މާރިޔާ އަހުމަދު ދީދީ

ދަރިފުޅުގެ ބަދުއަހްލާގީ ވީޑިއޯއެއް ނޫޅޭނެ: މާރިޔާ

Jun 27, 2022
2

ދަރިފުޅުގެ ބަދުއަހްލާގީ އަމަލު ހިންގާ ވީޑިއޯއެއް ނޯންނާނެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ޔަގީންކޮށްދެއްވައިފި އެވެ.

މިނިސްޓަރު މާރިޔާ މިހެން ވިދާޅުވެފައި މިވަނީ މިހާރު ދައުރުވަމުންދާ ސިޔާސީ ބޭފުޅުންގެ ބަދުއަހްލާގީ މަންޒަރުތައް ދައްކުވައިދޭ ފޮޓޯތަކާއި ވީޑިއޯތަކުގެ ތެރޭގައި މާރިޔާގެ ދޮށީ ފިރިހެން ދަރިފުޅު އައްފާންގެ ވީޑިއޯ ވެސް ހިމެނޭ ކަމަށް ބުނަމުންދާ ވަގުތެއްގަ އެވެ.

މިވާހަކަތައް ޔަގީންކުރުމުގެ ގޮތުން ދަރިފުޅުގެ އެފަދަ ވީޑިއޯއެއް އޮވެދާނެތޯ ނޫސްވެރިޔަކު މާރިޔާއަށް މެސެޖުކޮށް ސުވާލުކުރުމުން އެކަމަނާ ވަނީ އެ މެސެޖުގެ ސްކްރީންޝޮޓް ޓްވީޓް ކުރައްވާފަ އެވެ.

ނޫސްވެރިޔާ އަށް ދެއްވި ޖަވާބުގައި މާރިޔާ ވިދާޅުވީ އެއްވެސް މީހަކު އެކަމަނާގެ ދަރިފުޅު ބްލެކްމެއިލް ނުކުރާ ކަމަށެވެ. އަދި އެއްވެސް މީހަކާ އެކު ދަރިފުޅު ބަދުއަހްލާގީ އަމަލު ހިންގާ މަންޒަރު ދައްކުވައިދޭ ވީޑިއޯ ނުހުންނާނެ ކަމަށެވެ.

ސްކްރީންޝޮޓް ޓްވީޓް ކުރައްވަމުން މާރިޔާ އިތުރަށް ވިދާޅުވީ ކޮންމެ ވާހަކައެއްގެ ތެރެއަށް އެކަމަނާގެ ކުދިން ހިމަނައިގެން ސުރުހީ ހެދޭތޯ ބައެއް މީހުން ބައެއް ބަލަމުންދާ ކަމަށެވެ.

"ސިޔާސީ ސަބަބަށްޓަކައި ދަރިންނާއި ބެހުން އެބަހުއްޓެން ޖެހޭ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއީ ސިޔާސީ ދާއިރާގައި އުޅޭ އަންހެނުންނަށް ކުރާ ދުއްތުރާލެއް،" މާރިޔާ ވިދާޅުވި އެވެ.

ސިޔާސީ ބައެއް ބޭފުޅުން އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ދައްކުވައިދޭ ވީޑިއޯތަކެއްގެ މައްސަލަތައް ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލް ފުލުހުން އަދި ހިއްސާއެއް ނުކުރެ އެވެ.