވެސް ރަނގަޅެވެ. ހަމައެއާއެކު އޭނާއަށް ކައުންސިލިން ބޭނުންވާކަމުގެ ވިސްނުން ބައްޕަ ދޫކޮށްލާނެ ނަމައޭ ވެސް އައިރިކް ހުރީ ހިތަށް އަރާފައެވެ. އެކަން ވެސް އައިތަން އެ ބުނީ ހުއްޓުމަކަށް އަންނާނޭކަމެވެ. އަމިއްލަ ދިރިއުޅުމުގެ އެއްވެސް ކަމެއް އޭނާ އެހެން މީހަކާ ޚީއްޞާ ކުރާކަށް އައިރިކް ބޭނުމެއްނޫނެވެ. ޚާއްޞަކޮށް ސައިކިއޭޓްރިސްޓަކާއެވެ.
"ދޮންބޭ..." އައިރިކް ގޮނޑިން ތެދުވުމުން އައިތަން ގޮވާލިއެވެ. ކޮންމެވެސް ސިފައެއްގައި އައިރިކްގެ ފަރާތުން ޖަވާބެއް ލިބޭން އައިތަން އިނީ ބޭނުންވެފައެވެ. އޭނާ ބަލަބަލާ އިންދާ އައިރިކް ގޮސް ކޮޓަރިއަށް ވަނީއެވެ. މާޔޫސްކަން އައިތަންގެ މޫނުން ފާޅުވެލިއެވެ. ފައިގަ ދެއަތް އަޅުވާލައި ގުދުވެލަމުން އަތްތިލައިގެ ތެރޭ އައިތަން މޫނު ފޮރުވާލިއެވެ. އޭނާ ފުންނޭވާއެއް ދޫކޮށްލިއެވެ. ހިންދެމިލަމުން ތުނބުޅީގައި ކަނާއަތްތިލަ ހިންގާލިއެވެ. އައިރިކް ނުރުހުން ފާޅުނުކުރީތީ އައިތަން ދޫ ދޭން ގަސްދެއް ނުކުރިއެވެ. އޭނާ ރާވާފައި އޮތް ގޮތަށް ހުރިހާކަމެއް ކުރާނެއެވެ.
* * * * *
ޖެހިގެން އައި ދުވަހެވެ. ކޮލެޖު ނިންމާފައި މަލަކް ނުކުމެގެން އައީ މަރިޔަމްއާއެކުއެވެ. މަލަކް ސައިކަލު ނެރުމުން އޭނާގެ ފަހަތަށް މަރިޔަމް އެރިއެވެ. ދުއްވާލީ މަރިޔަމްމެން ގެއަށް ދާށެވެ. ވަކި ހިސާބަކުން މަލަކްގެ ސައިކަލާ އައިސް އެއްވަރު ކުރިތަން ފެނުނީ ދައްޔާނެވެ. ދެ އަންހެން ކުދީންނަށް ވެސް ލިބުނީ ސިހުމެވެ. ކުރީން ދުވަހު ގޮތަށް މިއަދު ވެސް އިސްވެ ގޮވާލީ ދައްޔާނެވެ. މެންދުރުގެ ވަގުތަށްވެފައި ދައްޔާނު ހުރީ ރަސްމީ ހެދުމެއްގައެވެ. އަތްދިގު ހުދު ގަމީސް އެ ކަސްރަތީ ހަށިގަނޑުގައި ބޮސްދޭ ފަދައެވެ. މަލަކްއާއި މަރިޔަމްގެ ޒުވާން ހިތް އަވަސްވެލިއެވެ. ދެ ކުދީންނަށް އެ ހަށިގަނޑަށް ބަލާލެވުނީ މީރު ކާއެއްޗަކަށް ދަހިވެ ކުޅިދިޔާވެފައި ތިބި ފަދައިންނެވެ.
"ކޮންތާކަށް؟" ދައްޔާން އަހާލިއެވެ.
"މަރީ ގެއަށް ވައްޓާލަން." މަލަކް ބުންޏެވެ.
އިތުރު ވާހަކައެއް ދައްޔާނު ނުދައްކައެވެ. މަރިޔަމްމެން ގެއާ ހަމައަށް މަލަކްގެ ސައިކަލާ އެއްވަރަށް ދުއްވަމުން ދައްޔާން އައެވެ. އެކަން ފާހަގަވެގެން މަލަކްގެ ކަންފަތް ދޮށުގައި މަރިޔަމް ސިއްރުން ވާހަކަދެއްކިއެވެ. ދައްޔާނު އަންނަނީ ކީއްވެކަމެއް އެމީހުންނަށް ވެސް ބުނާކަށް ނޭނގެއެވެ. އެހެންވިޔަސް ދައްޔާނުގެ ކޮންމެވެސް އެދުމެއް އޮވެގެންކަން އެހެން ކަންތައް އެކުރަނީ ދެނެގަންނާން މަލަކްއާއި މަރިޔަމްއަށް ވެސް އެނގެއެވެ.
"ހުޅުމާލެއަށްތަ ދަނީ." މަރިޔަމް ގެއަށް ވަނުމާއެކު ދައްޔާނު އަހާލިއެވެ. އެއާއެކު މަލަކް ހޫން ލައްވާލިއެވެ.
"އަހަރެން ވެސް." ދައްޔާނު ބުންޏެވެ.
ހުޅުމާލެއަށް އަރަންދެން ދައްޔާނު އިނީ ވިސްނާށެވެ. ދޭތެރެއަކުން މަލަކްއަށް ބަލާލައެވެ. ދެ ޒުވާނުންގެ ނަޒަރު ސީދާވެލައިފިނަމަ ލުއި ހިނިތުންވުމެއް ބަދަލުކޮށްލައެވެ.
"އަހަންނާއެކީ ލަންޗަށް ދެވިދާނެތަ؟." ގެއާ ދިމާއަށް މަލަކް މިސްރާބު ޖެހުމުގެ ކުރީން ދައްޔާނު އަހާލިއެވެ.
"ގެއަށްތަ؟." ދައްޔާނު އޮފީހުން ގެއަށް ދަނީއޭ ހީވެފައި އިނދެ މަލަކްއަށް ސުވާލުކޮށްލެވުނެވެ.
"ތަނަކަށް އަރާނީ. ރަނގަޅު ރެސްޓޯރެންޓެއް އެނގޭތަ." ވެރިވި ހިނިތުންވުން ވަގުތުން ފޮރުވަމުން ދައްޔާނު ބުންޏެވެ.
މަލަކްއަށް ތަނެއް ބުނާން ނޭނގުނެވެ. އޭނާ ބުނާ ތަނެއް ދައްޔާނަށް ކަމުނުގޮސްފާނޭ ވިސްނާފައި އޭނާ ގަސްދުގައި ނުބުނީއެވެ. ދެ ޒުވާނުން އައިސް ސައިކަލު މަޑުކޮށްލީ އަތިރިމަތީން ދައްޔާނު ޚިޔާރުކުރި ރެސްޓޯރެންޓު ކައިރިއަށެވެ. އެތެރެއަށް ވަދެގެން އައި އިރު ތަނުގައި ފުދޭ ވަރަކަށް މީހުން މޭޒުތަކުގައި ތިއްބެވެ. ދެ ޒުވާނުން މޭޒު ދޮށުގައި އިށީނުމާއެކު ވެއިޓަރަކު އަތުވެއްޖެއެވެ. ފުރަތަމަ ދައްޔާނު ބެލީ ކާއެއްޗިއްސަށް އޯޑަރު ދޭށެވެ. އެމީހުންގެ އޯޑަރު ނަގައިގެން ވެއިޓަރު މޭޒުދޮށުން ދުރަށް ދިއުމާއެކު ދައްޔާނުގެ ނަޒަރު ކުރިމަތީ އިން މަލަކްއަށް ހުއްޓުނެވެ.
"ފަހު އަހަރު ދޯ" ދައްޔާނު އަހާލިއެވެ. އެއާއެކު މަލަކް ބޯޖަހާލީއެވެ.
"ލައިފް ކިހިނެއް؟." ދައްޔާނު އަހާލިއެވެ.
"އޯކޭ. ދައްޔާނުގެ ލައިފް ކިހިނެއް؟. ރެސްޓޯރެންޓަށް އެރޭ އެ ފެނުނީ ޔޫގެ ގާލްފްރެންޑްތަ؟." މަލަކްގެ ހިތުގައި އޮތް ސުވާލު ބޭރުކޮށްލިއެވެ. (ނުނިމޭ)