ދުނިޔެ

ހުޅަނގާ ހެދި ކިޔޭވްއަށް މަޝްވަރާ ކުރަން ދަތި: ރަޝިއާ

Jun 27, 2022

ހުޅަނގުން ޔުކްރޭނަށް ދޭ އިރުޝާދަކީ ހުއްޓާނުލައި ހަނގުރާމަ ކުރުން ކަމަށް ރަޝިއާއިން ބުނެފި އެވެ.

ރަޝިއަން ފެޑެރޭޝަން ކައުންސިލްގެ ޗެއާވުމަން ވެލެންޓީނާ މެޓްވިޔެންކޯ ވިދާޅުވި ގޮތުގައި މަޝްވަރާ ކުރުމުގެ ހުއްދައެއް ކިޔޭވްއަކަށް ނެތެވެ. އޭނާ އަދި ވިދާޅުވީ ރަޝިއާ އާއެކު މަޝްވަރާ ކުރުމަކީ ބޭނުންތެރި ކަމެއް ނޫން ކަމަށް ބުނެ ހުޅަނގުން ދަނީ ޔުކްރޭނަށް ވިސްނައިދެމުން ކަމަށެވެ.

ވެލެންޓީނާ މެޓްވިޔެންކޯ ވިދާޅުވި ގޮތުގައި ޔުުކްރޭންގެ ރައީސް، ވޮލޮދީމިއާ ޒެލެންސްކީ އަކީ އެމެރިކާ ބުނާހާ ގޮތެއް ހަދާ ޕަޕެޓެއްކަން އެންމެން ވެސް ދަނެ އެވެ. އޭނާ އަދި ވިދާޅުވީ ގައުމަށް ފައިދާ އޮތީ ކޮން ގޮތެއްގައިތޯ ޒެލެންސްކީ ނުވިސްނަވާ ކަމަށެވެ.

ޔުކްރޭނަށް އެންމެ ރަނގަޅު ގޮތަކީ މަޝްވަރާތައް ފެށުން ކަމަށް ވެސް މެޓްވިޔެންކޯ ވިދާޅުވި އެވެ. މަޝްވަރާ މޭށުދޮށަށް ވަޑައިގަތުމާއި ވަޑައި ނުގަތުމުގެ އިޚުތިޔާރު ޒެލެންސްކީއަށް ނޯންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ގައުމުގެ ރައީސްގެ ހައިސިއްޔަތުން ޒެލެންސްކީއަށް މުހިންމުވާން ޖެހޭނީ ރައްޔިތުން ކަމަށް ވެސް ވެލެންޓީނާ މެޓްވިޔެންކޯ ވިދާޅުވި އެވެ. ގައުމު ބަލިކަށިވާ ޒާތުގެ އެއްވެސް ކަމެއް އަމިއްލަ އިޚުތިޔާރަށް ދޫކޮށް ނުލެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރަޝިއާ އާއި ޔުކްރޭން ސުލްހަކުރަން ދުނިޔެ ކުރިހައި ކަމެއް ވަނީ ފޭލިވެފަ އެވެ. ތުރުކީ މެދުވެރިއެއްގެ ދައުރަށް ނުކުމެ ކުރި މަސައްކަތަކުން ވެސް ރަނގަޅު ނަތީޖާއެއް ނުލިބުނެވެ.

އެހެން ނަމަވެސް، ތަންދޮރު ދަންނަ މީހުން ބުނާ ގޮތުން ޔުކްރޭނަށް އެންމެ ފައިދާ ބޮޑު ގޮތަކީ ރަޝިއާއާ މަޝްވަރާ ކުރުމެވެ. އެ ނޫން ގޮތެއްގައި ޔުކްރޭނަށް ހަމަޖެހިގެން ނޯވެވޭނެ ކަމަށް ވެސް ދުރުވިސްނޭ މީހުން ބުނެ އެވެ.